އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކާއި، ރަށެއް ނުވަތަ ޤައުމެއް މާލީގޮތުން ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ތަފާތެވެ. މިތަފާތުތައް ދެނެގަނެ، ދަސްކޮށް، އެ މަގުން ހިނގައިގެން ނޫންގޮތަކަށް ދެމެހެއްޓެނިވި އަދި ދާއިމީ ގޮތެއްގައި އެރަށްރަށް ކުރިއެރުވުމަކީ ނުވާނެކަމެކެވެ. މިތަފާތުތައް ދެނެނުގަނެ އެރަށަކަށް މާލީގޮތުން ކުރިއެރުން ހޯދަން އުޅެފިނަމަ ގިނަފަހަރަށް މާލީ ގޮތުން ކުރިއަރައި، ފުރޭނީ އަމިއްލަ ފަރާތެއް ނުވަތަ މަދު އަމިއްލަ ފަރާތްތަކެއްގެ ޖީބުތަކެވެ. ރަށުގެ ތަރައްޤީ އަށް ލިބޭނީ މިދެންނެވި ޖީބުތަކަށް އަޅައި، ފުރި ބަންޑުންވާ މަދު ފައިސާކޮޅެއް ނުވަތަ ޚިދުމަތެކެވެ.

އަޅުގަނޑަކީ އިކޮނޮމިސްޓެއް ނޫނެވެ. އަދި ވިޔަފާރީގެ ތަޖުރިބާކާރު މާހިރެއްވެސް ނޫނެވެ. ނަމަވެސް، މާލީ ގޮތުން ރަށެއް ކުރިއެރުވުމަށް އަޅުގަނޑުގެ ނަޒަރުގައި ވިސްނުން ބަހައްޓަންވީ ބައެއްކަންކަމަށް މިލިޔުމުގައި އަލިއަޅުވާލާނަމެވެ.

ރަށުގެ ބިމާއި ފަޅު ވިޔަފާރިވެރިންނަށް ނުވިއްކުން

ރަށުގެ އެންމެ ބޮޑު ރައުސުލްމާލަކީ، އެރަށެއްގެ ބިމާއި ފަޅެވެ. މި ބިންބިމާއި ފަޅު ބޭނުންކުރަންވާނީ ވަރަށް ވިސްނުތެރިކަމާއިއެކު ދެމެހެއްޓެނިވި ގޮތަށް، ކުރިއަށް އޮތް ޖީލުތަކަށްވެސް ބޭނުންހިފޭނޭގޮތަށް ބަލައިގެންނެވެ. ބިން ވިއްކުމަކީ ނުވަތަ ޤަރުނަކާއި ގާތްކުރާ މުއްދަތަކަށް “ކުއްޔަށް ދިނުމަކީ” މާ ބުއްދިވެރިކަމެއްކަމުގައި އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. އެންމެ ގިނަވެގެން 30 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމުން، އެއީ އެންމެ ރަނގަޅު މުއްދަތެކެވެ. މި މުއްދަތު ހަމަވުމުން، އެއްބަސްވުމުގައި ވާކަންކަމަށް ހުރުމަތްތެރިކޮށް ހިތާފައިވާ ވަރަށާއި، ރަށުގެ ކުރިއެރުމަށް އެ ވިޔަފާރީގެ މުޙިއްމުކަމަށް ބެލުމަށްފަހު މުއްދަތު އިތުރުކުރަން ބޭނުންނަމަ، އެއިރެއްގައި އޮންނަ ކައުންސިލަކުން އެގޮތަށް ޢަމަލުކުރާނީއެވެ.

