މާލެ އޮތީ ފުރަބަންދެއްގައެވެ. މަސައްކަތް ކުރެވޭނެ މާހައުލެއް ނެތެވެ. ފައިސާ ހޯދޭނެ މަގެއް ނެތެވެ. ބައެއް ވިޔަފާރިތަކަށް ކޮންމެވެސް ސިފައެއްގައި ވިޔަފާރި ކުރުމުގެ “ހުއްދަ” ދެވިފައި ވީނަމަވެސް، މި ފުރަބަންދުގައި އެންމެ ލޯ ލާރިއެއްވެސް ހޯދޭނެ ގޮތެއް ނެތިފައިވާ ވިޔަފާރިތައް އެބަހުއްޓެވެ. “ޒަރޫރީ” ކެޓަގަރީގައި ލައްވައި ނުލައި، “ގަނޑުކޮށް މުދާ ވިއްކާ” ކެޓަގަރީގައިވެސް ލައްވާނުލާ ބައެއް ވިޔަފާރިތައް އެބަހުއްޓެވެ. ފުރަބަންދެއްގައި ތިބުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި، ޑޮކްޓަރުންގެ ‘ބަސް އެހުމަކީ’ އަޅުގަނޑުމެންގެ ފަރުދީ ޒިންމާއެކެވެ. މިކަންކަމުގެ ފަންނީ އަދި ތަޖުރިބާކާރު ބޭބޭފުޅުންގެ އެންގުންތަކަށް ތަބާވާންޖެހެއެވެ.
މިލިޔުމުގައި އަޅުގަނޑު އަލިއަޅުވާލަން ބޭނުންވަނީ އަޅުގަނޑުމެންފަދަ ވިޔަފާރިތަކަށް ސަރުކާރުން މިހާރުން މިހާރަށްވެސް ކޮށްދެވިދާނެ ކަންކަމަށެވެ. ދިވެހިރާއްޖޭގެ އިކޮނޮމީއަށް މިއައި ނުވަތަ އަންނަން މިއުޅޭ ލޮޅުން ކުޑަކުރުމަށް ކުރެވިދާނެ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ ކަންކަމަށެވެ.
ޓެކްސްތައް ދެއްކުން ލަސްކޮށްދިނުން
ވިޔަފާރިތަކުން ސަރުކާރަށް އެކި ގޮތް ގޮތުން ދައްކަންޖެހޭ ޓެކްސް އެބަހުއްޓެވެ. ޖެނެރަލް ސޭލްސް ޓެކްސް ނުވަތަ ޖީ.އެސް.ޓީ އަދި، ޓުއަރިޒަމް ދާއިރާއިން ދައްކާ އެކި ކަހަލަ ޓެކްސްތަކަކީ ކުއާޓަރލީ ނުވަތަ މަހުން މަހަށް މީރާއަށް ދައްކަންޖެހޭ ފައިސާއެކެވެ. ޓެކުހުގެ ޕީރިއަޑް ނިމި، މަހެއްހާ ދުވަސް ޓެކްސް ރިޕޯޓު ހެދުމަށާއި ޓެކުހުގެ ފައިސާ ދެއްކުމަށް ލިބެއެވެ. އެކޫރަލް ބޭސިސްއެއްގައި ވިޔަފާރީގެ ހިސާބުތައް ބަލަހައްޓާ ފަރާތްތަކުން ކްރެޑިޓަށްވެސް އިންވޮއިސްއެއް ހަދައިފިނަމަ، އެއަށް ދައްކަންޖެހޭ ޓެކްސް މީރާއަށް ދައްކަން ޖެހެއެވެ. އެ އިންވޮއިސްއަކަށް ފައިސާ ލިބުނަސް، ނުލިބުނަސް އެފައިސާ ދައްކަން ޖެހެއެވެ. ބޭޑް ކްރެޑިޓް ރައިޓްއޯފް ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައި އޮތްނަމަވެސް، އެމަހެއްގެ ޓެކްސް ދައްކަން ޖެހެއެވެ.
