ކުޅިވަރު ޤާނޫނަކީ ދިވެހިރާއްޖެއަށް މުޅިން އަލަށް 2015 ވަނަ އަހަރު ވުޖޫދައް ގެނެވުނު ޤާނޫނެކެވެ. މި ޤާނޫނު އިސްލާޙުކުރުމުގެ ވާހަކަ މިދުވަސްކޮޅު ތަންކޮޅެއް އަޑު ގަދަކޮށް އިވެއެވެ. ޤާނޫނު ވުޖޫދުވެގެން އައިތާ މާގިނަދުވަސްތަކެއް ވެފައިނުވާއިރު، މި ޤާނޫނަށް ބޮޑެތި ބޮޑެތި އިސްލާޙުތަކެއް ގެންނަންޖެހޭ ކަމަށް ކުޅިވަރުގައި ޚަރަކާތްތެރިވާ ގިނަބަޔަކު ޤަބޫލުކުރާކުރުން ރަނގަޅެވެ. މިކަމަށް އަޅުގަނޑުވެސް ތާޢީދެވެ! ޚިޔާލު ތަފާތުވުން އުފެދެނީ އިސްލާހު ކުރަންޖެހޭ ކަންކަމާއި ކުރަންޖެހޭ ގޮތާއިމެދުއެވެ. މިއީ މައްސަލައެއް ނޫނެވެ. މަޝްވަރާކުރުން އޮންނަނީ މިހެންވެއެވެ. ތަންފީޒީ އިޙުމާލުތައްވެސް އެބަހުއްޓެވެ. ޤާނޫނާއި ޤަވާއިދުތައް އިސްލާހުކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ޤައުމީ ކުޅިވަރު ކައުންސިލުން މިހާރުވެސް ކުރަމުން އެބަދެއެވެ. އެސޯސިއޭޝަންތަކުގެ ޚިޔާލުވެސް ހޯދައިފައިވެއެވެ. އަދި ދަނީ ހޯދަމުންނެވެ. އެމަސައްކަތް ކައުންސިލުން ކުރަނިކޮށް ޤާނޫނަށް އިސްލާހުތަކެއް މިވަނީ ހުށަހެޅިފައެވެ.

އޒ ޙަސަން ލަތީފް 28 އޮކްޓޫބަރ 2020 ގައި ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް ހުށަހެޅުއްވި އިސްލާޙުގައި އަޅުގަނޑު ފާހަގަކުރަންހުރި ކަންކަން:

2 ވަނަ މާއްދާގެ (ދ) އަށް ހުށަހަޅާފައިވާ އިސްލާހަށް ތާޢީދުކުރަމެވެ. މިހެން އޮތުމުން، ޙަވާލާދެވިފައިވާ ޗާޓަރުތަކާއި، ޤަވާއިދުތައް އިމްޕްލިމެންޓުކޮށް، އެއާއި ޚިލާފު ނިންމުންތަކާއި ޤަވާއިދުތަކަކީ މިޤާނޫނާއި ޚިލާފު ކަންކަން ކަމުގައި ބެލުމުގެ ފުރުޞަތުއެބައޮތެވެ.

މިނިސްޓަރުގެ މަސްޢޫލިއްޔަތުތައް ޤާނޫނުގައި އެކުލަވާލުން އެއީ މައްސަލައެއް ނޫންކަމުގައި ދެކެމެވެ. މިނިސްޓަރުގެ މަސްޢޫލިއްޔަތު ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތަކާއި ފުށުނާރާނަމަ އެވެ.

ކައުންސިލަކީ ސްޓޭޓް ބޮޑީއެއް ކަމުގައި ވާތީވެ، އެކައުންސިލަށް މީހުން އިންތިޚާބުކުރާނެ ގޮތެއް ޤާނޫނަކުން ނުވަތަ ޤަވާއިދަކުން، އެ ދައުލަތަކުން ބޭނުންވާނެ ކޮންމެގޮތަކަށް ބޭއްވިދާނެއެވެ. އިލެކްޝަން ކޮމިޝަނުން ނުވަތަ، ގުރުއަތުލައިގެން ނެގިޔަސް މިއީ މައްސަލައެއް ނޫނެވެ. އެކަމު، ކައުންސިލްގެ މެންބަރުންގެ މުސާރާއިގެ ވާހަކަދެއްކުމުގެ ކުރީން، ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގާ ކޮމިޓީތަކުގެ މެންބަރުންނަށް އެލަވަންސެއް ކަނޑައެޅުން މާ އަޢުލާކަން ބޮޑުކަމުގައި ދެކެމެވެ. ގިނަ މަސައްކަތްތަކެއް ހިންގާ ކޮމިޓީގެ މެންބަރުން ކުރަމުންދާއިރު، ގިނައީ ވޮލެޓިއަރ ބޭސިސްއެއްގައި މަސައްކަތްކުރާ މީހުންކަމުގައި ދަންނަންޖެހެއެވެ.

26 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކޮށް، ސްޕޯރޓްސް ކޯޕަރޭޝަނަށް އިތުރު ބާރެއް ދިނުމަކީ ރަނގަޅު ކަމެއް ކަމުގައި ދެކެމެވެ. ނަމަވެސް، ސްޕޯރޓްސް ކައުންސިލުން މިހާރު އިސްލާހު ކުރަމުންދާ ޤާނޫނުގައި، ކުޅިވަރުގެ މުޅި ސްޓްރަކްޗަރ ޑީ ސެންޓްރަލައިޒް ކުރުމަށް ރާވާފައިވާ އިރު، މި އިސްލާހުގެ ބޭނުން ކުރެވޭނީ ކިހާވަރަކަށް ކަމާއިމެދު ސުވާލުއުފެދެއެވެ.

