ދިވެހި މަސައްކަތްތެރިންނަކީ ނުހަނު ހީވާގި ބައެކެވެ. އަމިއްލަ މަސައްކަތުން ބޮޑެތި އޮޑިފަހަރު ބަނދެ، ބޮޑެތި ރަށްތައް އާބާދުކޮށްފައިވާ ބައެކެވެ. އަމިއްލަ ގެދޮރު އަމިއްލަ ދެއަތުން ބިނާކުރަމުން އައި ބައެކެވެ. އަމިއްލަ ރުކުގެ ކާށި އެޅޭނެ ޤާބިލްކަން ލިބިފައިހުރި ބައެކެވެ. ނަމަވެސް ޒަމާންބަދަލުވެ، މިކަންކަމަކީ ‘އިހުޒަމާނުގެ ދިވެހިން’ ކޮށްއުޅުނު ކަންކަން ކަމުގައިވާން މިހާރުވަނީ ފަށާފައެވެ. މިކަން ހުއްޓުވުމަށް ނުވަތަ މަޑުޖެއްސުމަށް ދިވެހި މަސައްކަތްތެރީންގެ ހައްޤުތައް ހިމާޔަތްކޮށް، ދިވެހި މަސައްކަތްތެރިކަމަކީ އެޓްރެކްޓިވް މަސައްކަތްތަކެކަމުގައި ހަދަން އެބަޖެހެއެވެ. ކޮމަރޝަލީ ވައެބަލް ކަމެއްކަމުގައި ޤަބޫލުކުރެވޭވަރަށް ކުރިއަރުވަން ޖެހެއެވެ.

ޤައުމުގެ އުފެއްދުންތެރިކަންދަނީ އިތުރުވަމުންނެވެ. އަދުގެ ސަރުކާރުން މަސައްކަތްތެރިންނަށް ދެއްވާ އަހައްމިއްޔަތުކަމާއި، ޒުވާނުން މަސައްކަތުގެ ދާއިރާއަށް ގެނެއުމަށް ކުރަމުންގެންދާ މަސައްކަތްތަކަކީ ސާބަސްހައްޤު މަސައްކަތްތަކެކެވެ. މަސައްކަތްތެރިކަމުގެ މައުރަޒުތަކާއި މަސައްކަތްތެރިންނަށް ބޭނުންވާ މާލީ އެހީތެރިކަން ފަހިކޮށްދިނުމާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ އުމްރާނީ ބޮޑެތި ޕްރޮޖެކްޓްތަކުގެ ސަބަބުން މަސައްކަތްތެރިންގެ ކުރިމަގު ވަރަށް އަލިކަމުގައި ދެންނެވިދާނެއެވެ. ނަމަވެސް، ތަކެތި އުފައްދާ ފަރާތްތަކުގެ ފިކުރީ މުދާ ނުވަތަ އިންޓެލެކްޗުއަލް ޕްރޮޕަޓީ ހިމާޔަތްކުރުމަށް މަސައްކަތްތަކެއް ކުރެވިގެން ގޮސްފައިވާތަނެއް ނުފެނެއެވެ. މިއީ އަޅުގަނޑުދެކޭ ގޮތުގައި ވަރަށް މުޙިއްމު އަދި މިހާރުކުރަންވެއްޖެ ކަމެކެވެ. 2015 ވަނަ އަހަރުގެ މަސައްކަތްތެރިންގެ މައުރަޒުގެ ތެރެއިން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި މިކަމަށް ކޮންމެވެސް ވަރަކަށް އަލި އަޅުވާ ލެއްވިއެވެ.

މަސަކަތްތެރިކަމުގެ މައުރަޒާއި ގުޅިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބެއްލެވުމުގެ ދަށުން ހިނގާނެ ކަމަށް އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި މަސައްކަތްތަކުގެ ތެރޭގައި މަސައްކަތްތެރިންގެ އުފެދުންތެރިކަން ކޮމަރޝަލައިޒް ކުރެވޭނެމަގު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރުން ހިމެނޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