ގިނަ ޢަދަދެއްގެ ކުދި ވިޔަފާރިތަކަށް ނުވަތަ އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުން

ރަށުގެ ބިން ނުވިއްކައި، ކުއްޔަށްދޭ މުއްދަތު ލިމިޓްކުރުމަކީ ބޮޑެތި އިންވެސްޓްމަންޓްތައް ރަށަށް އައުމަށް ހުރި ހުރަހަކަށް ވެދާނެއެވެ. ނަމަވެސް ކުޑަ ކޮމިއުނިޓީއަކަށް ރަނގަޅީވެސް މަދު ޢަދަދެއްގެ ބޮޑު އިންވެސްޓްމަންޓްތަކެއް އައުމަށްވުރެ، ގިނަ ޢަދަދެއްގެ ކުދި އިންވެސްޓްމަންޓްތަކެއް އައުން ކަމުގައި އަޅުގަނޑު ދެކެމެވެ. އެއް ސަބަބަކީ ރަށުގައި ހިނގާ ވިޔަފާރިތަކުގެ ވައްތަރުތައް ގިނަވެ، ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް އެކިއެކި ދާއިރާތަކުން ލިބުމުގެ މަގު ތަނަވަސްވުމެވެ. ދެވަނަ ސަބަބަކީ، އެކި އެކި އިންވެސްޓްމަންޓްތައް ހުރުމުން ޕްރައިވެޓް ފަރާތެއް ނުވަތަ މަދު ފަރާތްތަކެއް ބެންކްރަޕްޓްވުމުން، މުޅިރަށުގެ މާލީ އިންފްރާ ސްޓްރަކްޗަރއަށް ކުރާ އަސަރު ކުޑަކުރުމެވެ.

ބިމުކުލީގެ ގޮތުގައި ނަގާ ފައިސާ މަދުކުރުން

އަޅުގަނޑުމެންގެ ވިސްނުން ގިނަފަހަރަށް އޮންނަނީ ދައުލަތުން ރިސޯޓްތައް ކުއްޔަށް ދީގެން ނަގާ ބޮޑެތި ކުލިތަކެވެ. އަޕްފްރަންޓްކޮށް ނަގާ ބޮޑެތި ފައިސާގެ ޢަދަދުތަކެވެ. މިއީ ރަށެއްގެ ކުރިމަގު ޕްލޭންކޮށް، މުސްތަޤުބަލަށް ވިސްނައިގެން ކުރިއަށްދާއިރު ކަން ކޮށްގެންވާނެ ގޮތެއް ނޫނެވެ. އެކަށޭނެ ގްރޭސް ޕީރިއަޑެއްދީ، އިންވެސްޓްމަންޓްގެ ކުރީކޮޅު ކުލި ކުޑަކޮށް ބަހައްޓައި، ފަހުންވެސް އެ އިންވެސްޓްމަންޓަކަށް ‘ކަތާ ވަރުގެ’ ކުއްޔަކަށް ރަށްރަށުގެ ބިމާއި ފަޅު ކުއްޔަށް ދިނުމަކީ މިކަން ކުރަންވާނެގޮތެވެ. މި ހެޔޮ ކުލީގެ ބަދަލުގައި ރަށުގެ ތަރައްޤީއަށް ކުރެވޭނެ އެހެން ކަންކަން މި ވިޔަފާރިތަކުގެ މައްޗަށް ޝަރުތުކުރުވިދާނެއެވެ. މިހެން ހެދުމުން އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ފުރަތަމަ ކުރަންޖެހޭ ޚަރަދުތައްކުޑަކުރެވި ރަށުގައި އިންވެސްޓްކުރުމަށް ހުޅުވިފައިވާ ދޮރު އެތައްމިނަކަށް ބޮޑުކުރެވުނީއެވެ.

ވިޔަފާރިތަކުން ކުލީގެ ގޮތުގައި ބޮޑެތި ޢަދަދު ތަކުން ފައިސާ ނެގުމުގެ ބަދަލުގައި އެހެނިހެން ގޮތްގޮތުން ރަށައް އާމްދަނީ ލިބޭނެ މަގުހޯދައިދިނުން.

މިއީ ރަށެއް މާލީގޮތުން ފުދިފައިވާ ރަށެއްގެ ގޮތުގައި ތަރައްޤީކުރުމަށް އެންމެ އިސްކަމެއްދޭންވީ އެއްކަމެވެ. މިގޮތުން ކުރެވިދާނެ ބައެއް ކަންކަން ޕޮއިންޓްފޯމަށް ލިޔެލާނަމެވެ.

