މަސައްކަތްކޮށް ފައިސާ ހޯދުމަކީ އުފާވެރި ދިރިއުޅުމެއް އުޅުމަށް އެދޭމީހަކު ކުރާނެ ކަމެކެވެ. ބައެއް މީހުން ހައްޓަށް ބުރަ މަސައްކަތްތައް ކުރާއިރު، އަނެއްބައި މީހުންނަކީ ސިކުޑި ‘ގާނައިގެން’ ފައިސާ ހޯދުމަށް މަސައްކަތް ކުރާމީހުންނެވެ. އަނެއް ބަޔަކީ، އާއިލީ މުއްސަނދިކަމުން ނުވަތަ ލިބިފައިވާ މުއްސަނދި ކަމެއްގެ ސަބަބުން މަސައްކަތެއް ނުކުރިޔަސް ދިރިއުޅެވޭނެ ވަރަށް އާމްދަނީ ލިބޭ މީހުންނެވެ. ކޮންމެ ވަޒީފާއެއްގައި އުޅުނުނަމަވެސް، ދިރިއުޅުމުގެ އަސާސީ ކަންކަން ބަދަލެއް ނުވެއެވެ. ކެއުން ބުއިމާއި ސިއްޙީ ފަރުވާއާއި ތަޢުލީމާއި ބޯހިޔާވަހިކަމަކީ ކޮންމެ މީހަކަށްވެސް ބޭނުންވާނެކަންކަމެވެ. ‘ބޭނުންވާ’ ފެންވަރު ތަފާތުވިނަމަވެސް، މިކަންކަމާއި ނުލައި އެމީހަކަށް ދިރިނޫޅެވޭނެ ނުވަތަ ދިރިއުޅެން އުނދަގޫވާނެކަންކަމެވެ. މިކަންކަން ތަފާތު ނުވާއިރު، ދައުލަތުން އިސްނަގައިގެން ބައެއް ވަޒީފާތަކުގެ އުޅޭ މީހުންނަށް “މާ ރަނގަޅު ގޮތްތަކެއް” ހޯދައިދޭން މަސައްކަތްކުރުމަކީ މާ ހަމަޖެހޭ ކަމެއްކަމުގައި އަޅުގަނޑަށް ޤަބޫލެއްނުކުރަމެވެ.
ދައުލަތުގެ އެކި އެކި ވަޒީފާތަކުގައި ނުވަތަ ޚިދުމަތްތަކުގައި ވަޒީފާ އަދާކުރާ މީހުންނަށް ޚާއްސަ، އެކި ފެންވަރުގެ ފްލެޓްތަކާއި ރޯހައުސްތައް ކަނޑައެޅުމަކީ މީގައި ދެކޮޅުނުޖެހޭ ގިނަކަންކަން އެކުލެވިފައިވާ ކަމެކެވެ. ޓީޗަރަކަށް ވީތީ، ފުލުހަކަށް ވީތީ، ސިފައިންގެ ބޭކަލަކަށްވީތީ ބޯހިޔާވެހިކަން ޙާއްސަވާންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނެއެވެ. ނުވެސް ފެންނާނެއެވެ. އެންމެން ވެސް އަދާކުރަނީ ވަޒީފާއެވެ. އެމީހެއްގެ އިންޓްރެސްޓް ހުރި ވަޒީފާތަކެވެ. ނުވަތަ ފައިސާ ހޯދަން މަޖުބޫރުވުމުން އަދާކުރާ ވަޒީފާއެވެ. ސިވިލް ސަރވަންޓަކަށް ނުވީތީ، އެމީހަކު ދިރިއުޅޭނެ ފްލެޓެއް ނުލިބޭގޮތަށް ނުވަތަ ހޯދަން އުނދަގޫވާގޮތަށް ދައުލަތުގެ ފަރާތުން ކަންކަން ފަހިކޮށްފައި އޮތުމަކީ މިދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ދައުލަތުގެ ފަރާތުން ބާއްވަންޖެހޭ ހަމަހަމަކަން ނުދަމަހައްޓާކަމުގެ ހެއްކެއްކަމުގައި ޤަބޫލުކުރަންޖެހެއެވެ.