ހިނގަ ހިނގައި ހުންނަ ވިޔަފާރިތަކުން ޓެކުހުގެ ފައިސާ ވަކިން ނަގާފައެއް ނުބަހައްޓާނެއެވެ. މީހުންގެ މުސާރައާއި، ޢިމާރާތްތަކުގެ ކުއްޔާއި، މުދާ ގެނައުމަށާއި، އެހެނިހެން ޚަރަދުތައް ކުރުމަށް ފައިސާ ދާނީ ބޭނުން ކުރަމުންނެވެ. ކުންފުނީގެ ކޭޝްފްލޯ ނުހުއްޓެންޏާމު، މަހުގެ 28 އަންނަ އިރު ވޭތުވެދިޔަ ޕީރިއަޑްގެ ޓެކުސްދެއްކުމަކީ އުނދަގޫކަމެއް ނޫނެވެ. ނަމަވެސް، މަސް ދެބައިވީތަނާހެން ފުރަބަންދަކަށް ގޮސް، ކޭޝްފްލޯ ސުމަކަށް ވެއްޓުނު ވިޔަފާރިތައް ގިނައެވެ. ޖަނަވަރީ، ފެބްރުއަރީ އަދި މާރިޗް މަހުގެ ވިޔަފާރި ދަށް ވެފައިވާކަން އެންމެންނަށްވެސް އިނގެއެވެ. އޯވަރހެޑްއަކީ ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައި ހުންނަ އެއްޗެކެވެ. ވިއްޔާ ވާނީ ބޮޑެވެ. ޚަރަދުތައް ކުޑަނުވެ، ލިބޭއެއްޗެއް މަދުވީއެވެ. ނަމަވެސް، މިއިން އެއްވެސް ކަމަކަށް ނުވިސްނައި، ދަޢުލަތުގެ ފަރާތުން ޓެކްސް ދެއްކުމަށް އެދަނީ އަންގަމުންނެވެ. ސަރުކާރު ހުޅުވޭ ދުވަހަށް ޓެކްސްގެ ފައިސާ ދެއްކުން “ލަސްކުރިކަމަށް” ބުނުމަކީ އަޅުގަނޑުގެ ނަޒަރުގައި ބޮޑު ޖޯކެކެވެ. އެއީ، “ކަމެއް ކޮށްދީފީމޭ” ބުނުމަށް މީރާއިން ބުނި އެއްޗެކެވެ. އިޚްލާސްތެރިކަމެއް ނެތް ބުނުމެކެވެ. ފުރަބަންދުން ނެއްޓޭއިރަށް ފައިސާތަކެއް އޮހެއެއް ނުގަންނާނެއެވެ. ވިޔަފާރިކޮށް، ސަރވިސްތައް ދީ، އޭގެން ފައިސާ ހޯދުމަށް ވަގުތުކޮޅެއް ދޭންވެސް ނޭންގުނެވެ. އަޅުގަނޑުގެ ނަޒަރުގައި ވާންވީ ގޮތަކީ، ސިއްޙީ ކުއްލިޙާލަތު ނިމި، ހަމަ އެމުއްދަތު (ސިއްޙީ ކުއްލިޙާލަތުގައި އޮތް ދުވަހުގެ ޢަދަދަދު) އިތުރަށް ހިނގަންދެން ޓެކްސް ދެއްކުން މަޑުޖައްސާލުމުގެ ފުރުޞަތު ވިޔަފާރިތަކަށް ދިނުމެވެ. ޓެކްސް ނުދެއްކުމަކީ ނުވަތަ މާފުކޮށްދިނުމަކީ ފެންނަ ކަމެއް ނޫނެވެ. ކޮށްދޭންވީ ކަމަކީ އެ ޓެކްސް ދެއްކުން ލަސްކޮށްދިނުމެވެ. ޓެކުހުގެ ފައިސާ ލަސްވިކަމުގައި ވީނަމަވެސް، އެފައިސާ ލިބޭނެ ކަމުގެ ޔަޤީންކަށް ސަރުކާރަށް އޭރުން އޮންނާނެއެވެ.
