އަނެއްކާވެސް އާކަމެކެވެ. ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްގަމު އުޅަނދުތައް ބޭނުންކުރެވޭނެ އެންމެ ދިގު އުމުރެއް ކަނޑައެޅުމުގެ ވާހަކައެވެ. މިއީ ތަހުޒީބީ މުޖުތަމަޢުތަކުގައި މިކަން ކުރަމުން އަންނަ ގޮތްކަމަށް ސަރުކާރުންވަނީ ބުނެފައެވެ. ތަހުޒީބީ ޤައުމުތަކުގައި މިކަން މިގޮތަށް ކޮށްއުޅުނުކަމުގައި ވީނަމަވެސް، އަޅުގަނޑުމެންގެ މިދިވެހިރާއްޖޭގައި މިކަން މިގޮތަށް ކުރާކަށް އަދި އަޅުގަނޑަކަށް ނުފެނެއެވެ.

އާންމު މީހަކަށް ބަލާލަމާ ހިނގާށެވެ. ރާއްޖެއިން ބޭރުން ގެންނަ ސައިކަލުން ޑިއުޓީއަށް 100% ގެ ޓެކުހެއްދައްކާފައި ދިވެހިރާއްޖޭގެ ފިހާރަތަކުގައި ވިއްކަން ބަހައްޓާ ސައިކަލު 2 އަހަރުދުވަހުން އަގުހަމަކުރާގޮތަށް މިނަގަނީ އަތުގައި މާބޮޑުއެއްޗެއް އޮވެގެނެއް ނޫނެވެ. ހުސްހަށިބައި ދުވަހު ލިބޭ މުސާރައިގެ ބޮޑުބައެއް ހޭދަކޮށްލާފައި ސައިކަލެއް ގަންނަނީ ގިނަދުވަސްތަކަކަށް އެސައިކަލު ބޭނުންކުރުމުގެ އުއްމީދުގައެވެ. ތިމާގެ މުސްތަޤުބަލު ކަމުގައިވާ ދަރީން ސްކޫލަށް ގެންދިޔުމާއި، ގޭގެ ވިޔަފާރިކޮށްލުމަށް ވާނެ ފަސޭހައަކަށް ވިސްނާފައެވެ. ނޫނީ ތިމާގެ އަލަތު އަނބިމީހާއާއި އެކު މާލެ ވަށާ ފިނިބުރެއް ޖަހާލުމުގެ އުއްމީދުގައެވެ. ފަހަރުގައި މިހާކުރިއަށް ވިސްނާމީހަކު ނުހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، މަދު އާމްދަނީއެއް ލިބޭ މީހަކު މިފަދަ ބޮޑު ޚަރަދެއްކުރަން ނިންމާއިރު ދުރާލާ ވިސްނާ ވިސްނުންތަކެއް ހުންނާނެކަން ޔަޤީނެވެ.

ތިމާ ކުރާ ބޮޑު އިންވެސްޓްމަންޓް ރަނގަޅު ރަނިންގ ކޮންޑިޝަނެއްގައި ހުއްޓާ ‘އެއްލާލަން’ ޖެހުމަކީ އެހާ ހަމަޖެހޭކަމެއް ކަމަށް ޤަބޫލެއްނުކުރެވެއެވެ. ފަހަރުގައި ވެހިކަލްތަކުގެ އުމުރަކީ ވަރަށް ދިގު އުމުރެއް ކަމުގައިވެސް ނިންމަފާނެއެވެ. މިހެން ހެދިކަމުގައި ވީނަމަވެސް، އެކި ސައިކަލަކީ އެކި ކޮލިޓީގެ ސައިކަލުކަމުގައި ބަލައިގަންނަންޖެހެއެވެ. ލިފާން ސައިކަލަކާއި ހާލީ ޑޭވިޑްސަންއަކާ ހަމަހަމައެއް ނޫނެވެ. ނުވެސް ކުރެވޭނެއެވެ. މިއީ ކޮލިޓީގެ ގޮތުން އުޑާއި ބިމާހާއި ތަފާތު ދެ ސައިކަލް ބްރޭންޑެވެ.

