ސަޔަށް ދިޔުމަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ކުރަމުން އައި، އަދި މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ. ޒަމާނުގެ ތަރައްޤީއާއި ތަހުޒީބުގެ ތެރެއިން ގޭގެ ބޮޑުއަށިތަކާއި ކާމޭޒުތަކުން ނިކުމެ ސައިބޯ ހޮޓާތަކާއި ކެފޭތަކުން އެއްޗެއް ކަޅެއް ބޮމުންއައިސް، މިހާރު މިވަނީ ކޮފީއަށް ދިޔުމަށް ބަދަލުވެފައެވެ. ކުރިން ސައެއްބޯލުމަށް ވަންނަނީ ބަނޑުހައި ފިލުވާލުމަށްކަމުގައި ވީނަމަވެސް، މިހާރު އާންމުކޮށް މީހުން މިކިޔާ ކޮފީތަކަށް ގޮސްއުޅެނީ، ރައްޓެހިންނާއި ބައްދަލުކޮށްލާށެވެ. ނުވަތަ ތިމާގެ އަމިއްލަ ވާހަކައެއް އެހެންމީހަކާއި އެކު، ނޫނީ ބަޔަކާއި އެކު ހިއްސާކޮށްލުމުގެ ބޭނުމުގައެވެ. ފޫހިވެ ކުރާނެ ކަމެއްނެތިގެންވެސް ކޮފީމޭޒުދޮށަށް މީހުން ޖަމާވާކަމަށް ވެއެވެ. ދުވަހުގެ ބޮޑުބައެއް ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަތަންތަނުގައި ބޭކާރުކޮށްލުމަކީވެސް މިހާރުގެ ގިނަ ޒުވާނުންގެ މެދުގައި އާންމުކަމެކެވެ. ވަގުތުތައް މިގޮތުގައި ހޭދަކޮށް، ނިސްބަތުން ބޮޑު ހޭދައެއް ‘ސަޔަށް’ ނުވަތަ ‘ކޮފީއަށް’ ޚަރަދުވުމުގައި އަޅުގަނޑުމެންގެ މުޖުތަމަޢު މިހާރު ބައްޓަންވެފައިވާގޮތް ވަރަށް ބޮޑުބާރަކަށް ވެގެންދެއެވެ. އަދި މިކަމަކީ ގިނަ ދިވެހިޒުވާނުންގެ ކަށީގައި ހިފައިފައިވާ، އަވަސް މުސްތަޤުބަލެއްގައި ދޫކޮށްލުން މުހިއްމުކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.

ގޭގޭގައި ހުރި ބޮޑުފެންޑާތައް ނެތިގޮސް، އެތަންތަނުގައި އެލުވާފައިވާ ބޮޑެތި ލަކުޑި އުނދޯލިތައް ގެއްލި، ރައްޓެހިންނާއާއިއެކު ވާހަކަދައްކާލަން ތިބެލެވޭވަރުގެ ސިޓިންގރޫމެއްހާ ހިސާބުވެސް ނެތްގޭގެ ވެރިރަށް މާލޭގައި މަދެއްނޫނެވެ. މިއީވެސް ޒުވާނުންގެ ވަގުތުތައް ކޮފީގައި ހޭދަކޮށްލުމަށް ލިބޭ ބާރަކަށް ވެއެވެ. މިކަމުގައި މާބޮޑު ހައްލެއް ނެތްކަމުގައިވިޔަސް، ބެލެވެރިންގެ ލޯތަކުން ނެއްޓި އެކުދިން ކުރާކަމެއް ކޮންމެވެސް ވަރަކަށް ބަލާލުމަކީ ނެތްކަމެއް ނޫނެވެ. ފޯނުން ގުޅާލާ، އެކުދިން އުޅެނީ ކޮންބަޔަކާއެކީތޯ އުޅެނީ ކޮންތަނެއްގައިތޯ ބަލާލުމަކީ އަޅުގަނޑުގެ ނަޒަރުގައި މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ މައްޗަށްއޮތް ޒިންމާއެކެވެ. ވާޖިބެކެވެ.