އިމްޕޯރޓު ޑިއުޓީ ދެއްކުން ފަސްކޮށްދިނުން
ދެން އޮތީ އިމްޕޯރޓް ޑިއުޓީގެ ވާހަކައެވެ. މިވެސް ޓެކުހެކެވެ. ވިޔަފާރިވެރިންގެ އަތުން ސީދާކޮށް ނަގާ ޓެކުހެކެވެ. އިމްޕޯރޓު ޑިއުޓީއަށްވެސް އަޅުގަނޑަށް ފެންނަނީ ސޭލްސް ޓެކްސްއަށްވެސް ހެދިގޮތަށް ހެދުމަށެވެ. ލަސްކޮށްދިނުމަށެވެ. ސިއްޙީ ކުއްލިޙާލަތު ނިމި، ހަމަ އެމުއްދަތު އިތުރަށް ހިނގަންދެން ލަސްކޮށްލުމަށެވެ. ނުވަތަ، މިފައިސާ ދިގުމުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުޞަތު ދިނުމަށެވެ. ބޭނުމަކީ މިވަގުތަށް ޕްރައިވެޓް ސެކްޓާއިން ދައުލަތަށް ނަގާ ފައިސާ މަދުކޮށް، އިކޮނޮމީގެ ތެރޭގައި ފައިސާ އެނބުރޭ އެނބުރުމަށް އަރާ ނުވަތަ އަރާފާނެ ބުރޫތައް މަދުކުރުމެވެ. ރައްޔިތުންނަށް މުދާލިބޭނެ މަގު ފަހިކޮށްދިނުމެވެ. ޑިއުޓީ މާފުކުރުމަކީ ޙައްލެއް ނޫނެވެ. އެއީ އޭގެ ބުރަ ދައުލަތުން ފަހުން އުފުލަންޖެހޭނެ ކަމަކަށް ވާނެތީއެވެ.
ޔުޓިލިޓީސް ބިލްތަކަށް ފައިސާ ނުދެއްކުމުން އަރާ ޖޫރިމަނާއާއި، ޚިދުމަތް މެދުކަނޑާލުން ފަސްކުރުން.
ކަރަންޓު އަދި ފެނުގެ ޚިދުމަތުގެ ބިލް އަދި ތައްޔާރު ކުރިނަމަވެސް، އެބިލްތައް ދެއްކުން ފަސްކޮށްދެވިދާނެއެވެ. “ޑިސްކައުޓެއް” ދިނުމަކީ ޙައްލެއް ނޫނެވެ. ދެވެންޏާ ޑިސްކައުންޓެއްވެސް ދޭންވީއެވެ. މާފުވެސް ކޮށްދޭންވީއެވެ. ނަމަވެސް، ދަޢުލަތުގެ ފަރާތުން ރައްޔިތުންގެ ޚަރަދުތައް ސަބްސިޑައިޒް ކުރުމަކީ އޭގެ ބުރަ ދަޢުލަތައް ބޮޑުވާނެކަމެކެވެ. ބޭނުމަކީ މި ދަތި ދުވަސްވަރު ދައުލަތުގެ ޙިއްސާއޮވެގެން ހިންގާ ކުންފުނިތަކަށް ދިވެހިރައްޔިތުންގެ އަތުން މިވަގުތަށް ނަގާ ފައިސާ މަދުކުރުމެވެ. އަދި ފަހުން އެފައިސާ ދެއްކޭނެ މަގު ފަހިކޮށްދިނުމެވެ.
ޓެލެކޮމް ކޮންޕެނީ ތަކުން “ދިން ހަދިޔާ” ޢިއުލާނު ކުރުމުން އަޅުގަނޑު ގާތައް ހިނިއައީ އެހެންވެގެންނެވެ. “ވެލިއު ފޮރ މަނީ” ބޭސިސްއެއްގައި ހުރި ކަންތައްތަކެއް ޢިއުލާނުކުރީ ރައްޔިތުންނަށް ދިން ލުޔެއް ގޮތަށެވެ. މިވަގުތު ލުޔަކަށް ވާނީ، ދައްކަން ޖެހޭ ފައިސާއެއް މަދުވުމުންނެވެ. ނުވަތަ، ބިލްތައް ދެއްކުމަށް ލުއިގޮތްތަކެއް ހަދައިދިނުމުންނެވެ. ބިލްތައް ކުޑަވުމުންނެވެ. ކުރީ މަހުގައި ލައިންތަކަށް ދެއްކި ވަރަށްވުރެން މަދުން ދައްކަންޖެހުމުންނެވެ. މުސާރަތައް ކުޑަވެ، ނުލިބި، ދަރަނިވެރިވާއިރު، ބޭނުންވަނީ މަދުން ފައިސާ ޚަރަދުކުރާނެގޮތެވެ. ވެލިއު ޑީލްތަކެއް ނޫނެވެ. ދިވެހިރާއްޖޭގައި ބިލިޔަނުން ވިޔަފާރިކުރާ، މި އުނދަގޫ ވަގުތުގައި އެންމެ ފައިސާ ފޮއްޗެއްވެސް މަދު ނުވެ ހޯދޭނެ ހަމައެކަނި އިންޑަސްޓްރީއިން މިހާރު ދީފައިވާ “ހަދިޔާ” އަށް ރުހެފައިހުންނަން ހަމަގައިމުވެސް އަޅުގަނޑަށް އުނދަގުލެވެ.
ހަރުދަނާ އިކޮނޮމީ ސްޓިމިއުލަސް ޕެކޭޖެއް އެކުލަވާލައި، ތަފްޞީލް އާންމުކުރުން
އިކޮނޮމީ ސްޓިމިއުލަސް ޕެކޭޖް، އިކޮނޮމީ ރިލީފް ޕެކޭޖަށް ބަދަލުވިއެވެ. އަޅުގަނޑު ޤަބޫލުކުރަނީ މިއީ 2 ސްޓޭޖް ޕްލޭނެއް ކަމަށެވެ. މިއީ ފުރަތަމަ ސްޓޭޖްކަމުގައި ވެދާނެއެވެ. 3 ޞަފްޙާގެ ތަފްޞީލްތައް އެކުލަވާލުމަށް، ދުވަސްތަކެއް ނެގިއެވެ. ވޯރލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އިން 10 ޖަނަވަރީ 2020 ގައި ދުނިޔޭގެ ހުރިހާ ޤައުމުތަކަށް މިބައްޔާއި ބެހޭ ޓެކްނިކަލް ގައިޑަންސް ދޭން ފެށިއެވެ. 12 މާރިޗް 2020 ގައި ސިއްޙީ ކުއްލި ޙާލަތު ދިވެހިރާއްޖޭގައި އިޢުލާނުކުރިއެވެ. 25 މާރިޗް 2020 ގައި، ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް 2.5 ބިލިއަން ރުފިޔާގެ “ސްޓިމިއުލަސް ޕެކޭޖް” އިޢުލާނުކޮށްދެއްވިއެވެ. 7 އެޕްރީލް 2020 ގައި މިނިސްޓްރީ އޮފް ފިނޭންސް އިން ރިލީފް ޕެކޭޖުގެ ތަފްޞީލްތައް އިޢުލާނުކުރިއެވެ. ކޮންމެއަކަސް، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، 10 ޖަނަވަރީ 2020 އިން ފެށިގެން އިޤްތިޞާދީ ޕްލޭނެއް އެކުލަވާލުމަށް ސަރުކާރަށް ފުރުޞަތު ލިބުނެވެ. މިނިސްޓްރީ އޮފް ފިނޭންސް އާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މި ދެމިނިސްޓްރީ އެއްކޮށް، 2 މިނިސްޓަރުންނާއި، 5 ސްޓޭޓު މިނިސްޓަރުންނާއި، 7 ޑެޕިއުޓީ މިނިސްޓަރުންނާއި އެކު ހައިލެވެލްގެ 14 ބޭފުޅުން ތިއްބަވައި، މި ދެންނެވި 3 ޞަފްޙާގެ “ޕްލޭން” ނެރެވުނީ 7 އެޕްރީލް 2020 ގައެވެ. ފަހަރުގައި، ހުރިހާ ތަފްޞީލްތައް ކުރުކޮށް، ފޮނިކޮށް ލިޔުމަށް ވަގުތުކޮޅެއް ނެގީކަމަށް ވެދާނެއެވެ. އެމަސައްކަތް ދިޔައީ ހިތްހަމަޖެހޭ ވަރަށްވުރެ ލަސްކޮށެވެ.