8 ގެ (ނ) އަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން ފިޔަވަޅުއެޅުމަށް ކުޅިވަރު މަޖިލީހަށް ހުށަހަޅާ ގޮތަށް އޮތް އޮތުން ބަލައިގަންނަން ދައްޗެވެ. ކައުންސިލަކީ ޤަވާއިދު ހަދައި ނެރޭ ބަޔަކެވެ. ސްޕޯރޓްސް ކޮމިޝަނަރ އެޤަވާއިދު ތަންފީޒުކުރާނީއެވެ. އެންގުންތައް ވެސް އަންގަންވީއެވެ. އެޤަވާއިދުތަކުގެ ދަށުން އެޅެންހުރި ފިޔަވަޅެއްވެސް އަޅަންވީއެވެ. އެކަމު، ކައުންސިލަކީ މައްސަލަ ބަލާތަނަކަށް ހެދިގެން ނުވާނެއެވެ. 8 ގެ (ބ) ގެ ފަހަތަށް އިތުރުކުރަން ހުށަހަޅާ މާއްދާވެސް ވެސް މިފަދައެވެ. ކޮމިޝަނަރަކީ މައްސަލަބަލާ މީހެއް ނޫނެވެ. ޤަވާއިދަކާއި ނުވަތަ އެސޯސިއޭޝަނެއްގެ ހިންގާ ޤަވާއިދަކާއި ޚިލާފުވާނަމަ، އެކަމެއް ރަނގަޅުކޮށް، ޤަވާއިދުގެ ތެރެއިން އެޅެން ހުރި ފިޔަވަޅެއް އަޅަންވީއެވެ. ކަމެއް އޮތްގޮތް ސާފުކުރުމަކީ ކޮމިޝަނަރ ގެ ޒިންމާއެކެވެ. ކަމެއް ގޯސްކޮށް ހިނގާނަމަ، ކޮމިޝަނަރ ގެ ސަމާލުކަމަށް ގެންނަންވީއެވެ. މައްސަލަ ބަލަންވާނީ އާބިޓްރޭޝަން ޕެނަލުންނެވެ. ޕެނަލުން ނިންމާ ގޮތަކަށް ކޮމިޝަނަރ ވެސް ޢަމަލުކުރާނީއެވެ.

8 ގެ ފަހަތަށް އިތުރުކުރަން ހުށަހަޅާފައިވާ މާއްދާގެ (ހ) ވެސް މިއީ މިކަން ކުރެވިދާނެ ގޮތެއް ނޫންކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. ޤައުމީ ކުޅިވަރު ޖަމްޢިއްޔާތަކަކީ މައްސަލަބަލާ ތަނެއް ނޫނެވެ. މިސާލަކަށް ކޮންމެވެސް ކުލަބަކުން މުބާރާތެއް ބާއްވައި، މުބާރާތެއްގެ މައްސަލަ ޤައުމީ އެސޯސިއޭޝަނަށް ހުށަހެޅޭނެހެއްޔެވެ؟ އެސޯސިއޭޝަންތަކާއި ނުގުޅި، ކުރިއަށް ދާކަންކަމުގެތެރެއަށް އެސޯސިއޭޝަންތަކަށް ވަދެވިގެން ނުވާނެއެވެ. މީގެ ބަދަލަށް އެ ޖަމްއިއްޔާއެއްގެ ހިންގާ ޤަވާއިދާއި، އިންޓަނޭޝަނަލް ފެޑަރޭޝަންތަކުގެ ޤަވާއިދުތައް ތަންދޭގޮތަށް ކުރިއަށް ގެންދާގޮތަށް ބޭއްވުމުން އެ ނިމުނީއެވެ. ހިންގާ ޤަވާއިދުގައި ހިމަނަންޖެހޭ ބައިތަކުގެތެރޭގައި މައްސަލަތައް ބެލޭނެ ގޮތްތަކާއި، އެ އެސޯސިއޭޝަނެއްގެ ސުލޫކީ ކޮމިޓީއިން ބެލޭނެ މައްސަލަތަކާއި، ޢަމަލުކުރާނެ އުޞޫލުތައް ބަޔާންކުރުމުން ފުދޭނެއެވެ.

8-1 ވަނަ މާއްދާގެ (ނ) އަކީ ޤާނޫނީ ވަކީލެއް ހުށަހެޅީމައި އޮތް މާއްދާއެއް ކަމުގައި ފެނެއެވެ. ކުޅިވަރުގެ މައްސަލަތަކުގައި ވަކީލުން އައްޔަނުކުރަން ކޮމިޝަނަރގެ މައްޗަށް މަތިކުރުމުން މިއީ އެންމެ ރަނގަޅުގޮތް ކަމުގައި ނުދެކެމެވެ. މިއީ ޝަރުއީ ކޯޓެއް ނޫނެވެ! މީގައި މަދީ ޤާނޫނީ ވަކީލުންގެ ޚަރަދު، އެ ކޭސް ވިން ނުވި މީހާދައްކަން މަޖުބޫރުކުރާ ތަންކޮޅެވެ. އޭރަށް ‘ޓިޕިކަލް’ ކަންކަން ފުރިހަމަވީއެވެ.

