ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިި ކުރާ ގިނަ އިގްތިޞާދީ މަސައްކަތްތަކުގައި ބިދޭސީ މަސައްކަތްތެރިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އެންމެކުޑަމިނުން، ޒަމާނުއްސުރެ ދިވެހިން ކުރަމުން އައި މަސްވެރިކަމުގައިވެސް ބިދޭސީންގެ ބޭނުން އޮޑިވެރިން މިހާރު ވަރަށް ބޮޑަށްހިފައެވެ. ލޯކަލް މާރުކެޓުގެ ގޮޅިތަކުގައިވެސް ބިދޭސީން ތިބެނީ މަދެއްކޮށެއް ނޫނެވެ. ނަމަވެސް މިބިދޭސީންގެ ފަރާތުން އަހަރެމެން ދިވެހިންނަށް ލިބޭފަސޭހަތައް ހަނދާނުގައި ހުންނަނީ މަދުބައެކެވެ. އެމީހަކީ ބަންގްލަދޭޝް މީހަކަށްވިޔަސް، ނުވަތަ އެމީހަކީ އިންޑިއާ ނުވަތަ ސްރީލަންކާގެ މީހެއްކަމުގައި ވީނަމަވެސް، ބުރަމަސައްކަތް ކުރާބިދޭސީންނަށް ގިނަ ދިވެހިން މިހާރު ކިޔާއުޅެނީވެސް ބަންގާޅީންނެވެ. އެއްވެސް ޙާލެއްގައި އެމީހުންކުރާ ބުރަ މަސައްކަތްތަށް ތަޢުރީފު ކުރުމުގެ ނިޔަތަކު ނޫނެވެ. މަލާމާތުގެ ގޮތުންނެވެ. ދެރަކޮށްލުމުގެ ގޮތުންނެވެ.

މީގެއިތުރުން، ބިދޭސީ މަސައްކަތްތެރިންނަށް ނުވަތަ، މަސައްކަތު މީހުންނާއި ދޭތެރޭ ބައެއްދިވެހިން ކަންތައްކުރާ ދެރަގޮތްތަކަކީވެސް އެކަމާއި ހިތާމަކުރަން ޖެހޭފަދަ ކަމެކެވެ. މިދެންނެވި ފަދަ “ނުވިސްނޭ” ދިވެހީންގެ ޢަމަލުތައް މިގޮތަށް މިހުންނަނީ ތިމާއަކީ ދިވެހި ރާއްޖޭގެ ރައްޔިތަކަށްވީތީ، އެމީހުންގެ މައްޗަށް ބޮޑާވެގަނެ، ތިމާމެންމީ މާމޮޅު ބައެއްކަމުގައި ޤަބޫލު ކުރެވޭތީ ކަމުގައިވެސް ވެދާނެއެވެ. ނޫނީ، ބިދޭސީ މަސައްކަތްތެރިންގެ ފުށުން ދިވެހި ވިޔަފާރިވެރިންނަށާއި ތިމާއަށް ލިބޭ ފަސޭހަތައް ޤަބޫލުކުރަން ބޭނުން ނުވަނީކަމުގައިވެސް ވެދާނެއެވެ. ކޮންމެހެނެއް ވިޔަސް ގިނަ ދިވެހީންގެ ކަށީގެ ހިފާފައިވާމިކަމަކީ ނަސްލީ ތަފާތުކުރުން ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ ‘ރޭސިޒަމްގެ’ ޢަމަލުތަކަކަށް ނޫނީ ނުވާނެއެވެ.

