މާލޭގެ ދެކޮޅަށްދުއްވާ ބައެއް މަގުތަކުގައި ދެފަރާތް ވަކިކުރުމަށް ޖަހާފައިވާ ގައުތަކަކީ މަގުތައް ތޮއްޖެހުން މަދުކުރުމަށް މިސަރުކާރުން އެޅި މުޙިއްމު އަދި އެފިޝަންޓް ފިޔަވަޅެކެވެ. އޯވަރޓޭކް ކުރުމުގެ ބޭނުމުގައި މަގުގެ ނުބައިފަރާތަށް އުޅނަދުތައް އެރުމުން މަގު ތާށިވެ، އެތައްބަޔަކަށް އޭގެ އުނދަގޫވެއެވެ. އެންމެ މީހެއްގެ ޢަމަލުތައް ހުންނަގޮތުން ޓްރެފިކްގައި މަޑުކޮށްގެން ތިބެންޖެހޭ ވަގުތު އެތައްގުނައެއް ގިނަވެގެންދާދިޔުން މަދުކުރުމަށް މިދެންނެވި ގައުތަކުގެ ޙިއްސާ ބޮޑެވެ. ނަމަވެސް، މި ގައުތަކުގެ ފަރުމާއަކީ މިކަމަށް އެންމެ އެކަށޭނެ ފަރުމާކަމުގައި އަޅުގަނޑު ނުދެކެމެވެ.

މިހާރު މަގުގެ ދެފަޅި ވަކިކުރުމަށް ބަހައްޓާފައިވާ ގައުތަކަކީ ތޫނު ކަނާއި ކައިރިތައް ގިނަ ގައުތަކެކެވެ. މިކަމުގެ ސަބަބުން މިއިން ގަލެއްގައި ބާރަށްޖެހިއްޖެނަމަ މީހުންނަށާއި އުޅަނދުތަކަށް ބޮޑު ގެއްލުމެއްވުމުގެ ފުރުޞަތު އެބައޮތެވެ. މީގެ އިތުރުން މިގައުތައް މަގާއި ވަޑިފަތިކޮށް އުފުލިފައި ހުރުމުން ކުރިންދެންނެނި ފަދައިން އެމަރޖެންސީގައި ދުއްވާ އެންބިއުލާންސްފަދަ އުޅަނދުތައް މަގުގެ އަނެއްފަރާތުން ދުއްވަންޖެހޭ ހާލަތެއްގައިވެސް އެތަނުން ކުރިއަށްނުދެވި، ތާށިވުމުގެ ފުރުޞަތު އެބައޮތެވެ.

މަޖީދީމަގު މެދުގައި ކާރެއް ތާށިވެފައި (ފޮޓޯ: ޙުސައިން ރަޝީދު)

މިފަދަ ގައުތައް ފަރުމާކުރެވިފައި ހުންނަންވާނީ އެމަޖެންސީގައި ދުއްވާ އުޅަނދުފަހަރަށް ބޭނުންވެއްޖެނަމަ އުނދަގުލުން ނަމަވެސް ހުރަސްކުރެވޭފަދަ ގޮތަކަށެވެ. އަދި މީގެއިތުރުން މި ގޮތަށް ގައުޖަހާފައިވާ ތަންތަނުގެ ކައިރީގައި އެކްސިޑެންޓެއް ހިނގައިފިނަމަ، އެގައުތަކުގެ ސަބަބުން މީހުންނަށް ވެދާނެ ގެއްލުން ކުޑަވާނެ ފަދަގޮތަކަށް މިގައުތައް ފަރުމާކޮށްފައި ހުރުމަކީ މުހިންމު ކަމެކެވެ.

މިއީ އަޅުގަނޑުގެ ކޮންމެވެސް ވަރެއްގެ ކަންބޮޑުވުންތަކެއް ހުރިކަމެކެވެ. އަޅުގަނޑު އުންމީދަކީ، މިކަންކަމާއި ޙަވާލުވެ ހުންނެވި ފަރާތްތަކުން މިކަމާއި މެދު ކޮންމެވެސް ވަރަކަށް ވިސްނާވަޑައިގެން މިކަންކަންކަމަށް އެކަށޭނެ ޙައްލެއް ހޯއްދަވައިދެއްވުމެވެ. މިގައުތަކުގެ ކަންތައް ކޮންމެވެސް ވަރަކަށް ވައްކޮށްފައިވާ ވާނަމަ، މިދެހްނެނި މައްސަލަތަކަށް ޙައްލެއް ލިބިގެންދާނެކަމުގައި އަޅުގަނޑު ދެކެމެވެ. ފަހަރެއްގައި މިކަމުގެ ޙައްލަކީ ގަލުގެ ފަރުމާ ބަދަލުކުރުންކަމުގައިވެސް ނުވެދާނެއެވެ.