12 ވަނަ މާއްދާގެ (ނ) ހުށަހަޅާފައިވާ އިސްލާހާއި މެދު އަޅުގަނޑުގެ ޚިޔާލު ވަރަށް ތަފާތެވެ. ކައުންސިލަކީ ކުޅިވަރުގެ ތަނެކެވެ. އެޑިއުކޭޝަންގެ މީހަކު އެތަނުގައި ހުންނާކަށެއް ނުޖެހޭނެއެވެ. ޤާނޫނީ ވަކީލެއް އަދި އަމުދުން ހުންނާކަށެއް ނުޖެހޭނެއެވެ. ބާރ ކައުންސިލަކާއި، ކުޅިވަރަކާއި ގުޅުމެއް ނެތެވެ. ޝަރުޢީ ކޯޓުތަކާއި، މުޅި ނިޒާމު އެހެރީ އެބޭފުޅުންނަށެވެ! އެކަމައިގެން އުޅުއްވާށެވެ. ޤާނޫނީ ވަކީލުން ކޮންމެހެން ހުންނަން ޖެހިގެން އައްޔަނުކޮށްފައި ހުރެގެން ކައުންސިލަށާއި ކުޅިވަރަށް ލިބުނު އެއްވެސް ފައިދާއެއް ނެތްކަމަށް ބުނެވިދާނެއެވެ. މިކަމުގެ ބަދަލުގައި، ޤާނޫނީ ލަފާ ދެވޭގޮތަށްބޭއްވުމަށް ތާޢީދުކުރަމެވެ. ކުޅިވަރުގެ ޤާނޫނީ ބޮޑީތަކުންނެވެ. އާންމު ވަކީލުންގެ ކިބައިންނެއް ނޫނެވެ.

6 މަހުން މެންބަރުންގެ ދަފްތަރު ޙިއްސާކުރަން އޮތް އޮތުން އަޅުގަނޑަށް ކުރެވެ. ދެދުވަހުން އެއްދުވަހު ހުށަހެޅިޔަސް މަޤުސަދެއް ޙާޞިލެއް ނުވެއެވެ. އަހަރަކު އެއްފަހަރު މެންބަރުންގެ ދަފްތަރު ހުށަހަޅާގޮތަށް އޮތުން ރަނގަޅު ކަމަށްފެނެއެވެ. ޝަރުތު ހަމަވާ މީހުންތޯ ނުވަތަ ނޫންތޯ ބެލުމުން ފުދޭނެއެވެ. ޤާއިމްކުރަންވީ މީގެ މެކޭނިޒަމެކެވެ. އެމީހުންގެ ފޯމުތަކާއި ލިޔުންތައް އެބަލަންބޭނުންވާ މެންބަރުންނަށް ބަލައި، މައްސަލައެއް އަތުވެއްޖެނަމަ، އެމައްސަލަ ބަލާ އާބިޓްރޭޝަންއަށް މި ޑޮކިއުމެންޓްތައް ފެންނަގޮތަށް ބެހެއްޓުމުން އެ ނިމުނީއެވެ. ނަމަވެސް، މިއީ ޤަވާއިދަކުން ކުރަންޖެހޭ ކަމެއް ކަމުގައި ދެކެމެވެ. ޤާނޫނުގައި މައިކްރޯ މެނޭޖްކުރާނެ ގޮތް ލިޔުމުން އޭގެ ތަކުލީފު ބޮޑުވާނެކަމަށް ދެކެމެވެ.

ހިންގާ ޤަވާއިދާއި، އެ ޤަވާއިދުން ބާރުލިބިގެން އެކުލަވާލެވޭ ޤަވާއިދުތައް ފާސްކުރާތާ ވަކިމުއްދަތެއްގެ ތެރޭގައި ކޮމިޝަނަރ އަށް ޙިއްސާކުރާގޮތަށް ބޭވިދާނެއެވެ. ނަމަވެސް، މިއީ ޤާނޫނަކުން ވުރެ ބޮޑަށް، ކައުންސިލުން އެކުލަވާލާ ޤަވާއިދަކުން ކުރަން ނިންމަންޖެހޭ ކަމެއް ކަމުގައި ދެކެމެވެ. ބައެއް އެސޯސިއޭޝަންތަކުގައި މިހާރު “އަސާސީ ޤަވާއިދު” މިހެން ކިޔާ ޤަވާއިދެއް ނެތެވެ. ހިންގާ ޤަވާއިދުގެ ނަމުގައި އޮންނަނީ ވަރަށް ޑީޓެއިލްޑް އެއް ޑޮކިއުމެންޓެވެ. ދެންހުންނަނީ ހިންގާ ޤަވާއިދުން ބާރުލިބިގެން އެކުލަވާލާ ޤަވާއިދުތަކެވެ. މީގެ ތެރޭގައި، ޓްރަޔަލްތަކާއި، މުބާރާތްތަކުގެ ޤަވާއިދުތަކާއި، ސުލޫކީ މިންގަނޑުތަކާއި، އެކި އެކި ކޮމިޓީތައް ފަންކްޝަން ކުރާނެ ގޮތްތައް ހިމެނެއެވެ.

13 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި މިހާރުވެސް އޮތް އޮތުން އަޅުގަނޑަށް ބަލައިގަންނަ ދައްޗެވެ. ކައުންސިލުން މި ކަންކަންވެސް ނިންމަންޏާމު، ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ބޭނުމެއް ކޮބާހެއްޔެވެ؟ ސަރުކާރުން ފަންޑުކުރާނެ ގޮތަކާއި، ފަންޑިންގ ދޭނެ މިންގަނޑުތަކެއް ކަނޑައެޅިދާނެއެވެ. ނަމަވެސް، ކުޅުންތެރިންގެ ޝަރުޠުތަކާއި، ރާއްޖެއިން ބޭރަށް ފޮނުވާނެ ކުޅުންތެރިން ކައުންސިލުން ކަނޑައަޅާ ހިސާބަށް ބާރުފޯރުވާނަމަ މީގޯހެއްކަމުގައި ދެކެމެވެ.

