ލިބޭއެއްޗަކުން ދެކޮޅުނުޖެހި، ކުރަންހުރި ޒަރޫރީ ކަންކަން ނުކުރެވި ހުންނަ ވާހަކައަކީ އަޅުގަނޑަށްވެސް ދޭތެރެ ދޭތެރެއިން އަޑުއިވޭ ވާހަކައެކެވެ. މަސައްކަތްކޮށްގެން ލިބޭ މުސާރަކޮޅު މަހުން މަހަށް ޚަރަދުވެ، ބޮޑުލާރިއެއްހާ މިންވަރުވެސް ފަހަށް ރައްކާނުކުރެވޭ ވާހަކައާއި، އަނބިދަރީންނަށް އަންނައުނު ނުގަނެދެވޭ ވާހަކައެވެ. ފޫގޮސްފައިވާ ގޭގެ ފުރާޅުގެޓިނުތައް ބަދަލުނުކުރެވިގެން އުޅޭވާހަކައެވެ. އަދި މިނޫނަސް ކޮންމެހެން ކުރަންޖެހޭ، ނަމަވެސް ފައިސާ ނެތިގެން ނުކުރެވި ހުންނަ ކަންތަކުގެ ވާހަކަ ރައްޓެހިންނާއި ގާތްތިމާގެ މީހުންގާތު ދެއްކުމަކީ އަހަރެމެން ދިވެހިންގެ ތެރޭގައި މިހާރަކަށްއައިސް އާންމުކަމެކެވެ. ސުވާލަކީ ލިބޭފައިސާކޮޅު މަދީބާވައެވެ؟ ނޫނީ ކުރާ ޚަރަދުތައް ގިނައީ ބާވައެވެ؟

ލިބޭ މުސާރަ ނުވަތަ އާމްދަނީ ކުޑަވެގެން، އެކަމާ ޝަކުވާނުކުރާ މީހަކު މަދެވެ. ކުރަންޖެހޭ ޚަރަދާއި ބަލަހައްޓަންޖެހޭ މީހުން ގިނަ، ނިސްބަތުން ކުޑަ އާމްދަނީއެއް ލިބޭ މީހަކު ފަހަރުގައި މިޝަކުވާ ކޮށްފާނެއެވެ. ކުރަންވެސް ޖެހޭނެއެވެ. އެތައްބައެއްގެ މަސްޢޫލިއްޔަތު ކޮނޑުގައި އަޅައިގެން އުޅޭއިރު، އެކަށޭނެ އާމްދަނީއެއް ނުލިބޭނަމަ އެވާހަކަ ނުދައްކާ ނުވެސް ހުރެވޭނެއެވެ. ނަމަވެސް، ހުސްހަށިބައި، އެހެންއެއްވެސް މީހެއްގެ ބުރައެއް އުފުލަން ނުޖެހި ދިރިއުޅުން ވޭތުކުރަމުންދާ ޒުވާނުން މިޝަކުވާ ކުރާނަމަ، މިދައްކާ ވާހަކައިގައި ޤަބޫލުކުރަން ކުޑަކޮށް ދަތި ކަންތައްތަކެއް އެބަހުއްޓެވެ. ޚާއްސަކޮށް އެމީހެއްގެ ޚަރަދު ބަރަދު ހަމަޖެއްސުމަށް އިތުރަށް ބޭނުންވާ ފައިސާގެ ހިސާބުތައް ހެދުމަށްޓަކައި ޖީބުންނަގާ މޯބައިލް ފޯނަކީ އެންމެ ފަހުގެ، އެންމެ މިޒަމާނުގެ އާލާތެއްކަމުގައި ވެއްޖެނަމައެވެ. މެންދުރުގެ އެންމެ އަވިގަދަ، ހޫނު ވަގުތުތަކުގައިވެސް ތިމާއުޅޭ ކޮޓަރިއަކީ ފިނިމޫސުމުގެ ގަޑިތައް ގުނަމުންދާ ކޮޓަރިއަކަށް ވާނަމައެވެ. އިންސްޓޯލްމަންޓަށް ނަގައިގެންވިޔަސް، ތިމާ ދުއްވާ ސައިކަލަކީ އެންމެ ފަހުގެ ސައިކަލަކަށް ވާނަމައެވެ. މައްސަލައަކީ ޚަރަދުކުރަން ނޭންގުން ކަމުގައިވެސް ވެދާނެއެވެ. ނުވަތަ، ފައިސާގެ މުހިއްމުކަން ނުވިސްނުން ކަމުގައިވެސް ވެދާނެއެވެ. ނޫނީ، ލިބިފައިވާ ނުވަތަ ލިބެންހުރި ފައިސާއިން ކުރަންހުރި ކަންކަމުގެ ތެރެއިން އިސްކަން ދޭންޖެހޭ ކަންކަން ނޭނގި ތަރުތީބު އޮޅި، ތިމާއަށް ތިމާގެ ފެންވަރު އޮޅުން ކަމުގައިވެސް ވެދާނެއެވެ.

