ވިޔަފާރިކުރާ ތަންތަން އަވަހަށް ބަންދުކުރުމަކީ މުޖްތަމަޢުއަށް ފައިދާތަކެއް ކުރަނިވި، އަޅުގަނޑަށް ޤަބޫލުކުރެވޭކަމެކެވެ. ނަމަވެސް ވިޔަފާރިތައް ބަންދުކުރުމުގައި އެކިވައްތަރުވައްތަރުގެ ވިޔަފާރިތަކާއި، އެކި ގިންތިތަކުގެ ވިޔަފާރިތައް ހުޅުވާފައިބެހެއްޓޭ ގަޑިތަކަށް ތަފާތުކުރުމަކީ މިކަންކުރުމަށް އެންމެއެކަށޭނެގޮތެވެ. އާންމު ވިޔަފާރިކުރާގަޑިތަކުގެ އިތުރަށް ބައެއްކަހަލަ ވިޔަފާރިތައް ހުޅުވާފައި ބެހެއްޓުމަކީ އާންމުންނަށް މިކަމުގެ އުނދަގޫނުވެ މިކަންކުރުމަށް ކޮށޭ މަގެއްކަމުގައި ވެގެންދާނެއެވެ.

ރޭގަނޑު 9 ޖަހާއިރު އާންމު ވިޔަފާރިތައް ބަންދުކުރުން

ރޭގަނޑު 9 ޖަހާއިރަކީ އާންމުވިޔަފާރިތައް ބަންދުކުރުމަށް އަވަސްގަޑިއެއް ނޫނެވެ. އިޝާ ނަމާދުކޮށްގެން، ފަތިހު ފަތިސްނަމާދަށް ހޭލަން ބޭނުންވާމީހާއަށްވެސް ވިޔަފާރިބަންދުކުރުމަށްފަހު، ހަމަ ނިދި ނިދޭހާވަގުތު އޮއްވާ ގެއަށްދާން ފުރުޞަތުލިބުމަކީ ފަތިހު ފަތިސްނަމާދަށް ތެދުވާ ފަރާތްތައް ތާއީދުކުރާނެ ކަމެކެވެ. އަދި އެހެންމެ ދިވެހި މުޖްތަމަޢު ދުރުވަމުންދާ އިސްލާމީ ރިވެތި ޢުސޫލުތައް އަށަގެންނެވުމަށް މައިންބަފައިންގެ ފަރާތުންވެސް އެކުދީންނަށް ޢަމަލުން ދެއްކޭ ނަމޫނާއެއްކަމުގައި ވާނެއެވެ.

މީގެއިތުރުން، އާންމު ވިޔަފާރިތައް 9 ޖަހާއިރު ބަންދުކުރުމަކީ އެފިހާރަތަކުގެ ވިޔަފާރިއަށް އެއްވެސް ބަދަލެއް އަންނާނެކަމެއް ކަމުގައި ނުދެކެމެވެ. ފިހާރަޔަކުން ގަންނަން ބޭނުން އެއްޗެއްހުރިނަމަ، އެފިޔާފާރިއެއް ހުޅުވާފައި ހުންނަ ގަޑިއެއްގައި އެއެއްޗެއްގަނެ ނިންމާނެއެވެ. ނަމަވެސް މިއިން ރެސްޓޯރަންޓް، ކެފޭ، ހޮޓާފަދަ ތަންތަން އިސްތިސްނާވެއެވެ.

ކެފޭ، ސައިހޮޓާ، ރެސްޓޯރަންޓް ފަދަތަންތަން ރޭގަނޑު 12 ޖަހާއިރު ބަންދުކުރުން.

ވަޒީފާ ނިންމާފައި، އެއްޗެއްކާލާނެ ވަގުތު ޢާއިލާތަކަށާއި، ގޭގައި ނުކައްކާ ނުވަތަ ކެއްކޭނެގޮތެއް ނެތިފައި ތިބޭމީހުންނަށް ނުވަތަ ކައްކަން ނޭނގޭ އާއިލާތަކަށް ލިބުމަކީ ރަނގަޅުކަމެއް ކަމެއްކަމުގައި ދެކެމެވެ. މިއީ މިފަދަ ރެސްޓޯރަންޓް ސައި ހޮޓާ ފަތަ ތަންތަނުގައި ވަޒީފާއަދާކުރާ ފަރާތްތަކަށް މާއުފާވެރި ކަމެއްކަމުގައި ނުވިނަމަވެސް، މިފަދަ ތަންތަނަކީ ހުޅުވާފައި ބަހައްޓާ ވަގުތު އިތުރުވާވަރަކަށް ފައިސާ ގިނައިން ލިބޭނެ ކަހަލަ ވިޔަފާރިތަކެވެ. ތަންތަން ކުއްޔަށް ހިފައިގެން ވިޔަފާރިކުރާ ފަރާތްތަކަށް އެބައެއްގެ ވިޔަފާރިއަށް މާބޮޑު ހީނަރުކަމެއް ނައިސް، އެވިޔަފާރިއެއް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަކީ ދަޢުލަތުގެ ޒިންމާއެކެވެ. ވިޔަފާރި ވެރިންނާއި ނުލައި، ޤައުމި ނުހިންގޭނެކަން ދަނެ، އެބޭފުޅުންވެސް ‘ހިތްހަމަ’ ޖެހޭފަދަ ގޮތަކަށް ކަންކަން ރޭވުމަކީ މުޙިއްމުކަމެކެވެ.

