ދަޢުލަތުން ދޭ ޚިދުމަތްތަކަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަ ހަމަކަމާއި ފަސޭހަކަމާއިއެކު ލިބެން ހުންނަންވާނެ ޚިދުމަތްތަކެކެވެ. ޚިދުމަތްތައް ލަސްނުވެ އަވަހަށް ނިންމާލުމުގެ ބޭނުމުގައި ރިޝްވަތުގެ މުޑުދާރު ޢަމަލުތައް ހިންގުމަކީ އާންމު ނޫން ކަމެއްކަމުގައި ދެންނެވޭކަށް ނެތެވެ. ބައެއް މުއައްސަސާ ތަކަކީ ފަތިހު 4 ޖަހާއިރުން ފެށިގެން ކިޔު ހަދަންފަށަން ޖެހޭ ތަންތަނަށް ވެފައިވުމަކީ އެމުއައްސަސާތަކުން ގަސްދުގައި ކޮރަޕްޝަނާއި ފަސާދައާއި ރިޝްވަތުގެ ޢަމަލުތައް ހިންގުމަށް އާންމުކޮށް ދީފައިވާ ދައުވަތެއް ކަމުގައި ދެންނެވިދާނެއެވެ.

އަޅުގަނޑުގެ އަމިއްލަ ތަޖުރިބާގެ އަލީގައި ދަޢުލަތުން ދޭ ޚިދުމަތްތައް އަވަސްކުރުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ މައްޗަށް މި ލިޔުމުގައި އަލިއަޅުވާލާނަމެވެ.

އެއްމުއައްސަސާ، އަނެއް މުއައްސަސާގެ ދެމެދުގައި މަޢުލޫމާތު ބަދަލުކުރުން ހަރުދަނާކުރުން.

އެމީހަކު ދުއްވާ އުޅަނދެއް ވިއްކާލުމުގެ ކަންކަން މިސާލަކަށް ބަލަމާ ހިނގާށެވެ. ހުރިހާ ކޯޓުތަކަށާއި ބޭންކްތަކަށް އަދި ޕޮލިހަށް އަދި ކަމާއިބެހޭ މުއައްސަސާތަކަށް އަމިއްލައަށް ހިނގަންޖެހޭގޮތަށް އޮތުމަކީ އަޅުގަނޑު އަޖައިބުވާ ކަމެކެވެ. މިއީ ދަޢުލަތުގެ މުއައްސަސާއަކުން ދިވެހި އާންމު ރައްޔިތަކަށް ޖައްސައިގެން ނުވާނެ ބުރައެކެވެ. އެއަށްވުރެ ދަޢުލަތުގެ އެތެރޭގެ ގުޅުމާއި ބަދަހިކަން ބޮޑުވާން ވާނެއެވެ. ނުވަތަ ބޮޑުވާން ޖެހޭނެއެވެ. ފޯރމް ހުށަހަޅާ އެއް މުއައްސަސާ އަކަށް ހުށަހެޅުމުން އެކުރަންދިޔަ ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ބޭނުންވާ މަޢުލޫމާތު ދަޢުލަތާއި، ދަޢުލަތާއި ގުޅުންހުރި މުއައްސަސާތަކުން ހޯދޭނެގޮތަށް ހުންނަންޖެހޭނީ ކަންކަން ފަހިވެފައެވެ. އިންޓަނެޓާއި ޓެކްނޮލޮޖީގެ މިޒަމާނުގައި މިކަން މިގޮތަށް ކުރަން ބޭނުންނަމަ، މިކަންނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.