  1. ވިޔާފާރިން ލިބޭ އާމްދަނީއިން ނުވަތަ ލިބޭ ފައިދާއިން ކަނޑައެޅިފައިވާ އިންސައްތައެއް ރަށުގެ ތަރައްޤީއަށް ކައުންސިލްތަކުން ކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ކަމަކަށް ހަދިޔާކުރުމަށް ޝަރުތުކުރުން.
  2. އުފެދޭ ވަޒީފާތަކުގެ ބޮޑު އިންސައްތައެއް (މިސާލަކަށް 80 އިންސައްތަ) ދިވެހިންނަށް ޚާއްސަކުރުމާއިއެކު، ބިދޭސީންނަށް ނުތިބެވޭނެ ވަޒީފާތަކާއި ނުކުރެވޭނެ ކަންކަން ކަނޑައެޅުން.
    • މިކަން ފޭޒްތަކަކަށް ބަހާލައިގެންވެސް ކުރެވިދާނެއެވެ. މިސާލަކަށް، ފުރަތަމަ 5 އަހަރު 30 އިންސައްތަ، ދެން ކުރިއަށް އޮތް 5 އަހަރު 40 އިންސައްތަ، ކުރިއަށް ދެން ހިނގާ އަހަރުތަކުގައި 80 އިންސައްތަ.
    • 10 އަހަރުދުވަހުގެ ތެރޭގައި އަޅުގަނޑު ޤަބޫލުކުރަނީ އެ އިންވެސްޓްމަންޓްތަކުން ދިވެހިން ތަމްރީންކޮށްގެ ވަޒީފާއަށް ނެރެވޭނެކަމަށެވެ. ނުވަތަ ނެރެވެން ވާނެކަމަށެވެ.
  3. ރަށުގައި ޤާއިމްކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ވިޔަފާރީގެ ފައިދާއިން ބައެއް (މިސާލަކަށް 10 އިންސައްތަ) ރަށުން ބޭރަށް ނުގެންގޮސް، ރަށުގައި އިންވެސްޓްކުރުމަށް ޝަރުތުކުރުން.
    • މިގޮތަށް ޝަރުތުކުރުމުން، ރަށުގައި ކުރެވިދާނެ ކުދި އިންވެސްޓްމަންޓްތައް ހޯދައި، އެކަންކަމަށް އިންވެސްޓްކުރުމަށް މަޖުބޫރުވާނެއެވެ. ނަތީޖާއަކަށް ވާނީ، އެ އިންވެސްޓްމަންޓެއްގެ ރަށުގައި އޮތް ސްޓޭކް ބޮޑުވެ، އެ އިންވެސްޓްމަންޓްތަކުގެ އާމްދަނީ އިތުރުވުމަށް މަގުފަހިވެ، ސްޓޭބަލް އިންވެސްޓްމަންޓްތަކަށް ވެގެން ދިޔުމެވެ. އަދި، ރަށަށް އާމްދަނީ ލިބޭނެ އެހެން ދޮރެއް ހުޅުވިގެން ދިޔުމުގެ މަގުފަހިވާނެއެވެ.

އެ ވިޔަފާރިތައް ހުރުމުން އެހެން ވިޔަފާރިތަކަށް ލިބޭ ނަފާ އެކައުންޓް ކުރުން.

ސައި ހޮޓާ ވިޔަފާރިތަކާއި، ކަންމަތީ ފިހާރަތަކަށާއި މިނޫންވެސް ވިޔަފާރިތައް ބޭނުންކުރާ ނިސްބަތް އެހެނިހެން އިންވެސްޓްމަންޓްތަކުގެ ސަބަބުން އިތުރުވާނެއެވެ. މިކަން ވާނީ، ރަށަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ އެއްކަމަށެވެ. މުޅި ރަށައް ބަލައިފިނަމަ، ރަށުން ބޭރުން ރަށަށް ވަންނަ ކޮންމެ ފައިސާފޮޗަކީ ރަށުގެ ތަރައްޤީއަށާއި ކުރިމަގަށް ކޮށޭ މަގެކެވެ.