13 ވަނަ މާއްދާގެ (ބ) އަދި އެއާއި ގުޅިގެން ހުށަހަޅާފައިވާ މާއްދާތަކުގައި އަނެއްކާވެސް އެއްކަލަ ވާހަކަ މިއޮތީ ތަކުރާރުވެފައެވެ. އަޅުގަނޑަށް ޤަބޫލުކުރެވެނީ، މައްސަލަ ބަލަންޏާ ބަލާނީ އާބިޓްރޭޝަނުން ކަމުގައި ބޭއްވުމަށެވެ. ކައުންސިލާއި، ކޮމިޝަނަރ އާއި، މިނިސްޓަރަކީ މައްސަލަބަލާ ތަންތަނެއް ނޫނެވެ. އެއީ ޤަވާއިދުތައް ހަދައި، ޕޮލިސީތައް އެކުލަވާލައި، ތަންފީޒުކުރުމަށް ހުންނަ ތަންތަނެވެ.

51 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރުމަށް ހުށަހަޅާފައިވާ މާއްދާ، އަޅުގަނޑުމެންގެ ފެޑަރޭޝަންތަކުގެ ޤަވާއިދަކުން ތަނެއް ނުދެއެވެ. މިމާއްދާ މިގޮތަށް އައިސްފިނަމަ، ދިވެހި ކުޅިވަރު ފޫނުބެއްދޭފަދަ ވަޅުގަނޑަކަށް ވެއްޓިދާނެއެވެ. އޮލިމްޕިކް ޗާޓަރ އާއި ކަނޑައެޅިގެން ޚިލާފެވެ. ދިވެހިރާއްޖޭގެ އިލެކްޝަން ކޮމިޝަނަކީ “މިނިވަން” މުއައްސަސާއެއް ކަމުގައި ޤާނޫނުގައި އޮތްނަމަވެސް، ބައެއްގެ މެދުގައި އަދުވެސް އެއީ އިތުބާރު ފުރިހަމައަށް ނުލިބޭ މުއައްސަސާއެއްކަމުގައި ދެންނެވިދާނެއެވެ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނަކީ ދިވެހި ދަޢުލަތުގެ މުއައްސަސާއެކެވެ. ދަޢުލަތުގެ މުއައްސަސާއަކަށް ކުޅިވަރު އެސޯސިއޭޝަނެއްގެ އިލެކްޝަން ޕްރޮސެސްގެ މައްޗަށް ބާރުފޯރުވޭނެގޮތަށް އޮތް އޮތުން ބަލައެއް ނުގަނެވޭނެއެވެ. އިލެކްޝަންތައް ބާއްވަން ޖެހޭނީ އެ އެސޯސިއޭޝަނެއްގެ އަސާސީ ޤަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތީންނެވެ. މިނިވަންކަމާއި އެކުއެވެ. އެސޯސިއޭޝަނުގެ މެންބަރުން ބޭނުންވާ ގޮތަށެވެ. ދައުލަތުގެ މުއައްސަސާއަކުން އެ އިންތިޚާބަށް އަތްބާނައި، ބާރުފޯރުވޭގޮތަށް އޮވެގެން ނުވާނެއެވެ. އަޅުގަނޑުގެ ނަޒަރުގައި، އިންތިޚާބުތައް ހިންގަންވާނެ މައިގަނޑު ޤަވާއިދެއް ކައުންސިލުން މިހާރުވެސް ވަނީ އެކުލަވާލާފައެވެ. އިތުރުކުރަންވީ އޮބްޒާވް ކުރަން ހުރި މެކޭނިޒަމްތަކާއި، މެންބަރުންގެ ލިސްޓުތައް ރަނގަޅަށް މޮނީޓަރ ކުރެވޭނެ ގޮތްތަކެވެ. އެހެން ގޮތަކުން ދަންނަވަނީނަމަ، އެޤަވައިދު އަދިވެސް އިތުރަށް ހަރުދަނާކުރަންވީއެވެ.