ތަކެތި އުފައްދާ ތަންތަން 24 ގަޑިއިރު ހިންގޭނެ ފުރުޞަތު ދިނުން.

ރާއްޖޭއިން ބޭރުގައިވެސް ގިނަ ކާރުހާނާތަކަކީ 24 ގަޑިއިރު މަސައްކަތް ކުރަމުންދާ ތަންތަނެވެ. މިގޮތަށް މިކަން ބޭއްވެއްޖެނަމަ، މިދިވެހިރާއްޖޭގެ އިޤްތިޞާދަށް މިކަމުގެ އެދެވޭ އަސަރުފެންނާނެކަމަށް ޤަބޫލުކުރެވެއެވެ. ދަޢުލަތުގެ ޓެކްސް ނިޒާމް މިހާރުއޮތްގޮތުން، ވަކިވަކި ވިޔަފާރިތަކަށް ލިބޭފައިދާއަކީވެސް، ދައުލަތަށް އޭގެ ކޮންމެވެސް ވަރެއްގެ މަންފާއެއް ކުރާނެކަމެކެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވުމަކީ، ޤައުމުދެކެ ލޯބިވާ ކޮންމެ ދަރިޔަކުވެސް ބޭނުންވާނޭ ޤައުމުގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނޭކަމެއްކަމުގައި ދެކެމެވެ. ނަމަވެސް، މިކަންކުރުމުގައި ‘ނޮއިސް ޕޮލިއުޝަން ސްޓޭންޑަރޑް އެއް’ ކަނޑައެޅުމަކީ މުޙިއްމުކަމެއް ކަމުގައި ދެކެމެވެ.

އެރަށެއްގެ އެކި އަވަށުގެ ނުވަތަ ހިސާބުގަނޑުގެ ވިޔަފާރިތައް ހަފްތާއަކު ކޮންމެވެސް އެއްރެއަކު 11 ޖަހަންދެން ހުޅުވާފައި ބެހެއްޓުމާއި، ހަމަ އެސަރަޙައްދުގެ ސައިހޮޓާ، ކެފޭ ރެސްޓޯރަންޓްތައް ފަދަތަންތަން 1 ޖަހަންދެން ހުޅުވާފައިބެހެއްޓުމަށް ހުއްދަދިނުން. ނުވަތަ، ހުރިހާ ފިހާރަތަކެއް ބުދަދުވަހު މިބީދައިން ހުޅުވާފައި ބެހެއްޓުން.

މިގޮތަށްހެދުމުން، ފުލުހުންގެ މުއައްސަސާއަށްވެސް އެސަރަޙައްދެއް މޮނިޓަރކުރަން ފަސޭހަވެގެންދާނެއެވެ. އަދި، ‘ކުއްލިއަކަށް’ ގަންނަން ޖެހޭ ބޭހާއި އެނޫންވެސް ތަކެތި ގަތުމަށް ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކުޅިވަރު ކުޅޭނެތަންތަން ރޭގަނޑު 11 ޖަހަންދެން ހުޅުވާފައިބެހެއްޓުން.