އުމުރެއް ކަނޑައެޅުމުގެ ބަދަލުގައި އަޅުގަނޑަށް ފެންނަނީ ރާއްޖޭގައިވެސް އެގްޒޯސްޓް އެމިޝަން ސްޓޭންޑަރޑް އެއް އެކުލަވާލުމަށެވެ. މޮޓޯ ސައިކަލާއި، ކާރާއި، ހެވީ ވެހިކަލާއި އަދި އިންޑަސްޓްރިއަލް މެޝިނަރީ ގިންތިކޮށް، މި ވެހިކަލްތަކުން ނިކުންނަ ދުމުގެ މިންވަރު ވަކި ހައްދެއްގައި ހިފެހެއްޓިފައި ހުރުމަށް ސްޓޭންޑަރޑްތަކެއް ކަނޑައެޅުމަށެވެ. މިހެން ހެދުމުން ރަނގަޅަށް ބަލަހައްޓާ ވެހިކަލްތަކާއި، ކޮލިޓީގެ ގޮތުން ރަނގަޅު ވެހިކަލްތައް ގިނަދުވަހު މަގުމަތީގައި ގެންގުޅެވޭނެއެވެ. އަދި، އަޅުގަނޑުމެންގެ ދިފާއީ ބާރު؛ އެމް.އެން.ޑީ.އެފް އިން (ގިނަފަހަރަށް) ދުއްވާފަދަ ބާ، ކާޅުދުން ނިކުންނަ ވެހިކަލްތަކުގެ އިންޖީނުތައް ރަނގަޅުކޮށް، ދުއްވުމަށްވެސް އިތުރު ބާރަކަށް ވެގެން ދާނެއެވެ. މީގެއިތުރުން އެގްޒޯސްޓް ކެޓަލިސްޓް ފަދަތަކެތި ގެންގުޅުން އާންމުކުރެވެއްޖެނަމަ، ޚަރަދުކުޑަ، އިސްރާފުމަދު، ތިމާވެއްޓާއި ރައްޓެހި ނިންމުމެއް ނިންމުނީއެވެ. މީގެ އިތުރުރަށް، ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ކަނޑުގައި ދުއްވާ އުޅަނދުފަހަރަށާއި އެ އުޅަނދުފަހަރުގައި ބޭނުންކުރާ މެޝިނަރީއާއި، ރާއްޖޭގެ ރައްރަށުގައި އޮޕަރޭޓް ކުރަމުންދާ ޖަނަރޭޓަރތަކަށް އެގްޒޯސްޓް އެމިޝަން ސްޓޭންޑަރޑްއެއް ކަނޑައެޅުން މުޙިއްމުކަމުގައިވެސް ފެނެއެވެ. މިހެން ހެދުމުން ރައްރަށުގައި ހުރި ބާ ޖެނަރޭޓަރުތަކާއި މުސްކުޅި މެރިން އިންޖީނުތަކުން ކަޅުދުން ނުނިކުންނަވަރަށް މަރާމާތުކުރުމަށް ނުވަތަ ނިކުންނަ ދުމުގެ އަސަރު ދައްކުރުމަށާއި އަޑުމަޑުކުރުމަށް ‘ވޯޓަރ ލޮކް’ ފަދަތަކެތި ބޭނުންކުރުމަށް ބާރަކަށްވެގެންދާނެއެވެ.

އެގްޒޯސްޓް އެމިޝަން ސްޓޭންޑަރޑްގެ އިތުރުން ނޮއިސް ޕޮލިއުޝަން ދައްކުރުމަށް ސްޓޭންޑަރޑްތަކެއް ކަނޑައެޅުމަކީވެސް ރަނގަޅުކަމެއްކަމުގައި ދެކެމެވެ. މިހެން ހެދުމުން، ވެހިކަލްތަކުގެ އަޑު ވަކިމިނެއްގައި ހިފެހެއްޓުމަށް މަޖުބޫރުވާނެއެވެ. ކުޑަ ދަރިފުޅުގެ ހަތަރެސްފައި ކޮޅަށްޖެހޭވަރަށް އަޑުހުންނަ ވެހިކަލްތައް ކޮންޓްރޯލްކޮށް، ރައްރަށުގެ އިންޖީނުގެތަކުން އަޑު ބޭރުނުވާނެފަދަ ގޮތަކަށް ޢިމާރާތްތައް ބެހެއްޓުމަށް ލިބޭބާރަކަށް ވެގެންދާނެއެވެ.

ދިވެހިރާއްޖޭގެ ކަންކަން ތަރައްޤީކުރަން އެބަޖެހެއެވެ. ތިމާވެއްޓާރި ރައްޓެހިގޮތްތައް ޚިޔާރުކުރަންވެއްޖެއެވެ. ނަމަވެސް، މިއީން ކޮންމެ ނިންމުމަކީ ނިކަމެތި މީހާއަށް އޭގެ ގެއްލުން ލިބޭނެގޮތަށް ބައްޓަންވެފައިވާ ކަމަކަށްވަނީނަމަ، މިއީ ދިވެހިރާއްޖޭގެ މުޖްތަމަޢުއަށް އެންމެ ފައިދާހުރި ގޮތްކަމުގައެއްނުވާނެއެވެ. ލިބޭމީހާ ބޭނުންކޮށް ބާވެފައިވާ ‘ސައިކަލު ގަނޑު’ މަރާމާތުކޮށް، ދައުލަތުގެ ސްޓޭންޑަރޑްތަކަށް ފެތޭވަރަށް ރީފަބްރިޝްކޮށް ދުއްވޭނެ މަގެއް ޤައުމުގެ ވެރީންގެ ހައިސިއްޔަތުން ކޮށައިދޭން ޖެހޭނެއެވެ. ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި އެކަށޭނެ ފެންވަރެއްގެ ޕަބްލިކް ޓްރާންސްޕޮރޓޭޝަން ސިސްޓަމެއް ނެތްހާލު، ވެހިކަލްތައް ލިމިޓްކުރަން ނިންމުމަކީ މުޖްތަމަޢުއަށް އެންމެ ފައިދާހުރި ގޮތްކަމުގައި ނުދެކެމެވެ. މާލޭގެ މަގުތަކުގެ ސައިޒަށް ބެލުމަށްފަހު، ކާރު އެތެރެކުރާ މިންވަރު މަދުކުރުމަކީވެސް ވެހިކަލްތަކުގެ ތޮއްޖެހުން މަދުކުރުމަށް އެޅޭނެ ރަނގަޅު ފިޔަވަޅެއްކަމުގައި ދެކެމެވެ. ގަރާޖްތަކަށް މަތިމައްޗަށް ކާރު ރަޖިސްޓްރީކުރަން ދީފައިވާ ނުވަތަ ދެވިފައިވާ ހުއްދައަށް ހައްލެއް ގެނެވިއްޖެނަމަވެސް، ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ. މިއީ ޓްރާންސްޕޯރޓް މިނިސްޓްރީ އަށާއި، މިނިސްޓްރީގެ ވެރިންނަށް ނޭންގި ހިގަމުންދާ ކަމެއްނޫނެވެ.