ޤާނޫނު އިސްލާހުކުރަންވީ ކިހިނެތް؟

އަޅުގަނޑު ޤަބޫލުކުރާގޮތުގައި ޤާނޫނު އިސްލާހުކުރުން ލަސްވިޔަސް، އިސްލާހުކުރަންވާނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފައި، ނަތީޖާ ލިބޭނެ ގޮތަކަށެވެ. މިކަމުގައި ރައްޔިތުން މަޖިލީހުގެ ސުޕަރ މެޖޯރިޓީއޮތް ޕާރޓީގެ އެހީތެރިކަން ބޭނުންވާނެއެވެ. ވެރިކަމުގައިވެސް އެމް.ޑީ.ޕީ އޮތް އިރު، މިކަންތައްތައް ގުޅިގެން ކުރިއަށް ގެންދެވުނުނަމަ، ނުވަތާ ގެންދެވޭނަމަ ރަނގަޅުވީހެވެ. ޕާޓީގެ ޗެއަރޕަރސަން އަދި މިނޫނަސް އިސްވެރިން ބޭނުންވާ ކަންކަން ކުޅިވަރު ކައުންސިލަށް ހުށަހަޅައި، މަޝްވަރާކޮށް، ކުރިއަށްދާންވީ ގޮތްތައް ހޯދުނީހެވެ. ސަރުކާރަށް ފާޑުކިޔުން އަމާޒުނުވާގޮތަކަށް މިކަންކަން ކުރިއަށް ގެންދެވުނީހެވެ. ވަރަށް ރަނގަޅު، އެންމެން ބަލައިގަންނަ އިސްލާޙުތަކަކާއި، ޤަވާއިދުތަކެއް ވުޖޫދައް ގެނެވުނީހެވެ. އަދިވެސް މިފުރުޞަތު އެބައޮތެވެ. ކަންކަން އިސްލާހުކޮށް، ހަމަމަގަށް އެޅުވުމުގެ ފުރުޞަތު އެބައޮތެވެ. އަޅުގަނޑަށް ފެންނަނީ، އޒ ޙަސަން ލަތީފްގެ އިސްލާހުތައް އަނބުރައި ގެންގޮސް، ކައުންސިލާއިވެސް ގުޅިގެން، ސަރުކާރާއި، ކުޅިވަރު ހިންގުންތެރިންގެ ތާއީދާއިއެކު ފުރިހަމަ އިސްލާހެއް ހުށަހެޅުމަށެވެ. އެބައެއް އިންވޯލްވްވާ އެސޯސިއޭޝަނަކާއި، އެހެން އެސޯސިއޭޝަންތައް ތަފާތުކަމުގައި ނުވަތަ ތަފާތު ވެދާނެކަމުގައި ދަންނަން ޖެހެއެވެ. މީހުން ބޭރުތެރޭގައި ދައްކާ ހުރިހާ ވާހަކައަކީ ތެދަށް ނުވެދާނެކަމުގައި ޤަބޫލުކުރަންޖެހެއެވެ.

ކުޅިވަރު ޤާނޫނު ވުޖޫދައް އައި އިރުވެސް ސިޔާސީ ބައެއް ނުފޫޒު ވަދެފައި ހުއްޓެވެ. ކުޅިވަރު ޤާނޫނަކީ އިސްލާހު ކުރަންޖެހިފައިވާ ޤާނޫނެއްގެ ގޮތުގައި އޮތީ މިހެންވެ ކަމުގައި ދެންނެވިދާނެއެވެ. މި ލިޔުމުގައި ދެން އަޅުގަނޑު ލިޔެލަން ބޭނުންވަނީ މިވާހަކަތަކެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު ބިލް 2015.

މި ޤާނޫނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ގޮތާއިމެދުވެސް ބައެއް މީހުން ސުވާލު އުފައްދައެވެ. ޔޫތު މިނިސްޓްރީ އިން ލޯޔަރ އަކާއި ނުވަތަ ލޯ ފާރމްއަކާއި ޙަވާލުކޮށްގެން ކުޅިވަރު ބިލް ޑްރާފްޓް ކުރިކަމަށް ބުނެއެވެ. އެއީ މިނިސްޓަރު މަލީޙު ހުންނެވިއިރުއެވެ. ސަރުކާރުން ހުށަހަޅާ ބިލެއްގޮތުގައި ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނުވަތަ އޭޖީ އޮފީހަށް، ޔޫތު މިނިސްޓްރީގެ ފަރާތުން ފޮނުވިކަމަށްވެސް ވެއެވެ. މި ބިލު އެކުލަވާލުމުގައި އެއްވެސް ކުޅިވަރު އެސޯސިއޭޝަނެއްގެ ބަހެއް ހޯދިކަމެއް އަޅުގަނޑަށް އިނގިފައެއްނެތެވެ. ދުވަސްގަނޑެއް ފަހުން ރައްޔިތުންގެ މަޖިލީހަށް މި ބިލް ފޮނުވިއިރު ބޮޑެތި ގިނަ ގުނަ މައްސަލަތައް ފާހަގަކުރެވޭތީވެ، މިވަރުކަމެއް ކުޅިވަރު ވުޒާރާމެދުވެރިވެ، ހިނގައިމިދިޔައީ ކިހިނެތްތޯ ބަލަން ބޭނުންވިއެވެ. ލިބުނީ ހީކުރިކަހަލަ ޖަވާބެއް ނޫނެވެ. އިނގިގެން ދިޔަކަމަކީ، ސަރުކާރުން ހުށަހެޅީ ޔޫތު މިނިސްޓްރީއިން ޑްރާފްޓްކުރި ކުޅިވަރު ބިލްވެސް ނޫންކަމެވެ. މުޅިން އައު ބިލެއް ކަމެވެ.

މި ބިލުގައި ހުރި ބޮޑެތި މައްސަލަތަކުގެ ތެރޭގައި:

ކުޅިވަރުތައް ގިންތިކޮށް، އެސޯސިއޭޝަނުގެ މެންބަރޝިޕް ވަކިގޮތަކަށް ބައްޓަންކުރުމަށް ޤާނޫނުން ލާޒިމްކުރަން އޮތުމާއި،

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި، އެކޮމިޓީގެ ހިންގާ ކޮމިޓީ އަލުން އެކުލަވާލަންޖެހޭ ގޮތަށް އޮތުމާއި،
ބައިނަލްއަޤްވާމީ އެއްވެސް ޗާޓަރއަކަށް ނުވަތަ ޤަވާއިދަކާއި ޙަވާލާދީފައި ނެތި، ކުޅިވަރު “ރެގިއުލޭޓް ކުރުމަށް” ކުޅިވަރު ޤާނޫނު މެދުވެރިކޮށް މަސައްކަތް ކޮށްފައި އޮތުމާއި،

ކުޅިވަރު މުބާރާތް ބާއްވާނެ އުޞޫލުތައް ކަނޑައަޅާ ތަނަކީ ސްޕޯރޓްސް ކައުންސިލްކަމުގައި ބަޔާންކޮށްފައި އޮތުން ހިމެނެއެވެ.