ދަޢުލަތުގެ އެއްމުއައްސަސާ އަނެއް މުއައްސަސާގެ މެދުގައި މިގޮތަށް މަޢުލޫމާތު ބަދަލުކުރެވޭކަމުގައި ވަނީނަމަ، ވަކި ވަކި މުއައްސަސާތަކާއި އަމިއްލަ ފަރުދުންގެ ވަރަށް ގިނަ ވަގުތު ސަލާމަތްކުރެވި، މަސައްކަތަށް އިތުރު ހަލުއިކަމެއް އަންނާނެއެވެ. އަދި، އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ދޭ މަޢުލޫމާތުގެ ސައްޙަކަން އިތުރުވެ، އޮޅުންތައް މަދުވެ، ފަސޭހަކަމާއިއެކު ޚިދުމަތްތައް ދެވިގެންދާނެއެވެ. މީގެ އިތުރުން، އެއް ކަމަކަށް ދަޢުލަތުގެ ގިނަ މުއައްޒަފުންތަކެއްގެ ވަގުތު ބޭކާރުގޮތުގައި ނަގާލާ ނަގާލުން މަދުކުރެވި، އެފިޝަންޓްކޮށް މަސައްކަތްކޮށް ނިންމާލެވޭނެއެވެ.

ދަޢުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކޭނެ ހަރުދަނާ އަދި ކޮންސިސްޓަންޓް ނިޒާމެއް އެކުލަވާލުން.

ހުށަހަޅަންޖެހޭ ފޯރމްތަކަށް، ޚާއްސަކޮށް ވިޔަފާރިއާއި ބެހޭ ފޯރމްތަކަށް ކޮންމެވެސް މިންވަރެއްގެ ފައިސާއެއް ދަޢުލަތުން ނަގައެވެ. އަދި ގިނަފަހަރަށް މި ފައިސާގެ އިތުރުން ރެވެނިއު ސްޓޭމްޕެއް ޖަހަން ޖެހެއެވެ. މިރެވެނިއު ސްޓޭމްޕް ގަންނަން ކިއުގައި ޖެހި، އެތައް ވަގުތެއް ނަގާލަން ޖެހެއެވެ. ދަޢުލަތައް ލިބޭ އާމްދަނީ އަކީ އެއްތަނަކަށް ޖަމާވާ ފައިސާއަށް ވާއިރު، އެއް ފޯރމަކަށް ތިން ހަތަރު ގޮތަށް ފައިސާ ދައްކައި، ކުދި ކަރުދާސްކޮޅު ކޮޅުތައް މާލޭގެ އަނެއްބިތުން ގަނެގެން ގެނެސް ޖެހުމަކީ ބޯހަމަޖެހޭ ކަމެއް ނޫނެވެ. ބޭނުމަކީ ފައިސާ ހޯދުން ކަމުގައި ވަނީނަމަ، ސްޓޭމްޕަކީ އިސްރާފެކެވެ. ފޯރމް ހުށަހަޅާއިރު ފައިސާދައްކަން ޖެހޭގޮތަށް އޮތުމުން މިކަން ޙައްލުވީއެވެ. ބޭނުމަކީ ސްޓޭމްޕެއް އިނުން ކަމުގައި ވަނީނަމަ، އޮފީސްތަކުން ތައްގަނޑު ޖަހާ ޢުސޫލުން ސްޓޭމްޕް ޖެހޭނެ އިންތިޒާމް ހަމަޖެހުމުން މިކަން ވީއެވެ. މީހުންގެ ވަގުތުތައް ނަގާލައި، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ލިބިފައިވާ ވަގުތު ބޭކާރުނުކޮށްވެސް މިކަންކަން ކުރެވޭނެގޮތް ގޮތަށް ހަމަޖެއްސުނީހެވެ.