“… އާ އުފެއްދުން ތަކާއި ވަކި ވަކި ފަންނާނުންގެ އިންޑިވިޖުއަލް ސްކިލް ޕެޓަންޓް ކުރާވަރުގެ އެއްޗެހި، ކޮމަރޝަލައިޒް ކުރެވޭނެ ގޮތްތަކެއް އެ ވިސްނުންތަކާއިއެކީ ސަރުކާރުން ހޯދައިދޭންޖެހޭ. އޭރަށް، އަޅުގަނޑުމެންނަށް މި ދެމެހެއްޓެނިވި ސިނާއަތެއްގެ ގޮތުގައި އަތްތެރި މަސައްކަތް ނޫނީ މަސައްކަތްތެރީންގެ މަސައްކަތް ސަރުކާރުގައި ނޫނީ ދައުލަތުގައި އޮންނާނެ.” –ރައީސް ޔާމީން-

President’s Speech on Maldives Expo 2015

އުފެދުންތައް ކޮމަރޝަލައިޒް ކުރެވޭނީ ރައީސް ޔާމީން ވިދާޅުވިފަދައިން އެ ޑިޒައިންތައް ޕޭޓަންޓް ކުރެވޭފެންވަރެއްގައި އުފެއްދޭ ތަކެތި ކަމުގައި ވެގެންނެވެ. އެ ފަރުމާތައް ޕޭޓަންޓް ކުރެވިގެންނެވެ. ރައްކާތެރި ކުރެވިގެންނެވެ. ރައްކާތެރި ކޮށްދެވިގެންނެވެ. އަޅުގަނޑު އުންމީދު ކުރަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން އިން ކުރުމަށް ރައީސް ޔާމީން އެދިލައްވާފައިވާ ކަންކަން ވީއެންމެ އަވަހަކަށް ކުރެވިގެން ދިޔުމެވެ. ހީވާގި ކަނބަލުންގެ މައުރަޒުންވެސް ފެނިގެން ގޮސްފައިވާ ދިވެހި އަމިއްލަ އުފެއްދުންތައް އޭގެ ޙައްޤުވެރިންގެ މިލްކެއްގެ ގޮތުގައި ކުރިއަށްއޮތް ތަނުގައި އޮތުމަށް މަގު ކޮށައިދިނުމުވެ. ޕޭޓަންޓް ޤާނޫނު ވުޖޫދަށް އައުމެވެ.

ފިލްމާއި ލަވަ ފަދަ މުނިފޫހިފިލުވުމުގެ ދާއިރާއާއި ގުޅުންހުރި އުފެއްދުންތައް މިހާރުވެސް ޤާނޫނުގެ ތެރެއިން ރައްކާތެރިކޮށްދެވިފައިވާއިރު، ފިކުރީ މުދާ ރައްކާތެރިކުރުމަކީ ނުކުރެވޭނެކަމެއްގައި އަޅުގަނޑު ނުދެކެމެވެ. ކުޑަކުޑަ މަސައްކަތަކުން މިކަން ކުރެވިދާނެއެވެ. އެތައް ޚަރަދަކާއި ވަގުތެއް ހޭދަކުރުމަށްފަހު މާކެޓަށް ނެރޭ މުދާ އެހެންމީހުން ކޮޕީކޮށްގެން ވިއްކާ ވިއްކުމުގެ މަގު ބަންދުކުރުމުގެ ވަރުގަދަ އަޒުމާއިގެން ކުރިއަށް ހިނގަން ވެއްޖެއެވެ. ފިކުރީ މުދަލުގެ ވައްކަން ކުރުން ހުއްޓުވުމުގެ ހެޔޮ ނިޔަތުގައި ކުރިއަށް ނިކުމެ މަސައްކަތްކުރާނެ، ރައީސް ޔާމީނާއި ދިވެހި މަސައްކަތްތެރިން އެދޭގޮތައް ކަންކަން ކުރަން ޖެހިއްޖެއެވެ. މިކަން ކުރަން ބޭނުންވަނީ ވަރަށް ކުޑަކުޑަ އިނިޝިއޭޓިވް އެކެވެ. ރައީސް ޔާމީން ވަނީ މިކަމަށް ‘ގޯ އަހެޑް’ ދެއްވާފައެވެ. ދެން ހަމަ އެކަނި ބޭނުންވަނީ އެމަސައްކަތްތައް ކުރަން ހުރި މުއައްސަސާތަކުގެ ވެރީންގެ އިސްނެންގެވުމެވެ.