މިކަންކަން ރަނގަޅުކޮށް އިސްލާހުކުރުމަށް ކަންކުރާނެ ގޮތަކާއިމެދު މަޝްވަރާކުރުމަށް ފުރަތަމަ ބައްދަލުވުން ބޭއްވީ ހޭންޑްބޯލް އެސޯސިއޭޝަނުގައި 18 އޮގަސްޓު 2015 ގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ޔޫތު މިނިސްޓްރީ އަދި އޭޖީ އޮފީހުގެ މީހުންނާއިއެކު ލޮބީކުރުމުގެ މަސައްކަތް ފެށުނީ އެހިސާބުންނެވެ. އެސޯސިއޭޝަންތަކުން ހުރި ކަންބޮޑުވުންތައް އޭރު އިޖްތިމާޢީ ކޮމިޓީގެ މުޤައްރިރު، އަބްދުﷲ ރިފާޢު (ބޮޗޭ) ބަލައިގަތެވެ. އަދި، ދިވެހިރާއްޖެއަށް ސަސްޕެންޝަންއެއް އަތުވެދާނެ ހުރިހާ މައްސަލައެއް ޙައްލުކޮށްދެއްވާނެކަމަށާއި، އަދި މީގެ އިތުރުންވެސް ހުރި ކަންބޮޑުވުންތަކަށް ވީވަރަކުން އެޑްރެސް ކޮށްދެއްވާނެކަމަށް ވިދާޅުވުމުން، މި މަސައްކަތް އަޅުގަނޑުމެން ފެށީމެވެ. މިކަމުގައި އަޅުގަނޑުމެންނާއިއެކު އިސްކޮށް ތިއްބެވީ، (އަޅުގަނޑު ހަނދާން ބަލިނޫންކަމުގައި ވަނީނަމަ) އަޙްމަދު މަރުޒޫޤް (މަރޭ)، އަޙްމަދު އިސްމާޢީލް (ބާސްކެޓް/ހޭންޑްބޯލް)، އަޙުމަދު ލަތީފް (ސީވީޑް ލަތީ) އަދި މުޙައްމަދު ޝަވީދް (ވީބީ ޝަވީދު) އެވެ. އަދި، ޤާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ ކަންކަމާއި، ލިޔުއްވަންޖެހޭ ލިޔުއްވުންތައް ލިޔުއްވުމުގައި އޮލިމްޕިކް ކޮމިޓީގެ އޭރުގެ ލޯޔަރު، އޒ ޙުސައިން ޝަމީމް (ޕީޖީ ޝަމީމް) އުޅުއްވިއެވެ.

ނަސީބު ދިމާކުރިގޮތުން އޭރު ކުޅިވަރާއި ބެހޭ ވަޒީރަކަށް ހުންނެވީ އަޙުމަދު ޒުހޫރެވެ. މިނިސްޓަރު ޒުހޫރާއި ކުޅިވަރުގެ އިސްވެރިންނާއި އޮތް “ގާތް ގުޅުން” އެއީ “ލާމަޞީލު ނަމޫނާއެކެވެ”. ނަތީޖާއަކަށްވީ، ޤާނޫނު އެންމެ ފުރިހަމަ ގޮތުގައި އިސްލާހު ކުރުމުގެ ފުރުޞަތު ހަނިވުމެވެ. ނަމަވެސް، އޮލިމްޕިކް ކޮމިޓީ އާއި އެސޯސިއޭޝަންތައް އިންޑަޕެންޑަންޓްކޮށް ބާއްވައި، ކައުންސިލަށް ކުޅިވަރުގެ ތެރެއިންވެސް ބައެއް މީހުން ނަގާގޮތަށް ޤާނޫނު އިސްލާހުކޮށް، ފާސްކުރެވުނެވެ. އޭރުވެސް ދެކެވުނު ވާހަކައަކީ، އެޤާނޫނުގައި އިސްލާހުކުރަންޖެހޭ ކަންކަން ހުރިކަމަށާއި، ކުޅިވަރު ކައުންސިލުން މަޝްވަރާކޮށް، އެސޯސިއޭޝަންތަކުގެ ޚިޔާލާއި މަޝްވަރާއާއިވެސް އެކު، ކުޅިވަރު ޤާނޫނު އިސްލާހުކުރާނެ ވާހަކައެވެ. މުޅިޤާނޫނު އެހިނދުން އެހިނދަށް އިސްލާހުކުރުމުގެ ބަދަލުގައި ޕޮލިޓިކަލް ޕްރެޝަރ ކުޑަކުރެވޭނެ މަގެއްހޯދައި، އެއީ އެވަގުތަށް އެންމެ ރަނގަޅު ގޮތްކަމުގައި ދެކެވުނެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު 30/2015 އިމްޕްލިމެންޓު ކުރުން

މި ޤާނޫނުގެ އިމްޕްލިމެންޓޭޝަން ފޭސް ދިޔަކީވެސް ރަނގަޅަށް ކަމުގައި ދެންނެވޭކަށް ނެތެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުތައް ފަހަނައަޅައި ދިޔައިރުވެސް ޤާނޫނު އޮތްތަނުގައި އޮތީއޭވެސް ބުނެވިދާނެއެވެ. މަސައްކަތްތައް ހިނގައިގަތީ ވަރަށްލަހުންނެވެ. ކައުންސިލަށް އެސޯސިއޭޝަންތައް ރިޕްރެޒެންޓުކުރަން އޮތް ގޮނޑިތަކަށް މީހަކު ހޮވަން އިންތިޚާބެއް ބާއްވާނެކަމަށް ބުނެ ޔޫތު މިނިސްޓްރީއިން ސިޓީއެއްވެސް އައެވެ. ދެން އަޑުއިވުނީ އެމަޤާމުތަކަށް އޭރުގެ މިނިސްޓަރު މީހުން އައްޔަނުކުރީ ކަމަށެވެ. އިންތިޚާބެއް ބޭއްވިކަމެއް، މަޝްވަރާއެއް ކުރިކަމެއް އިނގޭކަށް ނެތެވެ.