ކުޅިވަރު ކުޅޭނެ ތަންތަން ރޭގަނޑު ހުޅުވާފައި ބެހެއްޓުމަކީ ދުޅަހެޔޮ ލައިފްސްޓައިލަކަށް މަގުފަހި ކުރެވޭނެކަމެއް ކަމުގައި ދެކެމެވެ. އަދި މިއީ، ވަޒީފާތައް ނިންމާލުމަށްފަހު ހިތްހަމަޖައްސާލަންވެސް ބޭނުންކުރެވިދާނެ ވަސީލަތެއްކަމުން، ކުޅިވަރު ކުޅޭނެ އިތުރު ތަންތަނާއި، ޒުވާނުންނަށް ހިތްފަސޭހަ ޕާރކުތައް ޤާއިމްވެފައި ހުރުމަކީ މުޙިއްމުކަމެކެވެ. ފުޓުބޯޅައާއި، ޑާރޓް، ބިލިޔާރޑް، ބޯލިންގ އަދި މިނޫނަސް ވީޑިއޯ ގޭމްފަދަ ކުޅިވަރުތައް ކުޅޭނެ ތަންތަން ޤާއިމްކޮށް، ފިޔަފާރިތަކަށްވުރެން ތަންކޮޅެއްލަހުން ބަންދުކުރުމަކީ، ޒުވާނުން ކުޅިވަރަށް އިތުރު ޝައުގުވެރިކަމެއް އުފެދި، ފަހަރުގައި ވާދަވެރިކޮށް ކުޅުމަށްވެސް މެދުވެރިވެދާނެ ސަބަބެއްކަމުގައި ވެދާނެއެވެ. މިހެން ވެއްޖެނަމަ، އެޒުވާނެއްގެ ވަގުތުތައް އަނެއްކާވެސް ރަނގަޅުގޮތުގައި ބޭނުންކުރަން ފުރުޞަތެއް ހުޅުވާލެވުނީއެވެ.

ކުރިމަތި ވެދާނެ ބައެއްދަތިތައް:

  • އެކިކަހަލަ ވިޔަފާރިތައް އަދި އެކި ސަރަޙައްދުތައް އެކި ގަޑީގައި ބަންދުކުރާގޮތަށް ހަމަޖެހުމުން، މޮނިޓަރ ކުރަން އުނދަގޫވުން.
  • ވިޔަފާރިވެރިންގެ ފަރާތުން ބައެއް ހިތްހަމަ ނުޖެހުންތައް އައުން.
  • ލަހުން ވިޔަފާރިތައްކުރަން އާދަވެފައިވާ ފަރާތްތަކުން ޝަކުވާތައް އައުން.
  • ރަނގަޅަށް ނުދިއްލާހުންނަ މަގުތަކުގައި ހުންނަ ވިޔަފާރިތަކުގެ ބޮކިތައް ނިއްވާލުމުން، މަގުތައް މާބޮޑަށް އަނދިރިވެ، ކުށްކުރުމަށް މަގުފަހިވުން.
  • ސައި ހޮޓާ ރެސްޓޯރަންޓްތައް ހުޅުވާފައި ބަހައްޓާ ގަޑިތައް މާބޮޑުތައް މަދުނުވުމުން، މިތަންތަނުގައި މަސައްކަތްކުރާ މަދު ފަރާތްތަކަށް އާއިލާއާއި ރައްޓެހި ރަހުމަތްތެރިންނާއިއެކު ވަގުތު ހޭދަކުރުމުގެ ފުރުޞަތުގެއްލުން.

މިއީ އަޅުގަނޑުގެ ޚިޔާލެވެ. މިއީ ފަހަރުގައި މޮނިޓަރކުރަން އުނދަގޫ ކަންކަން ކަމުގައި ވެދާނެއެވެ. ނަމަވެސް، މިކަންކަން މިގޮތަށް ވެއްޖެނަމަ، ގިނަބަޔަކަށް މީގެ ފަސޭހަތަކެއް ލިބިގެންދާނެކަމީ ޔަގީންކަމެކެވެ. އަދި އެހެންމެ، މިއީ މުޖްތަމަޢުގެ ހަމަޖެހުމާއި، އުފާވެރިކަމަށް ލިބިގެންދާނެ އިތުރުބާރަކަށް ވެގެންދާނެކަމުގައި ޤަބޫލުކުރެވެއެވެ. އަދި، ވަޒީފާގެ ވަގުތު ކުޑަވުމަކީ، ޒުވާނުންވެސް ވަޒީފާތަކަށް ޝައުގުވެރިވާން މެދުވެރިވާނެ ކަމެއްކަމުގައި ވެގެންދިއުމަކީވެސް ދުރުގައިވާ ކަމެއްނޫނެވެ. މުޖުތަމަޢުއެއްގެ ‘ކަށީގައި’ ހިފާފައިވާ އާދަތަކަކީ މަސައްކަތްތަކެއް ކޮށްގެންނޫނީ ބަދަލުނުކުރެވޭނެ އާދަތަކެވެ. އެހެނަސް، މިއީ ނުކުރެވޭނެހާ އުނދަގޫ ކަންކަމެއްނޫނެވެ.