ރަށަށް ދިގު އަދި ކުރު ރާސްތާގެ ޕްލޭންއެއް އެކުލަވާލުމާއި، އެ ޕްލޭނާއި އެއްގޮތަށް މަސައްކަތްކުރުން.

ރަށެއް ތަރައްޤީކުރުމަށް ޕްލޭންއެއް އެކުލަވާލުމަކީ އެއްގޮތަކަށްވެސް ފަސޭހަކަމެއް ނޫނެވެ. މިރާއްޖޭގައި މިހާރު ހިނގަމުންދާ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށްވާ ހުޅުމާލެ ޕްރޮޖެކްޓަށް ބަލާލުމުންވެސް މިއީ ފަސޭހައިން ކުރެވޭނެކަމެއްކަމުގައި ޤަބޫލެއް ނުކުރެވޭނެކަން ޔަޤީނެވެ. ރަށެއް ތަރައްޤީކުރުމަށް ފަށައިގަންނައިރު ކަމުގެ މާހިރުންގެ އެހީގައި ޕްލޭނެއް އެކުލަވާލުމަކީ މުޙިއްމު ކަމެކެވެ. ތިމާއަކީ ކިންތަންމެ މޮޅު މީހަކަށް ވިޔަސް، ޕްލޭން ކުރާފަރާތެއްގެ އެހީތެރިކަމާއިއެކު ނުވަތަ ފަންނީ ލަފައާއިއެކު ޕްލޭންތައް އެކުލަވާނުލެވިއްޖެނަމަ، ޕްލޭންގެ ވަކިހިސާބަކުން އޮންނާނީ އެ ޕްލޭނެއް ފެއިލްވެފައެވެ. ބަދަލުކުރަން ޖެހިފައެވެ. ފޫބައްދަންޖެހޭ ކަންކަން އިތުރުވެ، މިސްރާބުނެތް އޮޑިއަކަށް ބަދަލުވެފައެވެ.

ދިވެހިރާއްޖޭގެ ލެވެލްގައި މިކަންކަން ސަރުކާރާއި ސަރުކާރާއި ގުޅުންހުރި ކުންފުނިތަކުގެ އެހީގައި ކުރިއަށް ގެންދެވިދާނެކަމުގައި އަޅުގަނޑު ދެކެމެވެ. ނުވަތަ ރަށުގެ ޕްލޭންތައް ހެދުމަށް އަމިއްލަ ފަރާތަކާއި ޙަވާލުކުރުމަށް ބަޖެޓްކޮށް ނުވަތަ ފަންޑު ރެއިޒްކޮށްގެންވެސް ޕްލޭންތައް އެކުލަވާލެވިދާނެކަމަށް ފެނެއެވެ. މުޙިއްމީ، ހަމަ އެކަނި ކައުންސިލަރުނަށާއި ރަށުގެ “ބޮޑުންނަށް” އެކަނި ފެންނަ ގޮތަށް ކަންކަން ކޮށް ޕްލޭންތައް އެކުލަވާލުމުގެ ބަދަލުގައި މިކަމުގެ ފަންނީ މާހިރުންނާއި ތަޖުރިބާކާރުންގެ މަޝްވަރާއާއި އެކު ކުރިއަށް ދިޔުމެވެ. ރައްޔިތުންގެ ޚިޔާލުވެސް ހޯދައި، ރަށާއި ރަށުގެ ތަރައްޤީއަށް މަސައްކަތްކުރުމަށް ތިމާމެންގެ ‘އީގޯ’ ބޭރުކޮށް، ބޭނުންވާ އެހީތެރިކަން ހޯދުމަށް އަތުކުރި އޮޅާލުމެވެ.