ދެން އޮތީ އާބިޓްރޭޝަންގެ ވާހަކައެވެ. ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯރޓްސްގެ ޤަވާއިދުތަކާއި އެއްގޮތަށް އާބިޓްރޭޝަން ޕެނަލެއް ހެދުމުގެ ބާރު ސްޕޯރޓްސް ކައުންސިލަށް އެބައޮތެވެ. އެކަމު އަދި އަދަށްދާންދެންވެސް މިކަމެއް ނުވެއެވެ. މިޕެނަލް ނެތި، ކައުންސިލުން މައްސަލަތައް ނިންމައި “ހުކުމް” ކޮށްފައިވެސް އެބަހުއްޓެވެ. މިއީ، ސުޕްރީމް ކޯޓު އެކުލަވާނުލައި، ރައްޔިތުން މަޖިލީހުން މައްސަލަބަލައި، ހުކުމް ކުރުން ކަހަލަ ކަމެކެވެ. ކައުންސިލުން ބައެއް އެސޯސިއޭޝަންތަކުގެ ނިންމުންތައް ބަދަލުކޮށްފައިވެސް އެބަހުއްޓެވެ. ސްޕޯރޓްސް ޤާނޫނުތަކާއި އުޞޫލުތަކާއި (ކުޑަކޮށް) ބީރައްޓެހި ކަންކަންވެސް ކޮށްފައި އެބަހުއްޓެވެ. މިހުރިހާ ކަމެއް ހިނގައިދިޔައިރުވެސް ސްޕޯރޓްސް އާބިޓްރޭޝަން ޕެނަލްގެ ޚަބަރެއް ނެތެވެ.

ސްޕޯރޓްސް ޗެނަލްއަކީވެސް ކުޅިވަރުގެ ޤާނޫނުގެ ތެރެއިން އުފައްދަންޖެހޭ ޗެނަލެއްގެ ގޮތުގައި އޮތް ކަމެކެވެ. އެ ވާހަކަވެސް ވަރަށް ބޮޑަށް ދެކެވުނެވެ. ޔެސް ޓީވީ ޗެނަލްއަކީ އެއީ ކަމުގައިވެސް ހީކުރެވުނެވެ. އަޅުގަނޑަށް އަދިވެސް އެއީ ސްޕޯރޓްސް ޤާނޫނުގައި އޮތް ޗެންލަތޯ ނުވަތަ ނޫންތޯ ޔަޤީނެއް ނޫނެވެ. ފަހަރުގައި އެއީ އެ ޗެނަލް އިފްތިތާޙު ކުރަން ބޭއްވި ޖަލްސާ ޕޮލިޓިކަލް ރެލީއެއްގެ ދަރަޖައަށް ވެއްޓުމުން، ޖަލްސާ ދޫކޮށް އަޅުގަނޑު ދިޔައީމައި، އެހެން މީހުންގެ ވާހަކަ އަޑުނީވުމުން ވީގޮތްކަމުގައިވެސް ވެދާނެއެވެ.

ދެން އޮތީ ސްޕޯރޓްސް ކޯޕަރޭޝަނެވެ. ސްޕޯރޓްސް ކޯޕަރޭޝަނަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ އެސެޓްތަކެއް ހުއްޓެވެ. ނަމަވެސް، އެއިންކަމެއް އަދި ހިނގިހެނެއް ހިއެއް ނުވެއެވެ. ބައެއް އެސޯސިއޭޝަން ތަކަކީ، އަމިއްލަޔަށް ފަންޑު ރެއިޒްކުރުމުގެ ޤާބިލުކަން ލިބިފައިވާ ތަންތަނަށް ވާއިރު، އެއެސޯސިއޭޝަންތަކަށް ސްޕޯރޓްސް ކޯޕަރޭޝަނާއި ގުޅިގެން ކުރެވޭނެ މާބޮޑެތި ކަންކަން ނެތަސް، ދެން ހުރި އެސޯސިއޭޝަންތަކަށް އެ ކޯޕަރޭޝަންގެ މުޙިއްމުކަން ބޮޑުކަމުގައި ދެކެމެވެ. މިހާތަނަށް ކުރެވިފައިވާ ކަންކަމަށް ބަލާއިރު، ކޯޕަރޭޝަނުން ބޭނުންވާ ލަނޑުދަނޑި ޚާޞިލްވިޔެކޭ ދަންނަވާކަށް ނުކެރޭނެއެވެ. އެކަމު މިއީ ހަމައެކަނި ކޯޕަރޭޝަނުގެ ބޮލުގައި އަޅުވައި، ދޫކޮށްލެވޭނެ ކަމެއް ނޫނެވެ. ސަރުކާރުގެ ޑީސެންޓްރަލައިޒްޑް ސިޔާސަތުގެ ދަށުން މި ކޯޕަރޭޝަން ރެލެވަންޓް ވަނީ ކިހާ ވަރަކަށްތޯ ނިންމާނީ އަޅުގަނޑެއް ނޫނެވެ. ސަރުކާރެވެ.

