އަހަރެމެންގެ މިދިވެހިރާއްޖޭގެ ވެރިރަށް ކަމުގައިވާ މާލެއަކީ ރާއްޖެ އާއި ދުނިޔޭގައިވެސް، ނިސްބަތުން އެންމެގިނަ މީހުން ދިރިއުޅޭ އެއްރަށެވެ. ތޮއްޖެހި، ފުރިބާރުވެފައިވާ މިރަށުގެ މަގުތައް އެއްފަހަރާ އެތައްހާސް ބައެއްބޭނުން ކުރަމުންދެއެވެ. ހަނިމަގުތައްގިނަ މިކުޑަކުޑަ ރަށުގެ މަގުތައް ބޭނުންކުރަމުން އަންނަ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް ގިނަވަމުން ދާއިރު، މިމަގުތައް ބޭނުންކުރުމުގައި އަނެކުންނަށް ފޯރާފާނެ އުނދަގުލަކަށް ވިސްނާލަނީ ކިތައްބޭފުޅުންބާވައެވެ؟ ޙާއްސަކޮށް، އެއްގަމު އުޅަނދު ބޭނުންކުރާ ފަރާތްތަކުން މިކަމާއި ދޭތެރޭ ވިސްނާލަނީ ކިހާވަރަކަށް ބާވައެވެ؟ ތިމާނޫނަސް، މަގުމަތީގައި އަދި، ކައިރި ގޭގޭގައިވެސް މީހުންއުޅޭކަން ވިސްނެނީ ނުވަތަ ވިސްނާލަނީ ކިތައްބޭފުޅުންބާވައެވެ؟ ތިމާ ސައިކަލުގައި ނުވަތަ ކާރުގެ ހުންގާނުފަހަތުގައި ހުރެ، ބަރުގޮނު ފިތަށް ހުއްޓުމެއްނެތި ފިތައިގެން އިންނައިރު މިއިންކަމަކާއި ދޭތެރޭ އެއްވެސްވަރަކަށް ނުވިސްނެނީބާވައެވެ؟
ކުރިންވެސް ދެންނެވި ފަދައިން، މާލޭގެ މަދު މަގުތަކެއް ފިޔަވާ ދެންހުރި ހުރިހާ މަގުތަކަކީ ވަރަށް ހަނިމަގުތަކެކެވެ. ކޮންމެ މަގަކުން ދުވާރަކާއި، ޕާރކިން ޒޯނެއް ނެގުމުން، ދުއްވާއެއްޗެހި ދުއްވުމަށް އޮންނަނީ ހަތަރު ފުރޮޅުލީ އުޅަނދަކަށް ކިރިޔާ ދެވޭހާ ޖާގައެވެ. މަގުތަކުގެ ހަނިކަމާއިހެދި ދުވާރުވެސް ނުހުންނަމަގުތައް މަދެއްނޫނެވެ. މިއިންމަގެއްގައި ބަލިމީހަކު ބާލަން ޓެކްސީއެއް މަޑުކޮށްލިޔަސް، ހިގާފައި ދާމީހާވެސް ގިނަފަހަރަށް ހުންނަނީ ‘ޓްރެފިކް’ ގައި ޖެހިފައެވެ. ގިނަމަގުތަކުގައި މުދާބޭލުމަށްޓަކައި މަގެއްގެ މަތީގައި ލޮރީއެއް، ނުވަތަ ކުޑަޕިކަޕެއް މަޑުކޮށްލިޔަސް މަގު އޮންނަނީ ބަންދުވެފައެވެ. ބްލޮކްވެފައެވެ. މައްސަލައަކީ މަގުބަންދުވުމެއް ނޫނެވެ. ކިތަންމެ ޒަރޫރީ ކަމަކުވިޔަސް އެމަގެއް ބަންދުވާ ވަގުތުން ފެށިގެން ތިރީހަކަށް ސިކުންތު އިރުގެތެރޭގައި ދެންކަންތައް ވެގެންދާގޮތެވެ. ބަރުގޮނު އަޅަންފެށުމެވެ. ބައެއްފަހަރަށް ހުރިހާއެންމެން އެއްފަހަރާއެވެ. އަނެއްބައިފަހަރު މަގުގެ ފަހަތުގައި ތާށިވެފައިވާ ވެހިކަލެއްގައި އިންނަ “ކެރޭ މީހެއް” އެކަންޏެވެ.