ދެން އޮތީ ފައިސާ ދެއްކޭނެ ގޮތްތަކެއްގެ ވާހަކައެވެ. މިސާލަކަށް މީރާ ބަލާލަމާ ހިނގާށެވެ. ކާޑުންނާއި ޗެކުން އަދި ނަގުދު ފައިސާއިންނާއި އޮންލައިންކޮށް ފައިސާ ބަލައިގަނެއެވެ. އެ އިންތިޒާމްތައް ހުންނަނީ ހަމަޖެހިފައެވެ. މީގެ ބަދަލަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ފައިސާ ދައްކަންޖެހެނީ ހަމައެކަނި ނަގުދު ފައިސާ އިންނެވެ. ކާރޑުން ފައިސާއެއް ނުދެއްކެއެވެ. ޗެކް ޤަބޫލުކުރަނީ ބެންކް ގެރެންޓީ އެއް އިނިއްޔާއެވެ. (ޓްރޭޑް މިނިސްޓްރީގެ އޮންލައިން ޕޯރޓަލް އެއް އަދި އަޅުގަނޑު ބޭނުމެއް ނުކުރަމެވެ. ފަހަރުގައި އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތެއް ފަހިކޮށްފައި އޮވެދާނެއެވެ.) ދަޢުލަތުގެ އެކި މުއައްސަސާތަކުގައި އެއްކަމެއް ކުރުމަށް މި އޮންނަ އެކި އެކިތަފާތު ގޮތްގޮތަކީ ވަގުތުތައް އިތުރަށް ބޭކާރުވާ ކަމެކެވެ. ދުވާލު ހަތަރުދަމު ކިޔުގައި ހުރެ، ނަންބަރު ޖެހުމުން ކައުންޓަރަށް ކައިރިވާއިރު، ތިހެނެއް ފައިސާ ބަލައިނުގަނެވޭނެއޭބުނެ ޙުދު އަޅުގަނޑު ފޮނުވާލާފައިހުރީ މަދެއްކޮށެއް ނޫނެވެ.

ކިއުގައި މަޑުކުރާވަގުތު އެޕްލިކޭޝަންތައް ބަލައި، ޗެކްކުރެވޭނެ އިންތިޒާމް ހަމަޖެހުން.

މިއީވެސް ވަގުތު ސަލާމަތްކޮށް، މަސައްކަތް އަވަސްކުރުމަށް ކުރެވިދާނެކަމެކެވެ. ބައެއްފަހަރު ފޯރމްގައި ތައްގަނޑެއް މަދުވެގެން، ނުވަތަ އައިޑީ ޑޮކިއުމަންޓެއް މަދުވެގެން ފޯރމްތައް ބަލައިނުގަނެ ފޮނުވާލާފައިވާ އެބަހުއްޓެވެ. ކައުންޓަރަށް ދިޔުމުގެ ކުރިން، ފޯރމްސެޓް ޗެކްކޮށް، ފުރިހަމަ ނުވާކަމެއްހުރި ނަމަ އެބޭފުޅަކަށް އެންގުމުން، ނަންބަރު ޖެހުމުގެ ކުރިން އެކަމެއް ކޮށް ނިންމާލުމަށް މަގުފަހިވެއެވެ. ކައުންޓަރަށް ދިޔުމުގެކުރިން ފޯރމް ފުރިހަމަކޮށްފައިވާނަމަ، އެ ފޯރމަށް އަނެއްދުވަހު ޚިދުމަތްދިނުމަށް ވަގުތުނަގާނުލައި ނިންމާލެވޭނެއެވެ. އަދި ޚިދުމަތް ހޯދުމަށް އައި މީހުންގެ ނުވަތަ މީހާގެ ވަގުތުވެސް ސަލާމްކުރެވުނީއެވެ. މިކަމަށް ބޭނުންވާކުދިން ހޯދުމަށް، ސްކޫލްތަކުގައި އިންޓަރންޝިޕް ޕްރޮގްރާމްތައް ފެށިދާނެއެވެ. މިކަން މިގޮތަށް ވެއްޖެނަމަ، ވަޒީފާގެ މާޙައުލަށް ކުދިން ހޭލުންތެރިވެ، މީހުންނަށް ޚިދުމަތްދިނުމުގެ ރޫޙު އަށަގަނެ، އެކުދީންގެ މަޢުލޫމާތު މުއްސަނދިވާނެ ކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ. އޭރުން ކުޑަޚަރަދަކުން ދަޢުލަތުގެ މަސައްކަތްތައް އަވަސްކުރެވުނީއެވެ. އަދި، ހަރުދަނާ ޖީލެއް ބިނާކުރުމަށް ކޮންމެވެސް ވަރެއްގެ މަސައްކަތެއްވެސް ކުރެވުނީއެވެ.

