ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެނައިފަހުން މިހާރު ދުވަސްތަކެއް ފާއިތުވެ ގޮސްފިއެވެ. ބައެއް ވިޔަފާރިތައް މިކަމަށް މަރުޙަބާ ކީއިރު، އަނެއްބައި ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހުނު ކަމަށް އެފަރާތްތަކުން ދެކެއެވެ. ޙާއްސަކޮށް ސައިހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ވިޔަފާރިކުރާ ފަރާތްތަކުން މިޝަކުވާކުރާލެއް ބޮޑެވެ. ބައެއް ވިޔަފާރިތަކަށް ގެއްލުން ވީކަމުގައި ނަމަވެސް، މުޖްތަމަޢުގެ ހަމަޖެހުމަށް މިކަމުގެ ސަބަބުން ކުރާނެ ފައިދާއަކީ ހަމަގައިމުވެސް ފައިސާއިން އަގުނުކުރެވޭނެ ފައިދާތަކެއްކަމުގައި ދަންނަވަން ޖެހެއެވެ.

ޤައުމެއްގެ ހަމަޖެހުން ބިނާވެފައި އޮންނަނީ އެޤައުމެއްގައި އުޅޭ ބެއެއްގެ ހަމަޖެހުމުގެ މައްޗަށެވެ. މިހަމަޖެހުން ބިނާވެފައި އޮންނަނީ އެމުޖްތަމަޢު އެބައެއްގެ މައްޗަށް ބިނާވެފައިވާ ޢާއިލާތަކުގެ ހަމަޖެހުމުގެ މައްޗަށެވެ. ވަކިވަކި ފަރުދުންނަށް އާއިލާއަށް ދެވޭ އަޅާލުމާއި ވަގުތުގެ މައްޗަށެވެ. ރޭގަނޑު 11 ގެ ބަދަލަށް 10 ޖަހާއިރު ވިޔަފާރިތައް ބަންދުކުރުމަށް ނިންމިނިންމުމަކީ ހަމަގައިމުވެސް އެވިޔަފާރިތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އެފަރާތްތަކުގެ އާއިލާއާއިއެކު އިތުރަށް ހޭދަކޮށްލަން ލިބުނު 60 މިނެޓެވެ. އަވަހަށް ގެއަށްދިޔުމަށް ލިބުނު މިފުރުޞަތަކީ ހަމަގައިމުވެސް ދިވެހި މުޖްތަމަޢުގައި އުޅޭ ގިނަފަރާތްތަކުން އެކަމަށް މަރުހަބާކިޔާނެކަމެއް ކަމުގައި ޤަބޫލުކުރެވެއެވެ. ރޭގަނޑު 10 އަކީ ތިމާގެ ތުއްތު ދަރީންނާއި ބައްދަލުކުރަން އެންމެ އެކަށޭނެ ވަގުތުކަމުގައި ނުވެދާނެއެވެ. ނަމަވެސް، ތިމާގެ ފިރިމީހާ ނުވަތަ އަނބިމީހާއާއިއެކު ނުވަތަ ތިމާގެ އާއިލާއާއިއެކު ހޭދަކޮށްލަން ކޮންމެދުވަހަކުވެސް އިތުރު ވަގުތުކޮޅެއް ލިބުމަކީ އާއިލާތަކުގެ ގުޅުމަށް އިތުރު ވަރުގަދަކަމެއްލިބިގެންދާނެ، ގުޅުންތައް ބަދަހިވެގެންދާނެ ކަމެއްކަމުގައި ޤަބޫލުކުރެވެއެވެ.

