ކަންކަމަށް ފާޑުކިޔުމަކީ އަޅުގަނޑުމެން އެންމެން ކޮށްއުޅޭ ކަމެކެވެ. ޚާއްސަކޮށް ހިތްހަމަ ނުޖެހޭ ކަންކަމަށް ނުވަތަ ހިތްހަމަނުޖެހޭ މީހަކު ނުވަތަ ބަޔަކު ކުރާ ކަންކަމަށް ފާޑުކިޔުމަކީ އާންމުކަމެކެވެ. މިއީ މީގެ ޒާތުގައި މައްސަލައެއް ނޫނެވެ. ކުރިއެރުން ލިބޭނީވެސް ހޯދޭނީވެސް ފާޑުކިޔައި، ފާޑުކިޔުންތައް ބަލައިގަނެ، ފާޑުކިޔުންތަކުގެ މައްޗަށް ބިނާކޮށް، އެކަންކަން ނުވަތަ ކަމެއް ކުރިއެރުވުމަށް މަސައްކަތްކޮށްގެންނެވެ. ނަމަވެސް މައްސަލައަކީ ފާޑުކިޔުމުގައި ވިސްނަންޖެހޭ ކަންކަމަށް ނުވިސްނައި ތިމާ ހިތުހުރިހާ އެއްޗެއް ކިޔުމެވެ. ނުވަތަ ގޮވުމެވެ. ފަނާކުރަނިވި ފާޑުކިޔުންތައް އިތުރުވުމެވެ. ބިނާކުރަނިވި ފާޑުކިޔުންތައް މަދުވުމެވެ. ފާޑުކިޔުމުގައިވެސް ވިސްނާލަން މުޙިއްމު ބައެއްކަންކަން އެބަހުއްޓެވެ. މީގެ ތެރެއިން އަޅުގަނޑަށް ފެންނަ ތިންކަމެއް މި ލިޔުމުގައި ފާހަގަކޮށްލާނަމެވެ.

ރަނގަޅު ސަބަބެއް އޮތުން.

ތިމާއަށް ފެންނަގޮތް ހާމަކުރުމުގެ ކުރިން ތިމާ އެ ޚިޔާލެއް ފާޅުކުރުމުގައި އޮތް މައިގަނޑު ސަބަބާއި މެދު ވިސްނާލަންޖެހެއެވެ. ތިމާ އެ ޚިޔާލެއް ފާޅުކުރުމުގެކުރިން ތިމާގެ ވިސްނުން ހުރިގޮތަށް އެކަމެއް ބަދަލުކުރަން ޖެހޭކަމަށް ތިމާއަށް ވިސްނޭ ސަބަބު ތިމާއަށް ސާފުވާން ވާނެއެވެ. އެ ސަބަބަކީ ހަމަ އެކަނި ތިމާއަށް ފައިދާކުރާނެ ސަބަބެއް ކަމުގައި ވަނީނަމަ، އެއީ ބިނާކުރަނިވި ފާޑުކިޔުމެއް ކަމުގައި ނުވާނެއެވެ. ތިމާ ފާޅުކުރާ ޚިޔާލަކީ މިހާރު ކަންކަން ކުރާ ނުވަތަ ކުރުމަށް ހަމަޖެހިފައިވާ ގޮތަށްވުރެ ރަނގަޅު ޚިޔާލަކަށް ހެދޭނީ އެޚިޔާލެއް ފާޅުކުރުމުގެ ފަހަތުގައި ހުރި ސަބަބު ނުވަތަ ސަބަބުތަކަކީ ތެދުވެރި، އިޚްލާސްތެރި ސަބަބަކަށް ވާނަމައެވެ. އަދި، މި ސަބަބަކީ ނުވަތަ ސަބަބުތަކަކީ މުޅި މުޖުތަމަޢުއަށް ނުވަތަ މުޖުތަމަޢުގެ ބޮޑުބަޔަކަށް ފައިދާ ކުރާނެ ކަމެއްކަމުގައި ވާނަމައެވެ.

އެ ޚިޔާލެއް އިމްޕްލިމެންޓް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިނގުން.

ކަމަކަށް ފާޑުކިޔަންވާނީ އިސްވެ ދެންނެވިގޮތަށް އެކަށޭނެ ސަބަބެއް އޮވެގެންނެވެ. ނުވަތަ (ތިމާއަށް ވިސްނޭ) މާމޮޅުގޮތެއް އޮވެގެންނެވެ. ހަމައެކަނި “ގޯސްކަމެއްގެ” “ރަނގަޅުގޮތް” ބަޔާންކޮށްފައި ނިންމާލުމުން އެއީ ޒިންމާދާރު ގޮތެއްގައި އެކަމަކަށް ފާޑުކީ ކަމުގައި ނުބެލެވޭނެއެވެ. މި ރަނގަޅު މޮޅުގޮތަށް ވާޞިލްވުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ތިމާއަށް އޮޅުފިލުވާދެވެން ވާނެއެވެ. ކަންކަން ވާނީ، އެކަންކަންމަށް މަސައްކަތްތަކެއް ކުރެވިގެން ކަމުގައި އެންމެން ޤަބޫލުކުރާނެއެވެ. މިކަންކަން ކުރުމަށް ޕްރެކްޓިކަލް ގޮތްތައް ވިސްނައި، އެކަންކަން ބަޔާންކޮށް، އެކިޔާ ފާޑުކިޔުމެއް ފުރިހަމަ ކުރުމުން ނޫނީ އެ ފާޑުކިޔުމެއް ބަލައިގަންނަން ދަތިވާނެއެވެ.