އޯޑަރުކޮށްފައިވާ މުދާކޮޅު ޕޯރޓުގައި ތާށިނުވެ ނެރެވެން އޮތީ ކަސްޓަމްސްއަށް ޑިއުޓީ ދައްކައިގެންނެވެ. ޓެކްސް ދައްކަންޖެހޭ މުއްދަތުގައި ނުދައްކައިފިނަމަ، ޖޫރިމަނާ ކުރުމާއި، ކުންފުނީގެ އެކައުންޓުތައް ފްރީޒްކޮށް، ކުރިއަށްދެވޭނެ ހުރިހައި ގޮތެއް ބަންދު ކޮށްފާނެ ކަމުގެ ބިރު އެބައޮތެވެ. ކުންފުނިން ބަލަހައްޓާ މުއައްޒަފުން ކަނު އަނދިރީގައި ތިބެން ޖެހިދާނެކަމުގެ ބިރު އެބައޮތެވެ. ޕެންޝަން އޮފީހުންވެސް ޕެންޝަން ފައިސާ ނުދައްކައިގެން “އެސް.އެމް.އެސް ފަތްކޮޅެއް” ފޮނުވާފައި އެބައޮތެވެ. މިއީ ދަޢުލަތާއި ގުޅުން ހުރި ކަންކަން އެކަންޏެވެ. މުއައްޒަފުންނަށް މުސާރަ ނުދެވި، ކޮއްތުފައިސާ ނުދެވި، ރޭގަނޑުގެ ވަގުތު ތަކުގައިވެސް ރޯދައަށް ހުންނަޖެހޭ ހިސާބަށް ގޮސްދާނެހެންވެސް ބައެއް ފަހަރު ހީވެއެވެ. ދިރިއުޅޭ ތަނުން ބޭރުކޮށްފާނެ ކަމުގެ ބިރުވެސް އެބައޮތެވެ. މުދާކޮޅު މަގުމަތީގައި ބަހައްޓަން ޖެހުމަކީވެސް ހަމަ ވެދާނެ ކަމެކެވެ. ރިސޯޓުތަކުގެ ކުއްޔަށާއި، ‘ހާބަރު ކަޑަތަކަށް’ ދަޢުލަތާއި، ދައުލަތުގެ ކުންފުނިތަކުން ދިން ލުއިތަކުގެ ވާހަކަ އަޑު އެހީމެވެ. މަދުން ނަމަވެސް، އަމިއްލަ ތަންތަނުގެ ކުއްޔަށް އެކި ކަހަލަ ލުއި ދިން އަޑު އެހީމެވެ. ނަމަވެސް، މިއީ ނިސްބަތުން މަދު ތަންތަން ކަމުގައި ދެންނެވިދާނެއެވެ.
ކުރިން ނަގާފައިވާ ލޯނުތަކަށް ދިން ލުޔަކީ ބަލައިގަންނަ ކަމެކެވެ. ޕްލޭނެއްގެ ދަށުން ލުއި ލޯނު ދޫކުރަން ނިންމި ނިންމުމަކީވެސް ރަނގަޅު ނިންމުމެކެވެ. އެ ފައިސާ ބޭނުންކުރަން ލިބުމުން އަދި އިތުރު ފުރިހަމަކަމެއް އަންނާނެއެވެ.