ރަށުގެ އުމްރާނީ އަދި އިޖްތިމާޢީ ތަރައްޤީއަށް ބޭނުންވާ ޢަސާސީ ކަންކަމަކަށް އިސްކަންދިނުން.

ރަށުގެ އަސާސީ ކަންކަން އެންމެ ފުރަތަމަ އެންމެ ފުރިހަމައަށް ޤާއިމް ނުކުރެވިދާނެއެވެ. ނަމަވެސް، ކުރު ރާސްތާގެ ޕްލޭންގައި މިކަންކަން ހިމަނަން ވާނެއެވެ. ޚާއްސަކޮށް އެރަށެއްގެ ކުޑަކުދީންނާއި ޒުވާނުންގެ އިޖްތިމާޢީ ކުރިއެރުމާއި ތަރައްޤީއަށް ކުރަންޖެހޭ މަސައްކަތްތަކަށް ވަކިން ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދިޔުން މުޙިއްމެވެ. ރަށެއް ނުވަތަ ޤައުމެއް ކިތަންމެ ބޮޑަށް ކުރިއަރައިގެން ދިޔަނަމަވެސް، އިޖްތިމާޢީ ފޭރާން ބަލިކަށިވެއްޖެކަމުގައި ވަނީނަމަ، އެއީ ހަޤީޤީ ކުރިއެރުން ކަމުގައި ނުވާނެއެވެ. ސްކޫލުގައި ސޯޝަލް ސްކިލްސްއާއި ކުދިންނާއި މީހާގެ ތަރައްޤީއަށް ބޭނުންވާ ތަޢުލީމް ލިބޭނެމަގު ތަނަވަސްކުރުމަކީ މިކަމަށް އޮތް އެންމެ ބޮޑު އެއްޙައްލެވެ.

ދެންއޮތީ އުމްރާނީ ތަރައްޤީގެ ވާހަކައެވެ. މިކަމުގައި ސަރުކާރުގެ އެއްބާރުލުން ހޯދުން މުޙިއްމެވެ. މިއީ ގިނަފަހަރަށް ނަފާ ނުލިބޭ، ވިޔަފާރީގެ ގޮތުގައި ނުކުރެވޭނެ ކަންކަމެވެ. އަދި، ކުދި ރަށްރަށަށް ގެންނަން މިވާހަކަދައްކާ ކުދި އިންވެސްޓްމަންޓްތަކަށް ކުރެވޭވަރަށްވުރެއް ނިސްބަތުން ބޮޑެތި ޚަރަދުތަކެކެވެ. މިދެންނެވި އަސާސީ ކަންކަންމުގެ ތެރޭގައި ތިރީގައިވާ ލިސްޓްގައި ފާހަގަކޮށްލާފައިއެވަނީ އަޅުގަނޑަށް ފެންނަ ބައެއް މުޙިއްމު ކަންކަމެވެ.

  • ރަށުގެ ޑިމާންޑާއި އެއްވަރަށް ކަރަންޓު ކަށަވަރުކުރުން.
  • ބޯފެން ލިބޭނެގޮތްތައް ފަހިކުރުން.
  • ރަށަށް އަރައިފޭބޭނެ ބަދަރެއް އޮތުން.
  • ރަށުގެ ނަރުދަމާގެ ނިޒާމް ޤާއިމްކުރުން.
  • ސްކޫލްގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް، ކޮލެޖްއެއް ނުވަތަ ޔުނިވަރސިޓީއެއްގެ ގޮތްޕެއް ހިންގުމަށް މަގުފަހިކުރުން.
  • ރަށުގެ އިދާރީ ހިންގުމަށް ބޭނުންވާ ޢިމާރާތްތައް ބިނާކުރުން.