ތިމާގެ މޮޅުކަމާއި، ‘ބޮޑާކަން’ އެހެންމީހުންނަށް ދެއްކުމަށްޓަކައި ގަންނަ ތަކެއްޗަކީ، ނުވަތަ ކުރާ މިފަދަ ކަންކަމަކީ ތިމާއަށް އޭގެން އެއްވެސް ފައިދާއެއް ކޮށްފާނެ ކަމެއްކަމުގައި އަޅުގަނޑު ނުދެކެމެވެ. މޮޅުފޯނަކުން ކުރެވޭނެ ކިތަންމެ ކަމެއް އޮތްކަމުގައި ވީނަމަވެސް، ތިމާގެ އަތުގައި ނެތް ފެންވަރުން އެފަދަ ފޯނެއް ގަތުން މުހިއްމުތޯއެވެ؟ ކަރަންޓުބިލު ނުދެއްކޭ ހާލު، ކޮންމެ ކޮޓަރިއެއްގައި ޓީވީއަކާއި، ލަވަޖަހާ ސެޓަކާއި، ކުޑަ އައިސްއަލަމާރިއެއް ބެހެއްޓުމަކީ މުޙިއްމު ކަމެއްތޯއެވެ؟ ޒުވާނުންގެ ވިސްނުން މިގޮތަށް ހުރުމުގައި، ބެލެނިވެރީން ނުވަތަ މައިންބަފައިންގެ ރޯލުވެސް ވަކި ކުޑަކަމުގައި އަޅުގަނޑަކަށް ނުދެންނެވޭނެއެވެ. ތިމާގެ ދަރިފުޅަށް އެންމެ އަގުބޮޑެތިހެން ހީވާ ތަކެތި ހޯދައި ދިނުމާއި، ޖެހިގެން ހުރިގޭ ‘ކާސިމުގެ ޙަސަނު’ ނޫނީ ‘ކަތީބު ގޮތީ އަޙުމަދު’ އަތުގައި އޮންނަ ކަހަލަ ފޯނެއް ހޯދުމަށްޓަކައި ވާ ޤުރުބާނީއަކީ، އަޅުގަނޑަށް ވިސްނޭގޮތުގައި ތިމާގެ ދަރިފުޅުގެދެކެ ވާލޯބިން ކޮށްދޭ ނުވަތަ ކޮށްދެވޭ ކަންކަމެވެ. ނަމަވެސް، ތިމާގެ ދަރިފުޅުދެކެވާ ލޯތްބަކީ އެދަރިފުޅުގެ ކުރިމަގަށް ހުރި ހުރަހެއްކަމުގައިވުމަށް ހަމަގައިމުވެސް އެއްވެސް މީހަކު ބޭނުންމެއް ނުވާނެއެވެ. ހަމައެހެންމެ މިލޯތްބަކީ ދަރިފުޅުގެ މުސްތަޤުބަލު ބަނަވާން މެދުވެރިވާ ސަބަބަކަށްވާންވެސް އެއްވެސް މީހަކު ނޭދޭނެއެވެ. ދަރިންނަށް ފައިސާގެ ހުރި މުހިއްމުކަމާއި، އެޚަރަދުކުރާނެ ރަނގަޅުގޮތް ދަސްކޮށްދީ، ރަނގަޅުމިސާލު ދައްކައިދިނުމަކި އެމީހެއްގެ ޒިންމާއެކެވެ. އެމަންމައެއް ނުވަތަ ބައްޕައެއްގެ ޒިންމާއެކެވެ. ބުނާބަހަކަށްވުރެ، ޢަމަލުން ދައްކާދޭ ދައްކާދިނުން ދަރިންގެ ބޮލުތެރޭގައި މާރަނގަޅަށް ހަރުލާފައިހުންނައިރު، ޚަރަދުކުޑަކޮށް އުޅެން ތިމާދަސްކޮށް، މި މިސާލު ތިމާގެ ދަރިންނަށް ދައްކާދެވޭތޯ ވީބަލާށެވެ. އޭރުން ތިމާގެ ޖީބައްވެސް ލުއިވެ، ދަރިންވެސް ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރުވުމަށް އިތުރުބާރަކަށް ވެގެންދާނެއެވެ.

