ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކުގެ ރައްޔިތުން، ކާމޭޒުމަތީގައި ނުވަތަ އާއިލީ ބައްދަލުވުންތަކުގައި ދައްކަން ހެޔޮނުވާވަރުގެ ވާހަކަތަކުގެ ލިސްޓްގެ އެންމެކުރީގައި އެމީހެއްގެ ސިޔާސީ ފިކުރުގެ ވާހަކަދެއްކުން ހިމަނާފައިވަނީ، ސިޔާސީ އެކި އެކި ފިކުރުތަކުގެ މީހުން ނޫޅޭތީޔަކީ އެއްނޫނެވެ. ނަމަވެސް، އެކަމުގެ ސަބަބުން ލިބޭނެ އެއްވެސް ހެޔޮ ނަތީޖާއެއް ނޯންނާނެތީއެވެ. ދޭދޭ ފަރުދުންގެ ގުޅުމަށާއި، އާޢިލީ ގުޅުމަށް ލިބިދާނެ ގެއްލުމަކަށްޓަކައެވެ. އެމީހުން ޤަބޫލުކުރާގޮތުގައި، ސިޔާސީ ގޮތުން ކުރަންޖެހޭ ކަންކަންކުރުމަކީ ސިޔާސީ ބޭފުޅުންގެ ޒިންމާއެކެވެ. ކަންކަމުގައި މަޝްވަރާކޮށް، ރައްޔިތުންނަށް އެންމެ މަންފާހުރި ގޮތަކަށް ކަންކަން ނިންމުމުގެ ބުރަ މަސްއޫލިއްޔަތު މިޤައުމު ތަކުގެ ރައްޔިތުން ޙަވާލުކޮށްފައިވަނީ ސިޔާސީ ބޭފުޅުންނާއެވެ. ރައްޔިތުންގެ މަސްއޫލިއްޔަތެއް ކަމުގައި ދެކެނީ އެކަމަށް އެކަށޭނެ، ކަމަށް ޤާބިލް ބޭފުޅުންނަށް ވޯޓު ދިނުމެވެ. އެބޭފުޅުން ދައްކާ ވާހަކަ ކަނުލައި އަޑުއަހައި، ކުރައްވާފައިވާ ކަންކަން ދިރާސާކޮށް، އެމީހަކުއެލާ ވޯޓަކީ ޒިންމާދާރުގޮތެއްގައި ލެވޭ ވޯޓަކަށް ހެދުމުން، ސިޔާސީ ގޮތުން އެމީހަކު އުފުލަންޖެހޭ ޒިންމާ އަދާކުރެވުނީކަމުގައި މިޤައުމުތަކުގެ ރައްޔިތުން ދެކެއެވެ.
ނަމަވެސް، އަހަރެމެންގެ މިދިވެހިރާއްޖެއިން މިހާރު ފެންނަމުން މިދަނީ މިއާ ދިމާ އިދިކޮޅު މަންޒަރު ތަކެކެވެ. މިފެންނަނީ ދެލޯ މަރައިގެން ތިބެ ސިޔާސީ ބޭފުޅުން ދައްކާވާހަކަތައް ޤަބޫލުކުރާތަނެވެ. ތިމާއަށް މިވޯޓު ދެވެނީ ކިހާވަރެއްގެ ބޭފުޅަކަށްކަން ނޭނގި، ކުލަޔަށް ވޯޓްލާ ތަނެވެ. އަދި ކޮންމެ މީހަކީވެސް ސިޔާސީ މާހިރެއްކަމުގައި ޤަބޫލުކޮށް، މިދެކެވެނީ ކޮންވާހަކައެއްކަން ނޭނގޭ ޙާލުވެސް، ގާތްތިމާގެ ރައްޓެހިންނާއި މޫނުކެނޑި، ކަނޑިޔާ ކަނޑި ވަންދެން “ސިޔާސީ ވާހަކަ” ދައްކާ ތަނެވެ. ކުރިން ރަށްކުރިއަރުވާ ކޮމެޓީތަކުން ކުރަމުން އައި، މުޖްތަމަޢުއަށް ފައިދާ ހުރި އެތަކެއްކަމެއް ކުރުން ދޫކޮށްލައި، ހޮޅުއަށީގައި ޒުވާބު ކުރަން ތިބޭތަނެވެ. ބައެއްފަހަރު މިޒުވާބުތައް ހޫނުވެ، ތަޅާފޮޅުމާއި