ނަމަވެސް، މި ސްކީމްތަކުން ބޮޑުލާރިއެއްހާ ހިސާބުވެސް ނުލިބޭނެ އެތައްބައެއް އަދި އަދިވެސް އެބަތިއްބެވެ. ގިނަ ކުޅިވަރު އެކަޑަމީތަކާއި، ކޯޗުންނާއި ކުޅިވަރު ކްލަބްތަކަށް މިއިން ޕެކޭޖަކަށް އެޕްލައި ކުރެވޭނެ ގޮތެއް ނެތެވެ. އަދި މިނޫންވެސް މީހުން ތިބޭނެކަމަށް ބެލެވެއެވެ. އަޅުގަނޑު ޤަބޫލުކުރާހިތް އޮތީ ދަޢުލަތުގެ ފަރާތުން އެކަށޭނެ އިކޮނޮމީ ސްޓިއުމުލަސް ޕެކޭޖެއް އެކުލަވާލައި، ހުރިހައި އެންމެން ނުވަތަ ގިނަ ބަޔަކަށް މި އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދޭނެ ކަމަށެވެ. އަދި މި ތަފްޞީލްތައް ވަރަށް އަވަހަށް ހާމަކުރާނެކަމަށްވެސް އުންމީދު ކުރަމެވެ. މިހާރުވެސް މާ ލަސްވެއްޖެއެވެ. ވިޔަފާރިތަކަށް ކުރިއަށް ދާނެގޮތެއް އިނގޭނީ އޭރުންނެވެ. ވިޔަފާރި އަދި ވިޔަފާރީގެ އޯވަރހެޑް ކުޑަކުރަން ނުވަތަ ކުޑަކުރުމާއި، ނުކުރުން ބިނާވަނީ ވިޔަފާރިތަކަށް ލިބޭ އާމްދަނީއާއި ނަފާގެ މައްޗަށް ކަމަށްވާއިރު، އާމްދަނީ ނުލިބޭ ހާލަތުގައި މި ޑިސިޝަންތައް ނެގުމުގައި، ދަޢުލަތުގެ އެހީތެރިކަން ލިބޭނެކަން ނުވަތަ ނޫންކަން ކަށަވަރުވުން މުޙިއްމެވެ.
—
ނިންމާލުމުގެ ކުރިން ކިޔުންތެރިންނަށް ވާހަކައެއް ބުނެލާހިތް އެބައޮތެވެ. އެއީ، “ވިޔަފާރިވެރިންގެ އަތުގައި ބޯކޮށް ފައިސާ އޮންނާނެކަމަށް” ގިނަބަޔަކަށް ހީވެފައިވާ ހީވުމުގެ ވާހަކައެވެ. ފޮތް ފޮތުގައި ލިޔެފައި އޮންނަގޮތަށް ވިޔަފާރިތައް ނުވަތަ ހުރިހާ ވިޔަފާރިތަކެއް ނުހިނގައެވެ. ނުވެސް ހިންގޭނެއެވެ. ހިނގާނަމަ، ބަނގުރޫޓުވާނެ ވިޔަފާރިއެއް ނޯންނާނެއެވެ. ދެތިން މަހުގެ އާމްދަނީއަށާއި، ކުރަންޖެހުނު ޚަރަދުތަކަށް އައި ބަދަލަކާއި ގުޅިގެން މިދިވެހި ދަޢުލަތުގެ އިގްތިސޯދު “ވެންޓިލޭޓަރުގައި” ބާއްވާފައި އޮތް އިރު، އަމިއްލަ ވިޔަފާރިތައް ތިބޭނީ ކޮންހާލެއްގައިތޯއެވެ؟ ވިޔަފާރިވެރިންނަކީ، ހަމައެކަނި ރިސޯޓު ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތައް ހިންގާ ތިރީހަކަށް ކުންފުންޏެއް ނުވަތަ ޢާއިލާއެއް ނޫނެވެ. ގާޑިޔަލުގައި ކުރުނބާ ވިއްކާ މީހާއަކީވެސް ވިޔަފާރި ކުރާ މީހުންނެވެ. އަޅުގަނޑުމެންފަދަ ދަގަނޑުތަޅާ މީހުންނަކީވެސް ވިޔަފާރި ކުރާ މީހުންނެވެ. މުއައްޒަފުންތަކަކާއި ޙަވާލުވެގެން ތިބި ބައެކެވެ. އެމުއައްޒަފުންގެ ޢާއިލާތަކާއިވެސް އެއްކޮށެވެ. މަހުޖަނުންގެ ލެވެލުން ވިސްނުން ތިރިކޮށް، ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ އެހެން މީހުންގެ ނަޒަރުންވެސް ކަންކަން ވިސްނުން މުޙިއްމެވެ. އާންމު ރައްޔިތުންނާއި، ސަރުކާރާއި، ދަޢުލަތުގެ އިސްވެރިންވެސް މެއެވެ.