އެމީހަކު ދިރިއުޅޭ ނުވަތަ އެފާޑުކިޔުމެއް ރައްދުވާ މުޖްތަމަޢުގެ އިޖްތިމާޢީ މިންގަނޑުތަކާއި ޤަބޫލުކުރާ ޤަބޫލުކުރުންތަކަށް ފެތޭ ފާޑުކިޔުމެއްކަމުގައި ވުން.

ކަމެއް ކުރުމަށް އޮންނަ އެންމެ ލޮޖިކަލް ގޮތަކީ އެ މުޖުތަމަޢުއަކަށް އެންމެ އެކަށޭނެ ގޮތް ކަމުގައިނުވާނަމަ، އެކަމަކީ އަދި ކިތަންމެ ރަނގަޅު ނުވަތަ އެފިޝަންޓް ކަމެއްކަމުގައި ވީނަމަވެސް އެ ފާޑުކިޔުމަކީ މީހުންނަށް ބަލައިގަންނަން ދަތި ފާޑުކިޔުމެއްކަމުގައި ވެގެންދާނެއެވެ. މުޖްތަމަޢުގައި ‘އެންމެންނަށް އިނގޭ ބޮޑު ސިއްރު’ ތަކުގެ ވާހަކައާއި، “އަބުއި” ވާހަކަތަކާއި މެދު ޚިޔާލުފާޅުކޮށް މިކަންކަމާއި ގުޅުވައިގެން ކިޔާ ފާޑުކިޔުންތައް ޑެލިވަރ ކުރަންޖެހޭ ޙާލަތްތައް ހުންނާނެކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. ނަމަވެސް، މިފާޑުކިޔުންތައް ކިޔަންވާނީ ވަރަށް ވިސްނުންތެރިކަމާއި އެކު، އެކަމަށް ޚާއްސަ ފޯރަމްތަކުގައި ނުވަތަ ގްރޫޕްތަކުގެ މެދުގައެވެ. މަޝްވަރާ މަޖްލީސްތަކުގައެވެ. ވަގުތާއި ޙާލަތައް ރިއާއަތް ކުރުމަށްފަހު، އެޚިޔާލެއް ބަލައިގަތުމަށް މުޖުތަމަޢު ތައްޔާރުވުމުންނެވެ. ނޫނީ، ތިމާ އެކަމަކަށް ފާޑުކީކަމެއް ނުވަތަ ބަދަލުކުރަން ބޭނުންވާކަމެއްގެ ވާހަކަ ބުނެވޭ ގޮތަކުން ނުވަތަ އާންމުންނަށް ހުށަހެޅޭގޮތަކުން، ފާޑުކިޔުމުގެ ތެރެއިން ތިމާ ޙާސިލްކުރަން ބޭނުން ކަންކަން ޙާސިލްވުން އޮންނާނީ ވަރަށް ދުރުގައެވެ.

ފާޑުކިޔުމާއި، ނުރަނގަޅުކަންކަން ފާހަގަ ކުރުމާއި، އެއްކަމެއް ކުރެވިދާނެ ގިނަ ގޮތްތަކެއް މަޝްވަރާގެ މޭޒުމައްޗަށް ގިނަކުރެވިއްޖެނަމަ، އެވަގުތާއި ޙާލަތަށް އެކަމެއް ކުރަންއޮންނަ އެންމެ ރަނގަޅުގޮތައް ނުވަތަ އެންމެ ރަނގަޅުގޮތާއި ކައިރިކުރާވަރަށް އެކަމެއް ނިންމުމަކީ ފަސޭހަކަމެކެވެ. އަދި، މިކަމަކީ އެ ނިންމުމެއް ޖަސްޓިފައިކުރުމަށް ގިނަ ސަބަބުތަކެއް ދެއްކޭނެ ކަމެއްވެސް މެއެވެ. ނަތީޖާއަކަށް ވާނީ، އެކުރާކަމެއް ނުވަތަ ނިންމުމެއް ބަލައިގަންނަން އެހެން ފަރާތްތަކަށް ފަސޭހަވުމެވެ. ފާޑުކިޔުންތައް ބަލައިގަނެ، އެކަންކަމުގެ މައްޗަށް ވިސްނާ ފިކުރު ކުރަންޖެހެނީ މިހެންވެއެވެ. ހަމައެކަނި ޝަރުތަކީ، އެފާޑުކިޔުމެއް ކިޔާ ފަރާތަކުން ބިނާކުރަނިވި ފާޑު ކިޔުމެވެ. މިއަށްވުރެ ކުރިއަރާފައިވާ ރާއްޖެއަކަށް އަޅުގަނޑުމެންނަށް ވާޞިލްވެވޭނީ ބިނާކުރަނިވި ފާޑުކިޔުންތައް ގިނަކުރެވި، ފަނާކުރަނިވި ފާޑުކިޔުންތައް މަދުކުރެވި، އެކިޚިޔާލުގެ އެކި ފާޑުކިޔުންތައް ބަލައިގަންނަ ބައެއްކަމުގައި ވެގެންނެވެ.