ރައްޓެހިންނާއިބައްދަލުވެލައި އުފާކޮށްލަންވެސް ލިބޭ މުޙިއްމު ވަގުތުކޮޅެއްކަމުގައި މިވަގުތުކޮޅު ހެދިދާނެއެވެ. އެކުވެރި މުޖްތަމަޢުއެއް ބިނާކުރުމަށް އޮންނަ ހަމައެކަނި ދުވަހަކީ ހުކުރު ދުވަސްކަމުގައި ވެއްޖެނަމަ، މިގުޅުންތައް އެހާ ވަރުގަދަނުވުމަކީ ދުރުގައިއޮތް ކަމެއްނޫނެވެ. ހަމަގައިމުވެސް ރައްޓިހިންނާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު 12 ގެ ފަހުންނޫނީ ގެއަށް ވަދެވޭ ވަދެވުމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް މިކަމުގެ ސަބަބުން ލިބިގެންދާނެކަމަށް ބެލެވެއެވެ.

ވިޔަފާރިތައް އަވަހަށް ބަންދުކުރުމަކީ އިސްލާމްދީނުގައި އަންގަވާފައިވާ ފަރުޟު ފަސްނަމާދުގެތެރެއިން އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކަށް އިޙުމާލުވެވޭ ނުވަތަ އިޙުމާލުވާ ފަތިސް ނަމާދަށް ދިޔުމަށް މީހުންނަށް ލިބޭ ހިތްވަރަކަށް ވެގެންދިޔުމަކީވެސް ވަރަށްގާތުގައިވާ ކަމެކެވެ. މީގެއިތުރުން އަވަހަށް ނިދުމަކީ ކުރިއަށްއޮންނަ ދުވަހުގެ މަސައްކަތަށްވެސް އެކަމުގެ ރަނގަޅު އަސަރު ކުރާނެކަމެކެވެ. ހަމަނިދި ނުލިބި މިދިވެހި މުޖްތަމަޢުގައި އުޅެމުންދާމީހުން މަދެކޭ ދެންނެވޭކަށްނެތެވެ. ޚާއްސަކޮށް ފުލްޓައިމް ވަޒީފާ ނިންމުމަށްފަހު ޕާރޓްޓައިމް ވަޒީފާތައް އަދާކުރަމުންދާ ފަރާތްތަކަށް ހަމަނިދި ނުނިދުމުގެ އުނދަގޫ ބޮޑުވާނެކަމަށް ލަފާކުރެވެއެވެ.

މިދެންނެވިފައިދާތައް ދިވެހި މުޖްތަމަޢުއަށް މިއަށްވުރެން ބޮޑަށްލިބިދިނުމަށްޓަކައި ވިޔަފާރިތައް ހުޅުވާފައިބެހެއްޓޭނެ ގަޑި އަދި އިތުރަށް މަދުކުރުމަކީ ފެންނަ ކަމެކެވެ. ހަމަގައިމުވެސް ފިހާރަތުގެ ސޭލްސްއަށް މިކަމުން އަސަރެއްކޮށްފާނެކަމަށް ޤަބޫލެއްނުކުރެވެއެވެ. އެބަޔަކު ގަންނަން ބޭނުންވާއެއްޗެއް، އެފިހާރަ ހުޅުވާފައިހުންނަ ވަގުތުގައި ގޮސް ގަނެވޭނެއެވެ. ގަންނާނެއެވެ. ނަމަވެސް ސައިހޮޓާ ރެސްޓޯރަންޓް ވިޔަފާރިތަކުގެ ވިޔަފާރިއަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައުމަކީ ކައިރީގައިވާކަމެކެވެ. ވީމާ، ބައެއްކަހަލަ ވިޔަފާރިތައް ތަންކޮޅެއްލަހުން ބަންދުކުރުމުގެ ހުއްދަ ދިނުމަކީ ވިޔަފާރިތައް އަވަހަށް ބަންދުކުރުމުގެ ބޭނުން އެންމެ ފުރިހަމައަށް ލިބޭނެގޮތްކަމުގައި ދެކެމެވެ.

ވިޔަފާރުކުރެވޭ ގަޑިތަކަށް ގެންނަން ފެންނަބަދަލުތަކާއި ބެހޭގޮތުން އިތުރުލިޔުމެއް ލިޔުމުގެ ގަސްތު އެބައޮތެވެ. އިރާދަކުރެއްވިއްޔާ ލަހެއްނުވެ އެހިޔާލުވެސް ޕޯސްޓްކުރާނަމެވެ.