މި ދަނޑިވަޅުގައި މާލީ އެހީތެރިންކަން އެންމެންވެސް ބޭނުމެވެ. ނަމަވެސް، “ފްރީ މަނީ” ކޮންސެޕްޓަކީ އަޅުގަނޑު މާގަޔާވާ ކޮންސެޕްޓެއް ނޫނެވެ. އެމީހަކު ބޭނުންކުރާ ފައިސާއަކަށް ޒިންމާ ވާން ޖެހޭނެއެވެ. ޚާއްސަކޮށް ވިޔަފާރިތަކުން ހޭދަކުރާ ފައިސާއަށް އެވިޔަފާރިތަކުން ޒިންމާ ވާންޖެހޭނެއެވެ. ދައުލަތުގެ ޚަޒާނާއަކުވެސް އެކަށީގެންވާވަރަށް ފައިސާއެއް ނެތެވެ. ނަމަވެސް، ލުއިތައް ދެވޭނެކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ. އެ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ މީހުންގެ ހައްޤުގައެވެ. މި ބަލީގެ ކަންކަމުން މިދީބު އަލިވިލުމަށްފަހުގައިވެސް، އެމީހުންގެ ވަޒީފާތައް ކަށަވަރުކުރުމަށެވެ. ވަޒީފާ ގެއްލޭ ހުރިހާ އެންމެންނަކަށް ސަރުކާރުން އެހީތެރިކަމެއް ނުދެވޭނެއެވެ. މީގެ ސަސްޓެއިނަބަލް ގޮތަކީ ވިޔަފާރިތަކުން، އެވިޔަފާރިތަކުގެ ވަޒީފާގައި ތިބި މީހުން، ވަޒީފާއިން ވަކިނުކޮށް ބޭތިއްބޭނެ މަގުތައް ހޯދައި، އެމަގުތަކުން ހިނގުމެވެ.
ދައުލަތަށް ނަގާ ފައިސާ މަދުކުރުމުން، ދައުލަތައް ދަތިތަކެއް ކުރިމަތިވާނެއެވެ. މިދަތިތަކާއި އެކުވެސް ވިޔަފާރިތަކަށް ސަރުކާރުގެ ފަރާތުން ލުއި ދެވެންހުރި ކަންކަމަށް ލުއި ހޯދައިދޭންވީ މިހާރުއެވެ. މިވަގުތުއެވެ. ވާނެ ހަތަރެއްޗެއް ވީމައެއް ނޫނެވެ. ފުރަތަމަ ކަމަކަށް ދައުލަތާއި، ދައުލަތާއި ގުޅުންހުރި މުއައްސަސާތަކަށް ރައްޔިތުންނާއި ވިޔަފާރިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދީ، އެފައިސާ ދެއްކުން ފަސްކޮށްދެއްވުން ކީއްތޯއެވެ؟