ޓީޗަރުންނަށާއި، ފުލުހުންނަށާއި އަދި މިނޫންވެސް ދައުލަތުގެ މާލިއްޔާތުން ޚަރަދުކުރާ ނުވަތަ ވަކި ވަޒީފާތަކެއް އަދާކުރާ މީހުންނަށް ފްލެޓްތައް ޚާއްސަކުރުމަކީ އެހެން ވަޒީފާތަކުގައި އުޅޭ ފަރާތްތަކުގައި މޫނުމަތީގައި ޖަހާ ތަފާލެކެވެ. އެމީހަކު އަދާކުރާ ވަޒީފާއަކީ މާ ދަށް ފެންވަރެއްގެ ވަޒީފާއެއް ކަމުގައި ބެލުމުގެ ފުރުޞަތު އޮންނާނެކަމެކެވެ. ދަޢުލަތަށް މީހުން ޚިދުމަތް ކޮށްދެނީ ހިލޭ ސާބަހަކަށް ނޫނެވެ. ޤައުމީ ދިފާއުގައި މޭތައް ދިއްކުރަން ސިފައިން ތައްޔާރުވެފައި ނުވަތަ ކޮށްފައި ހުންނަނީ އެމީހުންނަށް އެކަށީގެންވާ އާމްދަނީއެއް ނުލިބޭގޮތަކަށް ނޫނެވެ. ޓީޗަރުން ކިޔަވާދެނީ މަހަކު އެއްފަހަރު އެމީހުންގެ އަމިއްލަ އެކައުންޓުގެ ބެލެންސް އިތުރުނުވާ ގޮތަކަށެއް ނޫނެވެ. މީގެ އިތުރުން މިމީހުންނަށް ވަކި ޙާއްސަ ކަންކަމެއް ކޮންދެންޖެހެންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނެއެވެ. އޭގެ ޒާތުގައި ކޮންމެ މީހަކީވެސް މަސައްކަތެއް ކުރާނަމަ، ޤައުމަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރާނެ ބައެކެވެ. މިސާލަކަށް ސިފައިންގެ ބޭކަލުން ފަޚުރުވެރި ކަމާއިއެކު ‘ތުރުކުރައްވާ’ ސިފައިންގެ ޔުނިފޯރމް ފަހާނެ ބައެއް ނެތްނަމަ އެ ‘ފަޚުރުވެރިކަން މަތީ’ ތިބެވޭނެހެއްޔެވެ؟ ނޫނީ، ޓީޗަރުންނަށް އެމީހުންނަށް ބޭނުންވާ މާކަރު ސަޕުލައިކޮށްދޭން ވިޔަފާރިތައް ނުހިންގާނަމަ އެމީހުންނަށް ކިޔަވާ ދެވޭނެހެއްޔެވެ؟ މިދެންނެވި ފެހުމުގެ މަސައްކަތް ކުރާމީހުންނާއި، ސައިޕްލައި ކުރުމަށް އަމިއްލަ ވިޔަފާރިއެއްގައި މަސައްކަތްކުރާ ‘ޑެލިވަރީ ބޯއި’ އަށް ދައުލަތުން ބިނާކުރާ ފްލެޓްތަކަށް ކުރިމަތި ނުލެވޭންވީ އެއްވެސް ސަބަބެއް އޮތުމަކީ ހަމަޖެހޭ ކަމެއްހެއްޔެވެ؟
އެއްވެސް ޙާލެއްގައި ސިވިލް ސަރވިސް މުއައްޒަފުންނާއި، ދިފާއި ބާރުތަކާއި ޓީޗަރުން ކުރާ މަސައްކަތްތަކަކީ މުހިންމު ނޫން މަސައްކަތްތަކެއް ކަމުގައި ނުބުނަމެވެ. އެފަރާތްތަކަކީވެސް ޤައުމު ބިނާކުރުމުގައްޔާއި ޤައުމު ދިފާއުކުރުމަށް ގިނަ ގުނަ ބޮޑު މަސައްކަތްތަކެއް ކުރަމުން އަންނަ ބައެކެވެ. ކުރާނެވެސް ބައެކެވެ. އެކަމުގެ އަގު ވަޒަން ކުރަންޖެހެނީ އެމީހުންނަށް ދޭ ނުވަތަ ދެވޭ އާމްދަނީ އިން ކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ. އެއްވެސް ޙާލެއްގައި އަސާސީ ބޭނުންތައް އެމީހުންނަށް މާ މުހިންމުވެ، އެހެން މީހުންނަށް މުހިންމު ނުވާ ފަދަގޮތަކަށް ނުވަތަ އެގޮތަށް ހީވާފަދަގޮތަކަށް ދައުލަތުގެ ފަރާތުން ޕޮލިސީތައް އެކުލަވާލުމަކީ އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް ބޮޑާވުމަށް ލިބޭ ބާރަކަށް ވެގެން ހިނގައިދާނެއެވެ. އަދާކުރާ ވަޒީފާގެ ގޮތުން މުޖްތަމަޢުގައި ތިމާއަށް ކުރާ އިޚްތިރާމް ކުޑަވެގެން ދިޔުމަށް ކޮށޭމަގަކަށް ވެގެން ހިނގައިދާނެއެވެ. ބައެއް ވަޒީފާތައް އަދާކުރުމަށް ދިވެހިން ޖެހިލުންވާ ނުވަތަ ބޭނުންނުވާ ނުވުމަށް ލިބޭ އިތުރު ހިއްވަރަކަށް ވެގެން ހިނގައިދާނެއެވެ. އަޅުގަނޑު އެދެނީ، ދައުލަތުގެ ފަރާތުން ނުވަތަ ދައުލަތުގެ ބައިވެރިވުން ހިމެނޭގޮތަށް ހަދާ ފްލެޓްތަކަކީ އެންމެހާ ދިވެހީންނަށް ކުރިމަތުލުމުގެ ފުރުސަތު ހަމަހަމަގޮތެއްގައި ލިބިދެވޭނެ ތަންތަން ކަމުގައިވުމެވެ. އެފްލެޓްތައް ލިބެންވާ އެންމެ ހައްޤު ފަރާތްތަކަށް ފްލެޓް ލިބުމުގެ މަގުފަހިކުރުމަށެވެ.
ދެން އޮތީ ބޭސްފަރުވާގެ ވާހަކައެވެ. ޚާއްސަކޮށް ދައުލަތުގެ އެކި ފެންވަރުގެ ވެރިންނާއި އިންތިޚާބީ މަޤާމްތަކުގައި ތިބި މީހުންނަށް މިއޮންނަ ބޭސްފަރުވާގެ އިނާޔަތްތަކުގެ ވާހަކައެވެ.
ކޮންމެ ދިވެހިރައްޔިތަކީވެސް މުޙިއްމު ރައްޔިތެކެވެ. އަދާކުރާ ވަޒީފާގެ ގޮތުން ނުވަތަ ހުންނަ މަޤާމެއްގެ ގޮތުން ދޭންޖެހޭ އިނާޔަތްތަކެއް ހުންނާނެކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. ސެކިއުރިޓީއާއި އަދި މިނޫންވެސް މަޤާމްގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ޚިދުމަތްތަކާއި އެކަށީގެންވާ އެލަވަންސްތައް ދިނުމަކީ މައްސަލައެއްކަމުގައި ނުދެކެމެވެ. ނަމަވެސް، ވަކި މަޤާމެއްގައި ހުރީތީ ދިވެހިރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ދައްކަމަށް އަމިއްލަޔަށް އިއުތިރާފްވެ، އަވަށްޓެރި ޤައުމުތަކުންނާއި އާސިއާން ސަރަޚައްދުގެ ޤައުމުތަކުންނާއި އަދި މިނޫންވެސް ދުނިޔޭގެ ފެންވަރު ރަނގަޅު ސިއްޚީ ފަރުވާ ހޯދުމަށް ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ދިޔުމަކީ ލަދުވެތިވާންޖެހޭނެކަމެކެވެ. ދައުލަތުގެ އިސްމަޤާމްތަކުގައި ތިއްބަވާ ބޭފުޅުންނާއި އެބޭފުޅުންގެ އާއިލާގެ ބޭސްފަރުވާގެ ކަންކަން ރާއްޖެއިން ބޭރުން، އަވައްޓެރި ޤައުމުތަކާއިވެސް މާދުރުން، މާކުރިއަރާފައިވާ ޤައުމުތަކުން ލިބޭނެގޮތް ހަމަޖައްސާފައިވާއިރު ރާއްޖޭގެ ސިއްޚީ ޙާލަތު ރަނގަޅުކުރަން އެކަށޭނެ މަސައްކަތްތަކެއް ކުރެވިދާނެކަމަށް ޤަބޫލުކުރެވޭހެއްޔެވެ؟
