މުދައްރިސުންނަކީ ކިޔަވާދޭން ތިބޭ ބަޔެކެވެ. ދަރިވަރުންނަށް އުނގަންނައިދީ އެކުދިންނަކީ ޢިލްމުވެރި ބަޔަކަށް ހެދުމުގެ ބުރަ މަސްޢޫލިއްޔަތު ކޮނޑުގައި އަޅައިގެން ތިބޭ ބައެކެވެ. މި ބުރަ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއްވެސް ލިބޭކަމަށް އަޅުގަނޑަށް ޤަބޫލުރެވެއެވެ. ނަމަވެސް، އަޅުގަނޑުމެންގެ ސްކޫލްތަކުން އެ މުދައްރިސުންނާއިމެދު ޢަމަލު ކުރަނީ އެމީހުންގެ މުހިންމުކަން ކުޑަވާފަދަ ގޮތަކަށެވެ. ޢިހްތިރާމް ކުޑަވާފަދަ ގޮތަކަށެވެ. އެއީ މަސައްކަތުމީހުންހެން ހީވާ ހިސާބަށްވެސް ބައެއް ފަހަރުދެއެވެ.

ސްކޫލުން ހިންގާ ޙަރަކާތްތަކުގައި އެސްކޫލެއްގެ މުދައްރިސުންނާއި ހުރިހާ މުވައްޒަފުން ޝާމިލްވާންވާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. ނަމަވެސް، ކޮންމެ ހަފްތާބަންދަކު އެކި އެކި ނަންނަމުގައި ޙަރަކާތްތައް ބާއްވައި މުދައްރިސުން މަސައްކަތު ނެރެން ޖެހޭނަމަ އޭގެ މާނައަކީ ސްކޫލްތަކުން ރާވައި ހިންގަން ބޭނުންވާ ޙަރަކާތްތައް ހިންގާނެވަރަށް ސްކޫލްތަކުގައި މުވައްޒަފުން ނެތީއެވެ. އެޑްމިނިސްޓްރޭޓިވް ކަންކަން މުދައްރިސުންލައްވާ ކުރުވިގެން ނުވާނެއެވެ. ކުރުވައިގެންވެސް ނުވާނެއެވެ. ސްކޫލްތެރެ ތައްޔާރުކޮށް، މުދައްރިސުންގެ އަމިއްލަ ޚަރަދުގައި ކްލާސްރޫމްތަކުގެ ފާރުގައި ކުލަލައްވައި “ޑެކަރޭޓް” ކުރެވިގެން ނުވާނެއެވެ. ލެސަން ޕްލޭންތައް މުދައްރިސުން އަމިއްލަ ޚަރަދުގައި ޕްރިންޓްކުރަންޖެހޭ ޖެހުމަކީވެސް އަރަތެކެވެ. ސްކޫލްތަކުން އެކަން ކަން ކޮށްދޭން ޖެހޭނެއެވެ. އެ ޚަރަދުތައް ކޮށްދޭން ޖެހޭނެއެވެ. ބަޖެޓް ނެތްނަމަ، އެކަން ނުކުރެވޭނެއެވެ. މުދައްރިސުންނަށް އެކަންކަން ކުރުމަށް މަޖުބޫރުކުރެވިގެން ނުވާނެއެވެ. ސްކޫލުން، ސްކޫލުގެ ކަންކަމަށް ފައިސާ ހޯދުމުގެ ނަމުގައި މަސައްކަތްތައް ކުރަންވާނީ، އެކަމަށް މުވައްޒަފުން ތިބި ނަމައެވެ. އެ ވަޞީލަތްތައް ހުރިނަމައެވެ. ނުވަތަ، ބަޔަކާއި ޙަވާލުކޮށްގެން މުޅިން އިންޑިޕެންޑަންޓް ކޮށެވެ. މުދައްރިސުންނަކީ އެމީހުންނަށް ލިބޭ ހުސްވަގުތު ސްކޫލުން ކުރަންބޭނުންވާ ކަންކަމަށް ފައިސާ ހޯދުމަށް ހިންގާ ޕްރޮގްރާމްތައް ހިންގަން ތިބޭ ބައެއް ނޫނެވެ. އެކަން ކުރާނީ ސްކޫލެއްގެ މެނޭޖްމަންޓުން ރާވައިގެން މުދައްރިސުންގެ ޢާއިލާތަކަށް ދުއްތުރާ ނުކޮށެވެ. އާއިލީގުޅުމަށް ބުރޫ ނާރުވައެވެ. މުދައްރިސުންނަކީ ލޭބަރ ފޯހެއް ނޫނެވެ. ކިޔަވާދޭން ތިބޭ ބަޔެކެވެ. ބާ ހެދުން ވިއްކާ މޭޒުތަކުގައި ތިބެންޖެހޭ ބައެއް ނޫނެވެ.