އެއްވެސް ބޭފުޅަކު ހަމަ މަޖަލަށް ނުވަތަ މަގު ބަންދު ކޮށްލާހިތުން މަގު ބަންދު ކޮށްފާނެއެކޭއެއް އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. މާލޭގެ މަގުތައްހުންނަގޮތުން އެކަން އެގޮތަށް ވަނީއެވެ. އެކްސިޑެންޓެއްވީ ކަމުގައި ވީނަމަވެސް، ފިހާރަޔަކަށް މުދާބާލަން ކަމުގައި ވީނަމަވެސް، ނުވަތަ ފަސެންޖަރަކު ބޭލުމަށް ނޫނީ ބަލާއައިސް ކަމުގައި ވީނަމަވެސް މަޑުކުރަނީ އެމަގަކަށް އެތަނަކަށް މަޑުކުރަން ޖެހޭތީއެވެ. އިތުރުގޮތެއް ނެތީމައެވެ. ފަހަތުގައި ތިބި ކިތަންމެ ބައެއްގެ ރުޅިވެރިކަން އެމީހަކަށް އަމާޒުވީކަމުގައި ވީނަމަވެސް، އެކަމުގައި ޚުދު އެމީހާއަށްވެސް ކުރެވޭނެކަމެއް، ކުރާނެކަމެއް ނޯންނާނެތީއެވެ. ގަސްތުގައެއް ނޫނެވެ. މަޖުބޫރުވެގެންނެވެ. ހުއްޓުމެއްނެތި ބަރުގޮނު އަޅަމުންދާ މީހަކަށްވެސް އެފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ކުރެވޭނެ އިތުރު ކަމެއް އޮންނާނެހެނެއް އަޅުގަނޑަކަށް ހިއެއްނުވެއެވެ. ކަން މިހެން އޮތްއިރު، ހުއްޓުމެއްނެތި ބަރުގޮނު އެޅުމުގެ ބޭނުން، އަޅުގަނޑަށް އެއްގޮތަކަށްވެސް ނުވިސްނެއެވެ. ހަމަގައިމުވެސް ވަކިއަވަހަކަށް މަގުހުޅުވި، ދުއްވައެއް ނުގަނެވޭނެއެވެ. މަގުބަންދުވުމުގެ ސަބަބެއްކަމުގައި ވެފައިވާ ވެހިކަލް، އެވެހިކަލެއް އައިބޭނުމެއް ނުފުއްދާ އެތަނަކުން ގުޑައެއް ނުލާނެއެވެ. ކިތަންމެ ބާރަށް ކިތަންމެ ވަރަކަށް ބަރުގޮނު އެޅިކަމުގައި ވީނަމަވެސްމެއެވެ.
މިވާހަކަ ދައްކަން ފެށިއިރު އަޅުގަނޑު ދެންނެވިފަދައިން، މަގުތައް ބޭނުންކުރުމުގައި އެހެންމީހުންނަށާއި، ވަށައިގެން ދިރިއުޅޭމީހުންނަށް ވިސްނާލުން މުހިއްމެވެ. ގޭގައި އަރާމުކޮށްލަން ތިބޭ މުސްކުޅިންނަށާއި، ނިދާފައިތިބޭ ތުއްތުކުދިންނާއި ދޭތެރޭ ވިސްނާލަން ޖެހެއެވެ. ފަތިހު ފަތިސްނަމާދައް ދިއުމުގެ ފޮނި އުންމީދުގައި ނިދާފައިއޮންނަ މީހުންނަށާއި، ދުވާލުދާ ހަތަރުދަމު ބުރަމަސައްކަތުގައި އުޅޭ ރައްޔިތުމީހާއަށް އަރާމުކޮށްލަން ލިބޭ ހަމައެކަނި ވަގުތަށް އިޙްތިރާމް ކުރަންޖެހެއެވެ. ބަރުގޮނު އެޅުމުން ވާއެއްވެސް ފައިދާއެއް ނުވަތަ، ލިބޭ އެއްވެސް އުފަލެއް ނޫނީ ވާއެއްވެސް ފަސޭހައެއް ނެތްތާންގައި، ‘ހިސާބުގަނޑު މީހުންނަށް’ އުނދަގުލާއި، ތުރާކުރަން ނުވަތަ، އެމީހަކާއި އެކު ތާށިވެފައި ތިބި ބައެއްގެ ބޮލަށް އުނދަގޫކުރަން ބަރުގޮނު ނާޅާތިބުން ބުއްދިވެރިވެފައި، ފަސޭހަ ނޫންތޯއެވެ؟ ތިމާގެ ފަރާތުން އެހެންމީހަކަށް އުނދަގުލެއް ވިޔަނުދޭން ބަރުގޮނު ސްވިޗުން އަތްދޫކޮށްލުން މޮޅެއްނޫންތޯއެވެ؟ ތިމާއަށާއި، އެހެންމީހުންނަށް ކޮށްދެވޭ ހެޔޮކަމެއްގެގޮތުގައި ނަމަވެސް މަގުބަންދުވެފައިވާ ވަގުތެއްގައި ބަރުގޮނު ނާޅައި ތިބުން ކީއްތޯއެވެ؟ މިމާލޭގެ ހަލަބޮލި، ތޮއްޖެހިފައިވާ މާޙަޢުލުގައި ހަމަޖެހިލައިގެން އުފަލާއި އަރާމުގައި ދިރިއުޅެވޭނީ، އެކަކު އަނެކަކަށް އެއްބާރުލުމާ އެހީތެރިކަން ދީގެންނެވެ. އެކަކުއަނެކަކަށް އިޙްތިރާމްކޮށްގެންނެވެ. ޔަޤީނާގާތަށް އަޅުގަނޑަށް ދަންނަވަން އިނގޭ އެކައްޗެއް އެބައޮތެވެ. ކިތަންމެ ބާރަށް، ކިތަންމެ ދިގުކޮށް ބަރުގޮނު އެޅިކަމުގައި ވީނަމަވެސް، މަގުގެ ފުޅާމިނަށް ހަމަގައިމުވެސް އެންމެ އިންޗިއެއްހާ ތަންވެސް އިތުރެއްނުވާނެއެވެ.