ސްޕޯރޓްސް އިންސްޓިޓިއުޓަކީ، ކުޅިވަރު ޤާނޫނު ވުޖޫދަށް އައުމުގެ ކުރީންވެސް އެސްޓެބްލިޝް ވެފައިވާ ތަނެކެވެ. އެ އިންސްޓިޓިއުޓްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމުގައި ދެންނެވިދާނެއެވެ.

ކުޅިވަރު ޤާނޫނުން ފަހިވި އެންމެ ބޮޑު އެއްކަމަކީ ސިޔާސީ ނުފޫޒުން އެސޯސިއޭޝަންތަކަށް ލިބުނު ރައްކާތެރިކަން ކަމުގައި ދެންނެވިދާނެއެވެ. މިނިސްޓަރާއި އެސޯސިއޭޝަނަކާއި ދެމެދު އިތުރު 2 ބެރިޔަރ އެއް (ކައުންސިލާއި، ކޮމިޝަނަރ) އެބަހުއްޓެވެ. އޮލިމްޕިކް ކޮމިޓީ އަކީ ވަކި މުއައްސަސާއެއްކަމުގައިވެ، އިންޑަޕެންޑަންޓްކޮށް މަސައްކަތްކުރެވޭނެ މަގު ތަނަވަސްވިއެވެ. އެސޯސިއޭޝަންގެ ކަންކަން އެއް ވުޒާރާއެއްގެ ދަށަށް ބަދަލުވީއެވެ. ކުރިން ހޯމް މިނިސްޓްރީއަށް ލާންޖެހޭ ލިޔުންތަކާއި މިނޫންވެސް ކަންކަން އެއްފުރާޅެއްގެ ދަށަށް އައީއެވެ. ނަމަވެސް ކުރަން ހުރި މަސައްކަތްތައް އަދި އޮތީއެވެ. ޤައުމީ އެސޯސިއޭޝަންތައް ހިންގުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑެ ދައްޗަކީ އިންޑެޕެންޑަންޓްކޮށް ހިންގުމަށް ބޭނުންވާ އިންސާނީ ވަޞީލަތް ނުލިބުން ކަމުގައި ދެންނެވިދާނެއެވެ. ގިނަ އެސޯސިއޭޝަން ތަކަކީ ވޮލެންޓިއަރ ބޭސިސްއެއްގައި ހުރިހާ މުއައްޒަފުންނާއި، ވެރިން އަދި ހިންގާ ކޮމިޓީގެ މެންބަރުން ވެގެން ހިންގާ ތަންތަނެވެ. އެސޯސިއޭޝަންތައް ވަށައިގެން އެނބުރޭ އިކޮނޮމިކް އެކްޓިވިޓީ މަތިވާވަރަކަށް “މައްސަލަތައް” ގިނަވަނީ މިހެންވެއެވެ. އެސޯސިއޭޝަނަކުން ރެއިޒްކުރާ ފަންޑިންނާއި، ލިބޭ އެހީތެރިކަމުގެ 14 ގުނަ ބޮޑު، އިޤްތިޞާދީ ޚަރަކާތްތައް ހިންގާ ނުވަތަ ހިންގޭ ކުޅިވަރުތައް އެބަހުއްޓެވެ. އަދި މިހާރުގެ ސަރުކާރުގެ ޕޮލިސީގެ ދަށުން އެސޯސިއޭޝަންތައް ބާރުވެރިކުރުވައި، ކުޅިވަރުގެ ވަޞީލަތްތައް ޤާއިމް ކުރެވޭނެ މަގު ތަނަވަސްކޮށްދެމުން ދާއިރު، އެސޯސިއޭޝަންތަކުގެ “މައްސަލަތައް” އިތުރުވާނެކަމީ ޤަބޫލުކުރަންޖެހޭ ކަމެކެވެ. އެއްވެސް ޙާލެއްގައި އަޅުގަނޑު މިދަންނަވަނީ އެސޯސިއޭޝަންތަކުގައި މައްސަލަ ނެތް ވާހަކައެއް ނޫނެވެ. އެބަހުއްޓެވެ. މައްސަލަތަކަށް ޙައްލުވެސް ހޯދަންއެބަޖެހެއެވެ. ގޯސްވެސް ހެދިފައި އެބަހުއްޓެވެ. އެކަންކަން ތަކުރާރުނުކޮށް ވާނެގޮތަކަށް ކުރިއަށް ގެންދާނެގޮތެއް ވާނީ ހޯދާށެވެ. ނަމަވެސް، މިހާރު މިކުރަން އުޅޭގޮތަކަށެއް ނޫނެވެ. އެއަށްވުރެ އަމާން، އޮމާން މާހައުލެއްގައި، ވިސްނުންތެރިކަމާއިއެކު، އަމިއްލަ އިންޓްރަސްޓް އެކަހެރިކޮށްގެންނެވެ. މިކަން ވާނެއެވެ. ނުވާންވީ ކީއްވެތޯއެވެ؟ ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަކީ އިސްލާހުކުރަން ޖެހިފައިވާ ޤާނޫނެއް ކަމަށް ކުޅިވަރުގެ ތެރޭގައި ޚަރަކާތްތެރިވާ ކޮންމެ މީހެއްވެސް އެއްބަސްވާނެއެވެ. އެއްމޭޒުދޮށަށްއައިސް ވާހަކަދައްކައި، ކަންކަން ޙައްލުކުރުމުގެ ރިވެތި ޢުޞޫލު އިސްކުރަމާތޯއެވެ!