ދެން އޮތީ ބޭކާރު ގޮތުގައި ވަގުތު ހޭދަކުރަން މަޖުބޫރުކުރާ މައްސަލައެވެ. ކުޅިވަރު މުބާރާތެއް ނަގަމާ ހިނގާށެވެ. ސްކޫލްކުދިންގެ ކުޅިވަރު މުބާރާތަކަށް ކުދިން ތައްޔާރުކުރުމަށް ސްކޫލުންނާއި ބެލެނިވެރިން ބޮޑު ޚަރަދުކޮށް ބަޔަކާއި ނުވަތަ ކޯޗަކާއި ޙަވާލުކުރެއެވެ. އެހެނަސް، ޓީޗަރަކު ދާންޖެހެއެވެ. ކީއްކުރަން ތޯއެވެ؟ ކޯޗަކު އެބަހުއްޓެވެ. ބެލެނިވެރިން ތިބެއެވެ. ޕްރެކްޓިސް ފަށާ ހިސާބުން ޓީޗަރަށް ކުދިންތައް އެ ގެއްލުނީއެވެ. ފީލްޑްގައި ހިނގާނީ ކޯޗުގެ ބާރެވެ. މުދައްރިސެއް އެތަނެއްގައި ބެހެއްޓުމުގެ ބޭނުމެއް އެބައޮތްހެއްޔެވެ؟ “ކަމެއް ވީމަ ޒިންމާ ނަގާނީ” ނުވަތަ ނަގަންޖެހޭނީ މުދައްރިސެއް ނޫނެވެ! އެކަމެއް ހިނގާނީ ކޯޗު ހުއްޓައެވެ. ޒިންމާ ނަގާނީ ކޯޗެވެ. ނޫނީ އެކޯޗަކާއި ޓީމް ޙަވާލުކުރި ސްކޫލްގެ މެނޭޖްމަންޓެވެ. މުދައްރިސް ކުރާނެކަމެއް އޭގެ ނޯންނާނެއެވެ. ގަޑިޔަށް ބަލާދިޔުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. ބެލެނިވެރިންގެ ޒިންމާ އަދާކުރަންދެން މުދައްރިސް އިތުރު ބައި ގަޑިއިރު މަޑުކުރަން ނުޖެހެނީ މަދު ފަހަރަކުއެވެ. ޕްރޮފެޝަނަލް ކްލަބްތައް ރާއްޖޭގައި އެބަތިއްބެވެ. ގިނައީ ކުޅިވަރުގެ ދާއިރާއިން މަތީ ފާސްތައްނަގައި އެކި ކަހަލަ ލައިސަންސްތައް ނަގައިގެން ޕްރޮފެޝަނަލް ލެވެލްއެއްގައި އެމަސައްކަތް ކުރާ މީހުންނެވެ. އެމީހުންނަށް ފާރަލާން މުދައްރިސަކު ބަހައްޓާކަށެއް ނުޖެހެއެވެ. ބަހައްޓަން ޖެހޭނަމަ އެއީ މައްސަލައެކެވެ.

ކޯޗުން އެވްރެޖްކޮށް މުބާރާތަކަށް ދިހަވަރަކަށް ނުވަތަ ފަނަރަވަރަކަށް ހާސް ސްކޫލަކުން ނަގާ ކަމަށް ވެއެވެ. ބައެއް ކޯޗުން އެއަށްވުރެންވެސް ގިނައެވެ. މަދުން ނަގާ ކޯޗުންވެސް އުޅެއެވެ. ގިނަ ކްލަބްތަކާއި އެކެޑަމީ ތަކަކީ އެޑްމިނިސްޓްރޭޓިވް ސްޓާފުންވެސް ވަޒީފާގައި ގެންގުޅޭ ތަންތަނެވެ. އެ ކޯޗުން ނުވަތަ ކްލަބް އެކަޑަމީގެ މަސައްކަތުގެ ތެރޭގައި ކުދިން ބެލެހެއްޓުމާއި، ހާޒިރީ ބެލެހެއްޓުމާއި މިނޫންވެސް ކަންކަން ހިމަނައި އެމީހުން ނަގަންޖެހޭ ޒިންމާގެ ވަހާކަ އޮތުމުން ފުދޭނެއެވެ. ބެލެނިވެރިންނަށް އެމީހުންގެ ޒިންމާ ހަނދާންކޮށްދިނުމުން ފުދޭނެއެވެ. މުދައްރިސެއްގެ ވަގުތު ބޭކާރުނުކޮށްވެސް އެކަންކަން ކުރެވޭނެއެވެ. ފިނިހަކަ ދުވެލީގެ ވައިފައި ނެޓްވޯރކްގައި، އިންޓެނެޓް ބޭސްޑް ސިސްޓަމްތައް ބޭނުންކުރަން ޖެހޭ އިރު ބޭކާރުވާ ވަގުތަކީވެސް މަދު ވަގުތެއް ނޫނެވެ. މުދައްރިސުންނަކީވެސް ޢާއިލާއެއްގެ ބަޔެކެވެ. އެމީހުންގެ ދަރީން އެކަނި ގޭގައި އުޅޭކަށެއް ނުޖެހެއެވެ. މުދައްރިސުން ނުލައި ނޭވައެއްވެސް ނުލެވޭ ޕްރިންސިޕަލުންނާއި ވެރިން ސްކޫލްތަކުގައި ތިބޭނަމަ، ތިމާމެންނަނަށް ތިމާމެންގެ ޒިންމާ ޢަދާނުކުރެވުނީކަމަށް ނިންމައި، އަމިއްލައަށް އިސްތިޢުފާދީ ސްކޫލު ހިންގުން ނޫންކަމެއް އިޚްތިޔާރުކުރުން މުޙިއްމުކަމުގައި ދެކެމެވެ. މުދައްރިސުންގެ ޢާއިލާތަކުގެ ލާބައާއި މަންފާއަށްޓަކައެވެ. މުދައްރިސުންގެ ދަރީންނަށް މައިންބަފައިންގެ ފަރާތުން ލިބެންޖެހޭ އަޅާލުމާއި އެހީތެރިކަށް ހޯދައިދިނުމަށެވެ.