މާރާމާރީ ހިންގާ ހިސާބަށްވެސް ކަންތައްތައް ގޮސްފައި އެބަހުއްޓެވެ. ސައިހޮޓަލުގަ ހުންނަ ޓީވީ އާއި ތަށި ފަދަތަކެތި ތަޅާހެދުމަކީ މިހާރު މަދުންނަމަވެސް ފެންނަ މަންޒަރުތަކެވެ. ނަތީޖާއަކަށްވަނީ، އަވައްޓެރިންގެ ތެރޭގައި ރުޅިވެރިކަން އުފެދުމެވެ. އާއިލާގެ ތެރޭގައި އޮންނަ ހަމަޖެހުން ނެތިގޮސް، އަޚްވަންތަކަމުގެ ގުޅުން ކެނޑިގެން ދިޔުމެވެ. މުޖްތަމަޢުތެރޭގައި އޮންނަންވާ ގުޅުން، ނުވަތަ ކުރިން ދެންނެވި ފަދައިން، އިޖްތިމާޢީ ފޭރާން ބަލިކަށިވެގެން ދާތަނެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްޤެކެވެ. ދިވެހިރާއްޖޭގެ ނޫ ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދިން އެންމެ މުހިއްމު އެއް ބާރަކީވެސް މިއެވެ. ނަމަވެސް، މި މިނިވަންކަމުގެ ބޭނުން ކޮންމެ ރައްޔިތަކުވެސް ހިފަންވާނީ ޒިންމާދާރުކަމާ އެކީގައެވެ. ވާހަކަ ދައްކަންޖެހޭ ވަގުތާއި، ތަނާއި، ޙާލަތާއި، ތިމާގެ ވަށައިގެން އެވަގުތަކު އުޅޭ މީހުންނާއި، މިކަންކަމަކީ ތިމާގެ ދުލުން ބަހެއް ބޭރުކުރުމުގެ ކުރިން ވިސްނާލަންޖެހޭ ކަންކަމެވެ. އެއްވެސް ޙާލެއްގައި ސިޔާސީ ވާހަކަ ނުދައްކާށޭ އަޅުގަނޑު ނުދަންނަވަމެވެ. ނަމަވެސް، އެދެއްކޭ ވާހަކައަކުން ފަހުން ވާނެ ގޮތަކާއިމެދު ވިސްނާލުމަކީ ނެތްކަމެއް ނޫނެވެ. އެދެއްކޭ ވާހަކައެއްގެ ސަބަބުން ގާތްތިމާގެ ރައްޓެހިން ހަތުރުންނަށް ވާކަމުގައި ވަނީނަމަ، އެންމެ ރަނގަޅުގޮތަކީ ކޮބާކަން އެންމެންނަށްވެސް އިނގޭނެއެވެ. ވާހަކައެއް ދައްކަން ފަށަން އެނގުނު ފަދައިން، އެވާހަކައެއް ހުއްޓާލަންޖެހޭ ވަގުތު އައުމުން، އެވާހަކަ ހުއްޓާލަންވެސް އެނގެންޖެހެއެވެ. މުހިންމީ މުޖްތަމަޢުގެ ހަމަޖެހުމާއި، އަމަންއަމާން ކަމުގައި ދިރިއުޅުމުގެ މަގު ފަހިވެފައި އޮތުންތޯއެވެ؟ މުޖްތަމަޢުގައި ދިރިއުޅޭ އެކަކު އަނެކަކާ އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކުވެރިކަމާ އެކު ދިރިއުޅުމުގެ މަގު ފަހިވެފައި އޮތުންތޯއެވެ؟ ނޫނީ، ސިޔާސީ ވާހަކައިގެ ތެރޭގައި މުޅިރާއްޖެ ޣަރަގުވެ، ފުންމިން ނޭނގޭ ވަޅުގަނޑަކަށް މި ލޮބުވެތި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ވެއްޓުންތޯއެވެ؟