ކުށް ކުރުން ހުއްޓުވުމަށް ނުވަތަ މަދުކުރުމަށް މިރާއްޖޭގައި އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެންމެ ގިނައިން ކުރާއެއްކަމަކީ އެކުށްކުރި މީހާއަށް އަދަބު ދިނުމެވެ. ނުވަތަ އަދަބު ދެވޭތޯ ބެލުމެވެ. އެކި ނަންނަމުގައި ޖޫރިމަނާކުރުމާއި، ހައްޔަރު ކުރުމާއި، ޖަލައްލުމާއި، އަރުވާލުމާއި، ގޭގައި ބަންދުކުރުން ފަދަ ކަންކަމަކީ އެންމެ ގިނައިންކުށްވެރިންނަށް ދެވޭ އަދަބުތަކުގެ ތެރޭގައި ހިމެނޭކަންކަމެވެ. ސުވާލަކީ ކުށްކުރާމީހުންނަށް މިއަދަބުތައް ދިނުމުން، އެ އަދަބެއް ދޭ މަޤްސަދު ހާޞިލް ވޭބާވައެވެ؟ ބައެއްފަހަރު ވެއެވެ. ގިނަފަހަރު ނުވެއެވެ. ރާއްޖޭގައި ކުށުގެ ރިކޯރޑް އޮންނަ މީހުން އެފަދަކުށްތަކުގައި ތަކުރާރުކޮށް ހައްޔަރު ކުރަމުންދިޔުމަކީ މިމަޤްސަދުތައް ހާޞިލް ނުވާކަމުގެ ހެއްކެކެވެ. މިއީ އަދަބު ކަނޑައެޅުމުގައި އެކަށީގެންވާ ވަރަށްނުބަލައި، ނުވިސްނައި، މިކުރެވެނީ ކީއްކަން ނޭނގި އަދަބުތައް ކަނޑައަޅަންފެށުމުން ވާނެވެސް ގޮތެވެ.

ޖިނާއީ ކުށްކުށަށް މައިގަނޑުގޮތެއްގައި އަދަބުދެނީ ހަތަރުކަމެއް ނުވަތަ މަޤްސަދެއް ޙާޞިލްކުރުމަށެވެ. ފުރަތަމަ ކަމަކީ އެމީހަކު ކުރި ކުށަކަށް ބަދަލުހިފުމެވެ. ދެވަނަ ކަމަކީ އެކުށްކުރި މީހެއް އެމުޖުތަމަޢުއަކުން އެކެހެރިކޮށް، ދެވަނަފަހަރަށް އެކުށެއް ތަކުރާރުކުރުމުގެ ފުރުޞަތު ނުދިނުމެވެ. ތިންވަނަ ކަމަކީ އެކުށްކުރި މީހަކު އިސްލާހުކޮށް އަނބުރާ މުޖްތަމަޢުއަށް ގެނެއުމެވެ. އެންމެ ފަހު އަދި އެންމެ މުޙިއްމުކަމެއްކަމަށް ފާހަގަކޮށްލަން އޮތީ، އިތުރަށް އެފަދަ ކުށްތައް މުޖްތަމަޢުގައި ތަކުރާރުވުން ހުއްޓުވުމަށް އަދި ކުށްކުރުމަށް އަޒުމްކަނޑައަޅާ މީހުން “ބިރުގެންނެވުމަށް” ނުވަތަ މަދުކުރުމަށް ކުށްކުށަށް އަދަބު ކަނޑައެޅި ތަންފީޒުކުރުމެވެ. ކުށަކަށް ދެވޭނެ އެންމެ ފުރިހަމަ އަދަބަކީ އިސްވެދެންނެވުނު ހަތަރު މަޤްސަދު ޙާޞިލްވާނެ ގޮތަށް ނުވަތަ އޭގެތެރެއިން ގިނަ މަޤްސަދުތަކެއް ޙާޞިލްވާނެގޮތަށް ދެވޭ ނުވަތަ ކަނޑައެޅޭ އަދަބުތަކެވެ. ނަމަވެސް، އަޅުގަނޑުމެންގެ މިދިވެހި މުޖްތަމަޢުއިން އަޅުނަޑަށް ފެންނަނީ އަބަދުވެސް ޖަލުގައި ބަންދުކޮށްގެން ނުވަތަ ބޮޑެތި ޖޫރިމަނާތައް ކޮށްގެން އަދަބުތައް ދެމުން އަދަބުތައް ކަނޑައެޅެމުން އަންނަތަނެވެ.