މައްސަލައަކީ ކޮފީއެއް ނޫނީ ސައިތަށްޓެއް ބޯލަން ދިޔުމެއްނޫނެވެ. ނޫނީ ރައްޓެހިންނާއިއެކު ސަކަމަޖާ ވާހަކައިގައި ތިބޭ ތިބުމެއްވެސް ނޫނެވެ. އެތަނެއްގައި ހޭދަކުރާ ވަގުތުގެ ދިގުކަމެވެ. ތިމާގެ މަސައްކަތާއި، އަނބިދަރިންމަތިން ހަނދާން ނެތި، ރައްޓެހިންނާއިއެކު ހޭދަކުރާ ވަގުތު ދިގުދެމިގެން ދިއުމެވެ. ތިމާގެ މައިންބަފައިންގެ ޙާލުބަލައި އެމީހުން ހިތްހަމަޖައްސައިދިނުމުގެ ބަދަލުގައި، ރައްޓެހިންނާއިއެކު ފޮނި ވާހަކައިގައިތިބެ މުޅިދުވަހުގެ ބޮޑުބައެއް ބޭކާރުކޮށްލުމެވެ. ނަމާދު ވަގުތު ފާއިތުވެގެން ދާއިރުވެސް އެމޭޒު ކައިރިން ހިރިލާންވެސް ނޭނގިފައި ތިބޭތިބުމެވެ. ޒުވާން ދުވަސްވަރު މިގޮތުގައި ވަގުތުތައް ހޭދަކުރުމަކީ ގިނަ މީހުންނަށް ޚާއްސަކޮށް، މައިންބަފައިންގެ “އެހީތެރިކަމާއިއެކު” އުޅެމުންދާ ޒުވާނުންނަށް އެއްވެސް މައްސަލައެއް ކަމުގައި ނުވެދާނެއެވެ. ނަމަވެސް ވަގުތުތައް މިގޮތުގައި ނަގާލުމަކީ، އެމީހެއްގެ ކުރިމަގަށާއި، ތިމާގެ ޢާއިލާގެ ކުރިމަގަށް އެޅޭ ހުރަހަކަށް ނޫނީނުވާނެއެވެ. އަދި ހަމަ އެހެންމެ، ޤައުމެއްގެ މުސްތަޤުބަލު ބިނާވެފައި އޮންނަނީ އެޤައުމެއްގައި ދިރިއުޅޭ ރައްޔިތުންނާއި ޢާއިލާތަކުގެ އިޖްތިމާޢީ ހަމަޖެހުމާއި ދުޅަހެޔޮކަމުގެ މައްޗަށް ކަމަށް ވާއިރު، ތިމާގެ ކުރިއެރުމަށް އެޅޭ ކޮންމެ ހުރަހަކީ ތިމާ ދިރިއުޅެމުންދާ ޤައުމުގެ ކުރިއެރުމަށްވެސް އެޅޭ ހުރަހަކަށް ނޫނީނުވާނެއެވެ.

ގޭތެރޭގައި ނުދެއްކޭ ކަހަލަ ވާހަކަތައް ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. ބޭރުގައި ނޫނީ ނުދެއްކޭނެ ވާހަކަ ހުރުމަކީވެސް ދުރުގައި އޮތް ކަމެއްނޫނެވެ. ކޮފީތަކަށްވެސް ދާންޖެހޭނެއެވެ. ދާންވާނެއެވެ. ރައްޓެހި ރަޙުމަތްތެރިންނާއި އެކު ވަގުތު ހޭދަކުރަންވާނެވެސް މެއެވެ. އެހަނަސް، ކޮންމެ ކަމެއްގެވެސް ހައްދުފަހަނައަޅައި ދިޔުމަކީ ރަނގަޅު ކަމެއްނޫނެވެ. އަމުދުން އެކަމަކީ ތިމާގެ ޢާއިލާގެ ގުޅުންތަކަށާއި، ދީނީ ވާޖިބަށް ހުރަސް އެޅޭފަދަ ކަމެއްކަމުގައި ވާނަމައެވެ.