ރައްޔިތުންނަށް ބޭނުންވާ ޢަސާސީ ކަންކަމުގެ އިތުރަށް ވިޔަފާރިތަކަށް ބޭނުންވާ ޢަސާސީ ކަންކަން ފޯރުކޮށްދިނުމަށްވެސް ރަށުގެ ކައުންސިލްގެ ފަރާތުން މަސައްކަތްތަކެއް ކުރަންޖެހެއެވެ. މިކަންކަމަކީ ސަރުކާރަށްވުރެ ބޮޑަށް ޕްރައިވެޓް ނުވަތަ ޕަބްލިކް ޕްރައިވެޓް ޕާރޓްނަޝިޕްގެ ދަށުން ކުރެވިދާނެކަންކަމެވެ. މީގެ ތެރެއިން މުޙިއްމުކަމަށް ފެންނަ ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ.

  • ވިޔަފާރި ކުރުމަށާއި، ފައިސާ ރައްކާކުރުމަށާއި، ލޯނާއި އެހެނިހެން ވިޔަފާރިއާއި އަމިއްލަ މީހުންގެ ބޭނުންތަކަށް މަދުވެގެން 2 ބޭންކެއްގެ ބްރާންޗް ރަށުގައި ހުޅުވުން.
  • މާލެއާއި އެރަށަކާއި ދެމެދު ފަސޭކަމާއިއެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  • މުދާ ގެނެއުމުގައި ފަސޭހަގޮތްތައް ހޯދައިދިނުމަށް މަސައްކަތްކުރުން.
  • ރަށުގައި ތިބެގެން މަތީތަޢުލީމް ޙާޞިލްކުރެވޭނެ މަގުތަނަވަސްކޮށްދިނުމާއި، ރަށުގައި އުފެދިފައިވާ ނުވަތަ އުފައްދާފައިވާ ވިޔަފާރިތަކަށް ޚާއްސަކޮށްގެން މީހުންބިނާކުރުމުގެ މަސައްކަތްކުރުން. މިޒަމާނުގައި އަދި ކުރިއަށް އޮތް ޒަމާނުގައިވެސް ތަރައްޤީގެ ތަޅުދަނޑިއަކީ ތަޢުލީމެވެ. ފަސޭހައިން ތަޢުލީމް ލިބޭނެގޮތް ފަހިވުމަކީ، އެރަށެއްގައި މީހުންނާއި އާޢިލާތައް ހަރުލައި ހުރުމަށް ބާރަކަށް ވާނެއެވެ.
  • ފަސޭހައިން އަދި ހަލުއި ސްޕީޑްގައި އިންޓަރނެޓްގެ ޚިދުމަތް ލިބޭނެމަގު ފަހިކޮށްދިނުން.

ފްރީ މާރކެޓެއް ޤާއިމްކުރުން.

ރަށުގައި އިންވެސްޓްކުރާ ފަރާތްތަކާއި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު އޮންނަންވާނީ ހުޅުވާލެވިފައެވެ. ވިޔަފާރީގެ ވާދަވެރިކަން އިތުރުވާވަރަކަށް އޭގެން ފައިދާކުރާނީ އެރަށެއްގެ ރައްޔިތުންނަށެވެ. އޭގެ ބަދަލަށް އެ އަމިއްލަ ފަރާތްތަކަށް ވިޔަފާރިއެއް މޮނޮޕޮލައިޒް ކުރުމަށް މަގުފަހިވާގޮތަށް މަސައްކަތްކޮށް، އެއްބަސްވުންތައް އެކުލަވާލުމަކީ ދުރުރާސްތާއަށް ވިސްނާއިރު ރަށަށް އެންމެ ފައިދާހުރިގޮތްކަމުގައެއް ނުވާނެއެވެ.

ރަށުން ދޫކޮށްފައިވާ ގޯތިތައް ބޭނުންކުރުމުގެ އުޞޫލެއް އެކުލަވާލުން.