ފައިސާއަކީ ހުރިހާ އެއްޗެއް ނޫނެވެ. ހަމައެކަނި މުދައްރިސުންގެ މުސާރަ ބޮޑުކުރުމަކުން ނުފުދެއެވެ. އިތުރުގަޑީގެ ފައިސާ ދިނުމަކުން ނުފުދެއެވެ. މުދައްރިސުން ގަނަތެޅުވުންވެސް ހުއްޓުވަން ޖެހެއެވެ. ހުއްޓަންޖެހެއެވެ. މުދައްރިސުންނަކީ ސްކޫލުގައި ކިޔަވައި ދިނުމުގެ އިތުރުން ލެސަން ޕްލޭންތަކާއި، ޓެސްޓް ޕޭޕަރު ތަކާއި ވޯރކްޝީޓްތައް ހަދަން ޖެހޭބައެކެވެ. ޓީޗިން މެޓީރިއަލް ހަދަންޖެހޭ ބައެކެވެ. ފޮތްތަކާއި ޕޭޕަރުތައް މާރކުކުރަންޖެހޭ ބައެކެވެ. ކުދިންނަށް ވަކި ވަކިން އެޓެންޑްވާންޖެހޭ ބައެކެވެ. ސްކޫލުގެ ވަގުތުތަކުގެ އިތުރުން ސްކޫލުން ގެއަށް ގެންނަ މިހުރިހާ މަސައްކަތްތައް ހުއްޓައި، 12:45 ގައި ސެޝަން ނިމޭ މުދައްރިސުންނަށް 13:00 ން 14:30 މީޓިންގ ބާއްވައި، ސްކޫލުން ކޮންމެވެސް މޮޅުނަމެއް ކިޔާ ދުވަހެއް ފާހަގަކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރަން ރޭގަނޑު 8 ޖަހާއިއިރު ނިކުންނަށް އަންގައި، ނާންނަ މުދައްރިސުންނަށް ފިޔަވަޅުއަޅައި، އޮފީހަށް ހާޒިރުކޮށް، ލިޔުންދީ، ސިޓީ ދީ، ހަވަރަށްދީ ހަދަނީ އަޅުގަނޑު ޤަބޫލުކުރާގޮތުގައި މުދައްރިސުން ކުރާ މަސައްކަތް ބަލައި ނުގަންނާތީއެވެ. އަނެއްދުވަހު ކިޔަވާދިނުމަށް ވާންޖެހޭ ތައްޔާރީއެއްވާކަންވެސް ނޭނގެނީއެވެ. ކުދިންގެ މާކްސް ދަށް ވެ، ސްކޫލްތަކުގެ ވެރިން މުދައްރިސުންނަށް “ހެޓަކަށް” ދޭ އިރު، މުދައްރިސުން ލައްވާ އެމީހުން ކުރަން ނުޖެހޭ އެތައް މަސައްކަތްތައް ކުރެވުނުކަމެއް ހަނދާނެއް ނުހުރެއެވެ. ސްކޫލުތަކުގެ ވެރީންގެ ހަނދާންވެސް ބަލީއެވެ.

މުދައްރިސުން ކުރިއެރުމަށާއި، އެމީހުންގެ ފީލްޑުން އިތުރަށް އުނގެނުމުގެ ފުރުޞަތު ދޭންޖެހޭއެވެ. މުދައްރިސުންގެ ފެންވަރު މަތިކުރަން އެހީތެރިވާންޖެހެއެވެ. މިއީ ތަޢުލީމީ ދާއިރާގެ ވެރީންނާއި، ސަރުކާރުން ކުރަންޖެހޭ ކަމެކެވެ. ކޮށްދޭންޖެހޭނެ ކަމެކެވެ. ނަމަވެސް މިފެންނަނީ އެމުދައްރިސުންލައްވާ ގުލާނުކުރާ މަންޒަރެވެ. އިހުގެ ސްކޫލް ހިންގުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނެސް، މުދައްރިސުން އެމުދައްރިސުންނާއި ޙަވާލުވެފައިވާ ޒިންމާ ފުރިހަމައަށް ޢަދާކުރެވޭނެ ގޮތެއް ފަހިކޮށްދޭންޖެހެއެވެ.