ރައްޔިތުން ބުރަމަސައްކަތް ކޮށްގެން ހޯދާ ފައިސާކޮޅު ޓެކުހުގެ ގޮތުގައި ނަގައި، ދައުލަތުގެ އެކި ފަންތީގެ ވެރިންނާއި އެބޭފުޅުންގެ ޢާއިލާގެ ސިއްޙަތާއި ފުރާނައަކީ އެހެން ދިވެހިރައްޔިތުންގެ ސިއްޙަތާއި ފުރާނައަށްވުރެ މާމޮޅު، މަތީފަންތީގެ “ފުރާނައެއް” ކަމަށް ޤަބޫލުކުރެ ވެނީކަމުގައިވެސް ވެދާނެއެވެ. އެހެން ނޫންނަމަ، ސިއްޙީ ޚިދުމަތް ހޯދުމަށް އާންމު ރައްޔިތުންނާއި، ދައުލަތުގެ އިސްމަޤާމްތަކުގެ ވެރިންނާއި މިހާބޮޑު ތަފާތެއްބެހެއްޓުމަށް އެއްބަސްވެ، އެގޮތަށް ޢަމަލުކުރާތަނެއް ނުފެންނާނެއެވެ.
މިލިޔުން ނިންމާލުމުގެ ކުރިން، ދާދި އިހަކަށްދުވަހު ދިވެހިރައްޔިތުންނަށް ފެނިގެންދިޔަ ރަނގަޅު އަދި ލާމަސީލު މިސާލެއްގެ ވާހަކަ ދައްކާލާނަމެވެ. މިދައްކަން އުޅެނީ، ރައީސް ޔާމީންގެ އާއިލާއިން ދިވެހި ރައްޔިތުންނަށް ދައްކުވައިދެއްވި ފުރިހަމަ ނަމޫނާގެ ވާހަކައެވެ. ދައުލަތުގެ މަތީމަޤާމުތަކުގައި ތިއްބެވި އެހެންބޭފުޅުންނަށް ދައްކުވައިދެއްވި ނަމޫނާގެ ވާހަކައެވެ. ފިނިފެންމާ ލޯންޗުކޮޅުގައި ހިނގާދިޔަ ހިތާމަވެރި ހާދިސާއާއި ގުޅިގެން ރައީސް ޔާމީންގެ އަނބިކަނބަލުންނަށް ލިބުނު އަނިޔާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ހޯއްދެވި ފަރުވާގެ ވާހަކައެވެ. މިއީ ރަނގަޅު ފާލެއްކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ. މި ކުޑަކުޑަ އާބާދީއަށް އެކަށޭނެ ޑޮކްޓަރުން ނާއި، ސިއްޙީފަރުވާދެވޭނެ ނިޒާމްތައް ޤާއިމްކުރުމަށް ތަންކޮޅެއް ދުރުންނަމަވެސް ފެނިގެންދިޔަ އަލިކަމެއްކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވެއެވެ.
ކޮންމެއަކަސް، އަޅުގަނޑު އެދެނީ އެންމެނަށް ހަމަ ހަމަ ޢުސޫލުތަކެއްގެ މަތީން އަސާސީ ކަންކަން ފަހިވުމެވެ. ބޭސްފަރުވާއާއި ބޯހިޔާވަހިކަމާއި ތަޢުލީމަކީ ވަކި ބަޔަކަށް ނުވަތަ ވަކި ވަޒީފާތަކަކަށް ޚާއްސަ އެއްޗެއްކަމުގައިވެފައިވާ އޮތުން ބަދަލުވެ، ދިވެހި ހުރިހާރައްޔިތުންނަށް ހަމަހަމަ ކަމާއިއެކު މިޚިދުމަތްތައް ލިބި، މަތީފެންވަރުގައި ދިރިއުޅުން ވޭތުކުރުމުގެ ޤާބިލިއްޔަތުކަން ލިބިފައިވާ ރައްޔިތެއް ދިރިއުޅޭ ޤައުމަކަށް މިޤައުމުވުމެވެ.