މިއީ ރަށްރަށުން، ޚާއްސަކޮށް ކުދި ރަށްރަށުން އަޅުގަނޑަށް ވަރަށް ބޮޑަށް ފެންނަ މަންޒަރެކެވެ. ވީރާނާވަމުންދާ ފަޅު ގޭގެއާއި، އެއްވެސް ޢިމާރާތެއް ނެތި، އެއްވެސް ބޭނުމެއް ނުކޮށް ހުންނަ ގޯތިތައް ގިނަވުމެވެ. މިއީ މީގެ ޒާތުގައި މައްސަލައެއް ނޫން ނަމަވެސް، މިކަމުގެ ސަބަބުން އެކި ކަހަލަ އިޖްތިމާޢީ ނޭދެވޭ ކަންކަމަށް މަގުފަހިވެ ސިއްޙީ އެކިއެކި ނުރައްކާތައް (މަދިރި އާލާވުންފަދަ) ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.

ފަޅު ގޯތިތަކާއި ގެތައް ގިނަވަނީ މައިގަނޑު 2 ސަބަބެއް މެދުވެރިވެގެން ކަމުގައި ދެންނެވިދާނެއެވެ. އެއް ސަބަބަކީ ގެއެއް ބިނާކުރުމަށް ބޭނުންވާ މާލީ ތަނަވަސްކަން ނެތުމެވެ. ދެވަނަ ސަބަބަކީ ރަށުންބޭރަށް ހިޖުރަކުރަން ޖެހުމެވެ.  މަތީގައި ކުރިން ދަންނަވާފައިވާ ކަންކަން ފުރިހަމަ ކުރެވެއްޖެ ނަމަ، ދެވަނަ ސަބަބަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެން ދާނެކަމަށް ފެނެއެވެ.

ފުރަތަމަ ދެންނެވި ސަބަބަށް ވިސްނާލާއިރު ގޯތި ދިނުމަށްފަހު ގެއެއް ހެދުމަށް ބޭނުންވާ ލޯނު ފަސޭހައިން ލިބޭނެ ގޮތް ފަހިކޮށްދިނުމުން މާލީ ދަތިކަމުގެ ސަބަބުން ނުހެދި ހުންނަ ގޯއްޗާއި ގޭގެ ހެދުމަށް ކޮންމެވެސް ވަރެއްގެ ބާރަކަށް ވެގެން ދާނެއެވެ. އުމްރާނީ ގޮތުންނާއި އިޤްތިޞާދީގޮތުން ރަށް ކުރިއަރައިދާނަމަ، ރަށުގެ ބިމުގެ ވެލިއު މައްޗަށްގޮސް، ލޯނުހޯދުމަށް ފަސޭހަވެގެން ދާނެއެވެ. އަދި މިއާއިއެކު ރަށުގެ ރައްޔިތުންގެ މާލީތަނަވަސްކަން އިތުރުވާވަރަކަށް މި ފަދަ އަމިއްލަ އިންވެސްޓްމަންޓްތައް ކުރުމަށް ރައްޔިތު މީހާއަށް ފަސޭހަވާނެއެވެ.

މިކަންކަން ފަހިކޮށްދިނުމަށްފަހުވެސް، ނުހެދި ނުވަތަ ނުހަދައި ބޭނުން ނުކޮށް ހުންނަ ބަންޑާރަގޯތިތައް އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު ކައުންސިލަށް ނަގައި، އެހެން ފަރާތްތަކަށް ދިނުމަކީ އަޅުގަނޑަށް ފެންނަ އެންމެ ރަނގަޅު ގޮތެވެ. ދިރިއުޅުމަށް ދޫކުރެވޭ ގޯތީގައި ދިރިނޫޅޭނެމަ ނުވަތަ ބޭނުން ނުކުރާނަމަ، އެގޯއްޗެއް ކައުންސިލަށް ނެގުމަށް ހުރަހެއް އޮންނާނެކަމަށް އަޅުގަނޑަކަށް ނުފެނެއެވެ. މިއީ ފަހަރުގައި ރަށުގެ ބައެއް މީހުން ހިތްހަމަ ނުޖެހޭ ކަމެއް ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް، މަދު ބައެއްގެ ހިތްހަމަ ނުޖެހުމަށްވުރެ މުޅިމުޖްތަމަޢުގެ ފައިދާއަށް ވިސްނައި، ފިޔަވަޅުއެޅުމުގެ ޤާބިލިއްޔަތުކަން ކައުންސިލަރުންގެ ކިބައިގައި ހުންނަންވާނެއެވެ.