ބައެއް ދިވެހިން ދެކޭ ގޮތުގައި ބިދޭސީ މަސައްކަތްތެރިންނަކީ ވަރަށް ނާތަހުޒީބު ބައެކެވެ. އެމީހުން އުޅޭ ގޮތާއި، ހެދުން އަޅާގޮޮތާއި، މިފަދަ ކަންކަމަށް ހަޖޫ ޖެހުމަކީ ދިވެހި މުޖްތަމަޢުގެ ޒުވާނުންގެ ތެރޭގައި އާންމުވެފައިވާ ކަންކަމެކެވެ. ފުނާ އެޅޭ ގޮތަކުންނާއި، ލެވޭ ހެދުމެއްގެ ގޮތުން ‘ބަންގާޅިއަކާ’ ވައްތަރުވެ މަލާމާތް ރައްދުވުން އޮންނަނީ ވަރަށް ކައިރީގައެވެ. ބިދޭސީން އުޅޭގޮތަށް އުޅުމަކީ ނުވަތަ އުޅެވުމަކީ ދެރަކަމެއްކަމުގައި ދެކޭދެކުމަށްވުރެ، ބިދޭސީންނާ ދޭތެރޭ ބައެއް ދިވެހިން ކަންތައް ކުރާ އިހާނެތި ގޮތްތަކަކީވެސް މިކަންކަމާއި ދޭތެރޭ ވިސްނާ ބަލާލި ކޮންމެ މީހަކަށް ފެންނަން ހުންނާނެ ކަންކަމެވެ. ހަދަމުންދާ ގޭގެއަކީ އެމީހުން ނިންދަވާ ތަނެވެ. މަގުމަތިން ދާއިރު ގަދަރުކުޑަ ގޮތްގޮތަށް ބިދޭސީންނާއި މުޢާމަލާތް ކުރުމާއި، ކުރެވޭ ކުޑަކުޑަ ކަމަކުން ގަޔަށް އަތްލާ މާރާމާރީހިންގުމަކީ ހަމަ ގައިމުވެސް މާލޭގެ މަގުތައްމަތިން ފެންނަ އާންމު މަންޒަރެކެވެ. އެމީހުންނަށް މުސާރަ ނުދީ، އެތައް ދުވަހެއް ވަންދެން މަސައްކަތް ކުރުވައެވެ. އެމީހުންގެ ޤައުމުގައި އަނބިދަރީން ބެހެއްޓުމަށްފަހު ރާއްޖެ އަންނަނީ ރާއްޖޭގައި މަސައްކަތްކޮށްގެން ލިބޭ އާމްދަނީ ‘ރަށަށް’ ފޮނުވައިގެން އަނބިދަރީންގެ ޚަރަދުތައް ހަމަޖެއްސުމުގެ ފޮނި އުންމީދުގައެވެ. މިއުންމީދުތަކުގައި ބައެއް ދިވެހިން ކޮޅުފައިން ޖަހަނީ މިކަން އިނގެހުރެއެވެ. އިންސާނިއްޔަތުކަންވެސް އެއްފަރާތުގައި ބާއްވާފައެވެ.

އަހަރެމެން ދިވެހިން މޭމަތީ އަތްޖަހާފައި ތިމަންނަމެންމީ މުސްލިމުންނޭ ބުނާއިރު، ދީނުގައި އަންގަވާފައިވާ ގޮތަށް އިންސާނުންގެ ތެރޭގައި އޮންނަންޖެހޭ ހަމަހަމަ ކަމުގެ މަތީންވެސް ހަނދާންކޮށްލަން އެބަޖެހެއެވެ. އެހެންމީހުންނަށް ޤަދަރާއި އިޙްތިރާމްކުރަން ދަސްކުރަންޖެހެއެވެ. ބިދޭސީ އެއްކަމުގައި ވީނަމަވެސް ހެޔޮކޮށް ހިތަންދަސްކުރަން އެބަޖެހެއެވެ. ތިމާފަދަ ދިވެހިންނަށް ކުރަންނުކެރު މަސައްކަތްތައް ކުރަން ކެރުނީތީ އެމީހުންނަށް ސާބަސްދޭން އެބަޖެހެއެވެ. އެމީހުންނަކީވެސް ތިމާފަދަ އިންސާނުންކަން ހަނދާން ބަހައްޓަން އެބަޖެހެއެވެ. ދިވެހިންނަކީވެސް މިރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންފަދަ މަސައްކަތްތެރި، މަސަކަތްކުރަން ކެރޭ، މަސައްކަތްކުރަން ދަންނަ ބަޔަކަށް ވާންވެއްޖެއެވެ. ބިދޭސީ މަސައްކަތްތެރިން ނުވަތަ ‘ބަންގާޅިން’ނަކީ ދިވެހިންނަށް، ޚާއްސަކޮށް ދިވެހި ޒުވާނުންނަށް ހުރި ނަމޫނާއެއް ކަމުގައި ބަލައި، އަހަރެމެންގެ މުޖްތަމަޢުގައި އަށަގަނެފައިވާ ނަސްލީ ތަފާތުކުރުންތައް ނައްތާލަންވީ ވަގުތު އައިސްނުޖެހޭތޯއެވެ؟