ދަޢުލަތުން ދޭ ޚިދުމަތްތައް ދަތިކަމެއް ނެތި އެންމެންނަށް ލިބޭނެގޮތަށް ބެހެއްޓުން

ދަޢުލަތާއި، ދަޢުލަތާއި ގުޅިފައިވާ މުއައްސަސާތަކާއި ކުންފުނިތަކުންދޭ ބައެއް ޚިދުމަތްތަކަކީ ލިމިޓްކޮށްފައިވާ ޚިދުމަތްތަކެކެވެ. މިސާލަކަށް، މޯލްޑިވްސް އިމިގްރޭޝަން އިން ބައެއް ޚިދުމްތަތަކަށް ދޫކުރާ ނަންބަރުތަކަކީ ދުވާލަކު ވަކި ޢަދަދަކަށް ދޫކުރާ ނަންބަރުތަކެކެވެ. މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްއިން ކްލިއަރ ކުރުމަށް ކޮންޓެއިނަރ ނޯޓް ކުރެވެނީ ދުވާލަކަށް ވަކި ވަރަކަށެވެ. މިއީ ވަރަށް ބޮޑު މައްސަލައެކެވެ. ދަޢުލަތުގެ މުޢައްސަސާތަކުން ދޭ ޚިދުމަތްތައް މިގޮތަށް ލިމިޓްކޮށް، މޮޅުމީހާ މޮޅު އަދި، އަވަހަށް މައުސް ބަޓަނަށް ފިތޭމީހާއަށް ފުރުޞަތު ދޭގޮތަށް އޮތުން ހަމަޖެހޭތޯއެވެ. ކިއު ނަންބަރު ހޯދަން ކިޔުގައި ޖެހެން ފަތިސްނަމާދު އަޅަންޖެހުމަކީ ޤަބޫލުކުރެވޭނެ ކަމެއްތޯއެވެ؟ ޕޯރޓަލް ހުޅުވާތާ އެއް މިނެޓްތެރޭގައި ކޮންޓެއިނަރ ނޯޓްކުރެވުނު މީހަކަށް ކުރެވުނީ، ނުކުރެވޭމީހަކަށް ނުކުރެވުނީކަމުގައި ބަލައި، ޑެމަރޭޖަށް އެތައް ފައިސާއެއް ނެގުމަކީ ހަމަޖެހޭކަމެއް ތޯއެވެ؟ މިކަންކަމަކީ ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތަކެވެ. މިދޮރުތައް ބަންދުކުރެވޭނެ އިންތިޒާމް ހަމަޖެހެންޖެހެއެވެ. ނަންބަރެއް ނެގުމަށް 6 ގަޑިއިރު ނަގާލަން ޖެހޭނަމަ، އޭގެތެރޭގައި ކޮރަޕްޝަންގެ ކުލަ ނުޖެހިދާނެކަމަށް އަޅުގަނޑަށް ޤަބޫލެއް ނުކުރެވެއެވެ. މިއަށް ވުރެން އެފިޝަންޓްގޮތްތައް ހޯދައި، މިކަންކަން ވާނީ ޙައްލުކުރާށެވެ.

ކޮރަޕްޝަނަށް މަގުފައިވާ ވަރަށް ގިނަކަންކަން އަޅުގަނޑުމެންގެ މުޖުތަމަޢުއިން ފެނެއެވެ. ދިރުއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، އިސްލާމީ ރިވެތި އުޞޫލުތަކާއި ދުރަށް މީހުންދިޔުމާއި، މިނޫންވެސް އިޖްތިމާޢީ އަދި އިޤްތިޞާދީ ބައެއްކަންކަން އެބަހުއްޓެވެ. ނަމަވެސް، މިލިޔުމުގައި އަޅުގަނޑު އަލިއަޅުވާލާފައި އެވަނީ ހަމައެކަނި ޚިދުމަތްތަކުގެ ސްޕީޑް އަވަސްކޮށް، ކޮރަޕްޝަންއަށް މަގުފަހިވާ ނުވަތަ ކޮށްފައިވާ ކަންކަން މަދުކުރެވިދާނެ ކަންކަމަށެވެ.