ކަންކަން ނިންމުމަށް ތިބޭ މީހުންނަކީ ކޮރަޕްޝަންއިން ދުރުހެލިވެފައިވާ، އިސްލާމީ ރިވެތި އަޤީދާގައި ހިފަހަށްޓާ ބަޔަކަށްވެ، “ނަގޫ ފިތިފައި” ތިބޭ ބަޔަކަށް ނުވުން.

މިއީ ރަށުގެ ތަރައްޤީއާއި ޑައިރެކްޓްލީ ގުޅިފައިވާ ކަމެއް ނޫނެވެ. ނަމަވެސް، ރަށްރަށް ކުރިއަރައިގެ ދިޔުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއްހުރަހަކީވެސް މީކަމުގައިވުން ވަރަށް ގާތެވެ. މަސައްކަތްތަކެއް ކުރާކަމަށް ވަނީނަމަ، އެކި ވަރުވަރުން ހުށަހެޅުންތަކާއި އެހެނިހެން “ހަދިޔާ” ތަކާއި “ފޭވާތައް” ކޮށްދިނުމަށް އެދުމަކީ ވަރަށް ގާތުގައިވާ ކަންކަމެވެ. މިއިން ކަމެއްގައި ކުޑަކޮށްވެސް އަތްލެވިއްޖެނަމަ، ދެން ސަލާމަތްވުމަކީ ދުރުކަމެކެވެ. މިކަންކަމުން މީހާ ސާފުވެ، ރަށުގެ ތަރައްޤީއާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރަން ޖެހެއެވެ. މިގޮތުގައި ނުހިފިހެއްޓިއްޖެނަމަ، ތަރައްޤީ ގެނެއުމަކީ އެއްގޮތަކަށްވެސް ނުވާނެކަމެކެވެ. ކަންތައްތަކެއް ކުރެވިދާނެއެވެ. ރައްޔިތުންނަކަށް ނޫނެވެ. ތިމާގެ އަމިއްލަ ފައިދާއަށެވެ. ތިމާއާއި ގާތްބައެއްގެ ނުވަތަ އާއިލީ ގުޅުންހުރި ބައެއްގެ ފައިދާއަށެވެ.

ރަށްރަށް ތަރައްޤީކުރުމަކީ ވަރަށް ހިންމަތާއި މިންނަތުން ކުރެވޭނެކަމެކެވެ. ކަނެކްޓެޑް މިޒަމާނުގައި ރަށްރަށް ތަރައްޤީކުރާނެގޮތް ނޭނގި ގޮތްހުސްވާކަށް ނުޖެހެއެވެ. ކަންކަމުގެ މާހިރުންނާއި ތަޖުރިބާކާރުންގެ އެހީތެރިކަމާއިއެކު މިކަންކަން ވާނެއެވެ. ސިޔާސީ ފިކުރުތައް ކޮންމެވެސް ވަރަކަށް އެއްކިބާކޮށް، އެއިރެއްގެ އޮންނަ ސަރުކާރަކާއިއެކު މަސައްކަތްކޮށް، ރައްޔިތުންނާއި ރަށަށް ލާބައާއި މަންފާ ލިބޭނެގޮތަށް މަސައްކަތް ކުރެވިއްޖެނަމަ، ރަށަށް ތަރައްޤީ ގެނެވޭނެއެވެ. ރަށް ތަރައްޤީ ކުރެވޭނެއެވެ. ނުވާންވީ ސަބައެއް ނެތެވެ. ބޭނުންވަނީ ބައެއްގެ މިންނެތް އިޚްލާސްތެރި މަސައްކަތެވެ. މިމަސައްކަތް ކުރަން ތިޔާގެ ތެރެއިން ތައްޔާރަށްތިބީ ކިތައް ބޭފުޅުންތޯއެވެ؟