ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިޔާވަހިކަން ލިބިފައިވާ ބައެކެވެ. މީގެ އެތައް ގަރުނެއްކުރިން ފެށިގެން މިދީނުގެ ހިޔާވަހިކަމުގެ ދަށުގައި ދިރިއުޅެމުންއަންނަ ބައެކެވެ. ހުކުރުދުވަހު އަހަރެމެން ދިވެހިންގެ ޑެއިލީ ޝެޑިއުލްއަށް ގެންނަ ބަދަލުތަކާއި، ގޭގޭގެ ކެޔުމަށް ގެންނަ ބަދަލުތަކަކީ އަޅުގަނޑުމެންގެ ދިރުއުޅުމާއި އިސްލާމްދީނާއި ގުޅިލާމެހިފައިވާ މިންވަރު އަންގައިދޭ އަލިގަދަހެއްކެކެވެ. ތުއްތުކުދިން ގޮވައިގެން ހުކުރުނަމާދަށް ދިޔުމަކީވެސް ދިވެހީންގެ ތެރެއިން ގިނަބަޔަކު ބޮޑު ‘އަހައްމިއްޔަތުކަމެއް ދީގެން’ މިދުވަހު ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް، މިކަމުގައިވެސް ވިސްނާލަންޖެހޭ ބައެއްކަންކަން ހުންނަކަން ނުވަތަ ހުންނާނެކަން ޤަބޫލުކުރަންޖެހެއެވެ.
ތުއްތުކުދިން ހުކުރުނަމާދަށް ގެންދިޔުމަކީ މައްސަލައެއް ކަމުގައި ނުދެކެމެވެ. ނަމަވެސް، މިސްކިތުގެ ޖަމާއަތަށް ތުއްތުކުދިން ގެންދާއިރު އެޖަމާއަތުގައި ނަމާދުކުރެވޭފަދަ ޤާބިލްކަން އެކުދިންގެ ކިބައިގައި ބިނާކުރަންޖެހެއެވެ. ފުރަތަމަ އެކުދީންނަށް ގޭގައި ނަމާދުކުރަން ދަސްކޮށްދޭންޖެހެއެވެ. ނަމާދުގައި ހުންނަންޖެހޭ މަޑުމަތިރިކަމާއި، މަޑުމޮޅިކަން އެކުދިންނަށް އުނގަންނައިދޭންޖެހެއެވެ. ނަމާދުގައި ކިޔާތަކެތި ދަސްކޮށްދިނުމުގެ ކުރިން ނުވަތަ ދަސްވުމުގެ ކުރިން ނަމާދުކުރުމުގައި އަދި މިސްކިތުގައި އުޅޭ އުޅުމުގައި އެކުއްޖެއްގެ އަމަލުތައް ބަހައްޓާނެ ގޮތް ކިޔައިދީ ދަސްކޮށްދިނުމަކީ މިސްކިތަށް، އަދި ޚާއްސަކޮށް ބޮޑެތިޖަމާޢަތްތަކަށް އެކުދިން ފޮނުވުމުގެ ކުރިން އެކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިފަރާތްތަކުން ކުރަންޖެހޭނެކަމެކެވެ. އެކުދިންގެ ފަރާތުން މިސްކިތުގައިތިބޭ އެހެންމީހުންނަށް އުނދަގުލެއް ކުރިމަތިނުވާނެ ވަރަށް އެކުދީނަށް މިސްކިތުގެ އަދަބުތައް ކިޔާދިނުމަކީ އެފަރާތްތަކުގެ ޒިންމާއެކެވެ. މިގޮތުން، ގޭގައި ނަމާދު ކުރަން ދަސްކޮށްދީ، މިސްކިތަށް ކުއްޖާ ފޮނުވުނުމުގެ ކުރީން މިޢަދަބުތައް އުނގަންނައި ދިނުމަކީ ކޮންމެ މަންމަ އަކާއި ބައްޕައަކުވެސް އެންމެ ބޮޑު އިސްކަމެއްދީގެން ކުރަންޖެހޭ އެއްކަމެވެ.
މިސްކިތުގައި ނަމާދުކުރަން ހުންނަ މީހުން ކުރިމަތީގައި ބަހައްޓާފައި ހުންނަ އަގުބޮޑެތި އައިނުފަދަ ތަކެތި ޙަލާކުކުރުމާއި (ނުވަތަ ވުމާއި)، ނަމާދުފެށުމުން ދެކޮޅު ދެކޮޅު ދުވުމާއި، އަދި ބައެއް ހާލަތްތަކުގައި ރޯންފެށުމާއި، ވާހަކަ ދެއްކުމާއި، މިނޫންވެސް ކަންކަމަކީ ތުއްތުކުދީންގެ ފަރާތުން މަދުންނަމަވަވެސް ފެންނަ ކަންކަމެވެ. އެއްވެސް ޙާލެއްގައި މިދަންނަވަނީ މިކަންކަންތައް މިގޮތަށް ދިމާވާކަމަށްޓަކައި މިކުދީން މިސްކިތަށް ނަމާދުކުރަން ނުގެންދާށެކޭއެއް ނޫނެވެ. ނަމަވެސް، ގަޑިންގަޑިއަށް މިސްކިތަށް ދިޔުމުގެ އާދަ އަށަގެންނެވުމަށް ފުރަތަމަ ކުރަންޖެހޭ މަސައްކަތަކީ ގޭގައި އެކުދީންނަށް ދޭންވާ ތަރުބިއްޔަތު ދިނުމެވެ. ނަމާދުގެ އަދަބުތަކާއި، މިސްކިތުގެ އަދަބުތައް އުނގަންނައި ދިނުމެވެ. މިކަން ނުކޮށް، މިރިނުވެ ގޮބޮޅި ކާށިވާ ބީދައިން، މިކުދިން މިސްކިތައް ގެންގޮސް ‘ދޫކޮށްލުމުން’ އެކަމުން ޙާސިލްކުރަން ބޭނުންވާ ކަންކަން އެންމެ ފުރިހަމައަށް ޙާސިލްވުން އޮންނާނީ ދުރުކަމެއްކަމުގައި ވެފައެވެ. އެކުދިން ބޮޑުވެގެން އަންނައިރު މިސްކިތަށް ކުރާ އިޙްތިރާމާއި ޤަދަރު ކުޑަވުން އޮންނާނީ ވަރަށް ކައިރީގައެވެ.