މާލެއިން މީހުން މަދުވުމުން ވެހިކަލްތަކުގެ ތޮއްޖެހުމަށް ހައްލެއް ލިބިގެންދާނެއެވެ. ނަމަވެސް، މާލެއިން ލިބޭ ހުރިހާ ޚިދުމަތެއް އެފެންވަރަށް ނުވަތަ އެއަށްވުރެ ރަނގަޅުފެންވަރަކަށް ލިބޭނެ އެހެން ސަރަޙައްދެއް ބިނާކުރެވިގެންނޫނީ މިކަން ވާކަށްނެތްކަން ނޭންގޭމީހަކު މިރާއްޖޭގައި ހުންނާނެކަމަކަށް އަޅުގަނޑަކަށް ލަފައެއްނުކުރެވެއެވެ.

ވައިސާފުކުރާ ވާހަކަ ދައްކާއިރު އަދި އިތުރުކަމެއް ފާހަގަ ކޮށްލާނަމެވެ. މާލޭގެ ދެކުނު ފަރާތު އަޅާފައިވާ ދެ ‘ކުނިބޯޓުން’ ވައިތަގައްޔަރުކުރުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތަކީވެސް ކޮންމެވެސް ފަރާތަކުން އަކަމަށް ފިޔަވަޅެއް އަޅަން ޖެހޭކަމެއްކަމަށްދެކެމެވެ. ކަންކަން އިސްލާހުވާން ފަށަންވާނީ ދައުލަތާއި ދައުލަތުގެ ވެރިންނާއި ހިސާބުންނެވެ. އެންމެ ނިކަމެތި މީހާއާއި ހިސާބަކުންނޫނެވެ. ދައުލަތުން ކޮށްފައިވާ ނުވަތަ ކުރަމުންދާ މިފަދަ ކަންކަމަކީ އެންމެ ފުރަތަމަ ހުއްޓަންޖެހޭ ކަންކަން ކަމުގައި ޤަބޫލުކުރެވެއެވެ. އަޅުގަނޑުމެންގެ މަންދޫބުންނާއި ކަންކަން ނިންމަން ތިބި ބޭފުޅުން ދިވެހި މުޖުތަމަޢުއަށް ނިކުމެ، އެންމެ ނިކަމަތި މީހުންގެ އިޙްސާސްތަކާއި ޝުއޫރުތައް ކަނުލައި އަޑުއަހާނަމަ މިފަދަ ޚިޔާލުތައް މަދުވާނެކަމަށް ލަފާކުރެވެއެވެ. ތިމާ އާއި އެއްފެންވަރުގެ މީހުންނާއި އެކު ހޭދަކުރާވަގުތު މަދުކޮށް، އެހެނިހެން ގިންތީގެ މީހުންނާއިއެކުވެސް ވަގުތު ހޭދަކުރުމުގެ ވިސްނުމެއް ގެންގުޅުމަކީ އަޅުގަނޑުގެ އުއްމީދެވެ. އަދި މިއީ އެބޭފުޅުންނަށްވެސް އޭގެން ފައިދާއެއް ކޮށްފާނެކަމެއް ކަމުގައި ޤަބޫލުކުރެވެއެވެ. ޕޮލިސީ ލެވެލްގައި އަދި އިމްޕްލިމެންޓް ނުކުރިކަމުގައިވީނަމަވެސް، ދައުލަތުގެ އިސްވެރީންގެފަރާތުން ފާޅުކުރާ ނުވަތަ ފާޅުވާ މިފަދަ ޚިޔާލުތަކުގެ ސަބަބުން ސިޔާސީގޮތުންވެސް ކޮންމެވެސްކަހަލަ ހީނަރުކަމެއް އައުމަކީ ދުރުގައިއޮތް ކަމެއްނޫނެވެ.

 

Vehicles - GDh.Thinadhoo