ތަރައްޤީވެފައިވާ ޤައުމުތަކުގައި ޖިނާއީ ކުށްކުށަށް އަދަބު ކަނޑައެޅުމުގައި ހަތަރު ފަރާތެއްގެ ނުފޫޒު ވަރަށް ބޮޑަށް ފޯރައެވެ. އެއީ ސިޔާސީ ފަރާތްތަކުގެ ނުފޫޒާއި، އަދުލު އިންސާފު ގާއިމް ކުރުމާއި ތަންފީޒް ކުރާ ބާރުތަކުގެ ނުފޫޒާއި، ނޫސްވެރިންގެ ނުފޫޒާއި، ސައިންޓިފިކް ނަޒަރަކުން ޖިނާއި ކުށުގެވެއްޓަށް ބަލައި ދިރާސާކުރާ ޢިލްމީ ބޭފުޅުންގެ ނުފޫޒެވެ. މިދެންނެވި ހަތަރު ފަރާތުގެ ތެރެއިން މިދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވަނީސިޔާސީ ފަރާތްތަކުންނެވެ. މީގެ ބަދަލުގައި އަޅުގަނޑު ދެކޭގޮތުގައި ޖިނާއި އަދުލުގެ ނިޒާމް ބައްޓަންކުރުމުގައި އެންމެ ބޮޑު ނުފޫޒެއް އޮންނަންވީ ސައިންޓިފިކް ނަޒަރަކުން މިކަންކަންބަލާ ދިރާސާކުރާ ފަރާތްތަކަށެވެ. އެހެން ގޮތަކުން ދަންނަވަނީނަމަ، ސޯސިއަލޮޖިސްޓުންނަށް ނުވަތަ ކްރިމިނަލޮޖިސްޓުންނަށެވެ. އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ތަރައްގީވެފައިވާ ޤައުމުތަކުގައި މިކަންކުރަނީ މިބީދައިންނެވެ.

އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ކްރިމިނޮލޮޖީ ފަދަ ކޮމިޝަންތަކަކީ ދައުލަތުގެ ފަރާތުން މިފަދަ ޢިލްމީ ލަފާ ހޯދުމަށް ޤާއިމްކޮށްފައިވާ ތަންތަނެވެ. އެޤައުމުތަކުގައި ހިނގަމުންދާ އެކިއެކި ކުށްތައް މަދުކުރުމަށް ތަންފީޒީ އިދާރާތަކާއި، ޖުޑިޝަރީއާއި، ޤާނޫނުހަދާ މަޖްލިސް ގުޅިގެން ޤާނޫނާއި ޤަވައިދުތަކަށްް ގެންނަން ބޭނުންވާ ބަދަލުތައް ގެނެއުމާއި، އާންމު ތަންތަނާއި މަގުތަކާއި ގެދޮރު އަމާންކޮށް ބޭއްވުމަށްޓަކައި ބޭނުންކުރަމުންދާ އުޞޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެއުމަށް އެންމެ އިތުބާރު ލަފާދެމުންއަންނަ، ޤާނޫނީ ބާރު ލިބިގެންވާ ކޮމިޝަންތަކެވެ. ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ޢިލްމީ ބޭފުޅުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަންތަކެކެވެ. ޖިނާއީ އަދަބުތައް ކަނޑައެޅުމުގައި ހާޞިލްކުރަން ބޭނުންވާ މަޤުޞަދުތައް ހާޞިލްވާގޮތަށް ކުށްކުށައް އަދަބުކަނޑައެޅުމަށް ލަފާދޭ ކޮމިޝަންތަކެކެވެ. މިފަދަ ކޮމިޝަނަކަށް ދިވެހިރާއްޖެ ބޭނުންވެފައިވާ މިންވަރު އަޅުގަނޑުމެންގެ މިދިވެހި މުޖުތަމަޢުއަށް މިއަންނަމުންދާ ބަދަލާއި، ކުށްކުރުން އިތުރުވަމުންދާ ނިސްބަތުން ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ފެންނާން އެބައޮތެވެ. އަޅުގަނޑަށް ފެންނަގޮތުގައި މިފަދަ ކޮމިޝަނަކީ ރާއްޖޭގައި އުފައްދަން މާބޮޑަށް ލަސްވެފައިވާ ކޮމިޝަނެކެވެ. އެ އަދަބެއް ދިނުމުން އެއަދަބަކުން ޙާޞިލްކުރަން ބޭނުންވާ ކަންކަމަށް ވިސްނުމަށްފަހު، އެކަމުގެ މާހިރުންގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަނޑައެޅޭ އަދަބުތަކަކީ، އިސްވެ ދެންނެވިގޮތަށް ކަނޑައެޅޭ އަދަބުތަކަށްވުރެ ރަނގަޅު، ކުށްކުރުން މަދުކުރުމަށް އެހީތެރިވެދޭނެ އަދަބު ތަކެއްކަމުގައި ވެގެންދާނެއެވެ.

އަޅުގަނޑު އުންމީދުކުރަނީ ދިވެހި ރައްޔިތުން އިންތިޚާބުކުރި 18 ވަނަ ރައްޔިތުންގެ މަޖްލީހަކީ ދިވެހިރާއްޖެއަށް މިފަދަ ކޮމިޝަނެއް ތައާރަފްކޮށް، ދިވެހިންނަށް އަމާން މުސްތަޤުބަލެއް ގެނެސްދިނުމަށް ވަރަށް ކެރިހުރެ މަސައްކަތް ކުރާނެ މަޖްލީހެއްކަމުގައި ވެގެން ދިޔުމެވެ. ހަމަ ގައިމުވެސް، މިކަމުގައި އަޅުގަނޑަށް ވެދެވެންއޮތް އެހީތެރިކަމެއް ފޯރުކޮށްދޭން އަޅުގަނޑު މިހުރީ ތައްޔާރަށެވެ. ސުވާލަކީ ރައްޔިތުންގެ މަންދޫބުން ތިބީ ތައްޔާރަށް ތޯއެވެ؟