މައިންބަފައިންގެ އިތުރުން މިހާރުގެ ޒުވާނުންވެސް އެމީހުންގެ މިޚަރަދުބޮޑު އުޅުމާއި ދޭތެރޭ ކޮންމެވެސް ވަރަކަށް ވިސްނާލަންއެބަޖެހެއެވެ. ބޭކާރު ޚަރަދުކުރުމާއި، ތިމާ ކޮންމެހެން ބެނުންނޫން ކަންކަން ކުރުމާއި ދުރުހެލި ވާންޖެހެއެވެ. ފަހަށް ރައްކާކުރަން ދަސްކުރަން ޖެހެއެވެ. ތިމާގެ ކުރިމަގު އަމިއްލަޔަށް ބައްޓަންކުރަން އެބަޖެހެއެވެ. ބޮޑުކަމެއް ދިމާވާހިނދު، އެހެންމީހުން ކައިރިއަށް ސަލާންޖަހަން ނުޖެހޭވަރަށް ތިމާގެ ދިރިއުޅުން ހަރުދަނާ ކުރަން އެބަޖެހެއެވެ. ޒަރޫރީ ކަންކަމަށް އިސްކަން ދޭން އެބަޖެހެއެވެ. ތިމާގެ އާއިލާ އުފަލުގައި ގެންގުޅެވޭވަރަށް، ތިމާގެ އަތްމަތި ތަނަވަސް ވޭތޯ ގަދައަޅައި މަސައްކަތް ކުރަން އެބަޖެހެއެވެ. ޒުވާން ދުވަސްވަރު، ފަހަށް ރައްކާކުރުމުގެ ރަނގަޅުއާދަ އެމީހެއްގެގައިގައި ހިފާތޯ މަސައްކަތް ކުރަން އެބަޖެހެއެވެ. ‘ކޮފީއަށް’ ދިއުން މަދުކޮށް، ވަގުތުތައް ބޭކާރުގޮތުގައި ނަގާލުން މަދުކުރަން އެބަޖެހެއެވެ. ކައިވެނިތައް ރޫޅުމަށް މެދުވެރިވާ އެންމެބޮޑު އެއްމައްސަލައަކީ އާއިލާގެ ފުދުންތެރިކަން ނެތުންކަމުގައި ވާއިރު، ތިމާގެ ‘ލަވް އޮފް ލައިފް’ އާއިއެކު މުޅި އުމުރު ހޭދަކުރަން ބޭނުންނަމަ ޚަރަދުތައް ކުރުމުގެ ކުރިން ކޮންމެވެސް ވަރަކަށް އެކަމަކާއި ދޭތެރޭ ވިސްނާލަން އެބަޖެހެއެވެ. 25000.00 ރުފިޔާގެ އަގުބޮޑު ފޯނުތައް ގަތުމަށް އަޒުމް ކަނޑައެޅުމުގެ ބަދަލުގައި، ތިމާގެ ކުރިމަގު ބިނާކުރާނެ ގޮތަކާއި މެދު ވިސްނާ، އެކަމަކަށް ގަދައަޅާ މަސައްކަތް ކުރަން އެބަޖެހެއެވެ.

މުސާރަތައް އެއްވަރެއްގައި ހުރިނަމަވެސް، ތަކެއްޗާއި މަސައްކަތްތަކުގެ އަގު ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު، ޚަރަދުބޮޑު ދިރިއުޅުމަކަށް ތިމާހޭނެފައި ހުރެއްޖެކަމުގައި ވާނަމަ، އެކަމުން ތިމާއަށާއި، ތިމާގެ އާއިލާއަށް ފޫނުބެއްދޭފަދަ ގެއްލުންތަކަކާއި ކުރިމަތި ލާންޖެހުމަކީ ދުރުގައިވާ ކަމެއްނޫނެވެ. އާއިލާތައް ރޫޅުމަށް މެދުވެރިވާ އެންމެ ބޮޑު އެއްސަބަބަކީ ފައިސާގެ ދަތިކަން ފޯރުން ކަމުގައިވާއިރު، ތިމާގެ ޒުވާން ދުވަސްވަރު ޚަރަދުބޮޑު ދިރިއުޅުމެއް އުޅެން ‘ކަށީގައި ހިފައިފިނަމަ’, އެއީ ތިމާއާއި ތިމާގެ ޢާއިލާގެ މުސްތަޤުބަލަށް އެޅޭ ހުރަހެކެވެ. އަމިއްލަ އަތުން ރޭނޭ ވަރުގަދަ ފާރެކެވެ. އަހަރެމެންގެ މިކުޑަކުޑަ މުޖްތަމަޢުގެ ހަމަޖެހުން ގެއްލި، ކައިވެނިތައް ރޫޅި، ކުށުގެ ވެށްޓެއް ގާއިމްވުމަށް ލިބޭ ބާރަކަށްވެސް މިކަން ވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ޤައުމު ކުރިއަށް ދާނީ، ވަކި ވަކި ފަރުދުންނަށް ލިބޭ ކުރިއެރުމަކުންނެވެ. ތިމާއަތުގައި އަގުބޮޑެތިހާ އެއްޗެއްހުރުމަކީ ކުރިއެރުމެއް ނޫނެވެ. ހަޤީޤީ ކުރިއެރުމަކީ، ތިމާގެ އަމިއްލަ ޙާލައިގެން ތިމާއަށް އުޅެވުމެވެ. އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމެވެ. ތިމާއަށް ލިބޭ އާމްދަނީއިން ތިމާގެ ހުރިހާކަމެއް ފުއްދުމުގެ ޤާބިލިއްޔަތުކަން ތިމާގެ ކިބައިގައި ހުރުމެވެ.