ޓެކްސް ނެގުމަކީ އަޅުގަނޑުމެން ރާއްޖޭގައި އެކި ދުވަސްވަރު، އެކި ނަންނަމުގައި ކުރަމުން އަންނަ ކަމެކެވެ. ދިވެހިރާއްޖެ އެތެރެކުރާ މުދަލުން ނަގާ ޑިއުޓީއާއި، އެއްގަމު އުޅަނދުތަކުން ނަގާ އަހަރީ ފީއާއި، ވިއްކާ ރެވެނިއު ސްޓޭމްޕް ތަކާއި، ވިޔަފާރި އެކި އެކި ހުއްދަތަކަށް ނަގާ އަހަރީ ފީތަކާއި މިނޫންވެސް އެކި އެކި ނަންނަމުގައި ޓެކްސްގެ ގޮތުގައި ޒަމާނުއްސުރެ ފައިސާ ނަގަމުން އަންނަ ޤައުމެކެވެ. ނަމަވެސް، ރައީސް ނަޝީދުގެ ވެރިކަމުގައި އެކި ޒާތްޒާތުގެ ޓެކްސް ނެގުން މެކުހަށްޖަހައި، ރައްޔިތުމީހާއަތުން ދައުލަތަށްނަގާ ފައިސާ ގިނަކޮށް، ދަޢުލަތުގެ އާމްދަނީ ވަނީ އެތައް ގުނައަކަށް ބޮޑުކޮށްފައެވެ. ބޭނުމަކަށްވީ، “ލިބޭ މީހާއަތުން” ނަގައި “ނުލިބޭ މީހާއަތަށް” ދޭ ޘަގާފަތެއް ތައާރަފް ކުރުންކަމުގައި އޭރު ވާހަކަ ދެކެވުނެވެ. ނަމަވެސް ކަންވީ ދިމާ އިދިކޮޅަށެވެ. ޖީ.އެސް.ޓީ ގެ ގޮތުގައި ނަގާ ޓެކުހަކީ އެންމެ ނިކަމެތި މީހާއަތުން ނަގައި ވިޔަފާރިވެރިން ދައުލަތައް ދައްކާ ޓެކުހެކެވެ. މުދަލުން ނެގޭ ޑިއުޓީއަކީވެސް ހަމަ މިދެންނެވި ނިކަމެތި ރައްޔިތުމީހާއަތުން ނެގޭ ޓެކުހެކެވެ.

ކޮންމެއަކަސް މިއަދު އަޅުގަނޑުމެންނަށް މިވަނީ އައު ވައްތަރެއްގެ ޓެކުހަކާ ކުރިމަތި ލާންޖެހިފައެވެ. އަތުގެ ނެތް ލާރިން 20 އަހަރުދުވަހަށް، ގިނަފަހަރަށް ރިބާ ހިމެނޭގޮތުގެ މަތީން ނަގާ ލޯނުން ގަންނަ ނުވަތަ ހޯދާ ބޯހިޔާވަހިކަމަށް ދައުލަތަށް 15% ގެ ޓެކްސްއެއް ދައްކަން ވަނީ ޖެހިފައެވެ. މިއީ އަޅުގަނޑަށް ޤަބޫލުކުރެވޭ ކަންކަމެއް ނޫނެވެ. ޓެކްސް ނަގާ އިރު ނުލިބޭ މީހާ އަތުން “ދަމާ” އެއްޗެހި މަދުކުރުމަށް ވިސްނުމަކީ ނެތްކަމެއް ނޫނެވެ. ފްލެޓްތަކަށް ނަގާ ޓެސް ނެގޭ ގިންތިއަށް ކުޑަކުޑަ ބަދަލެއް ގެންނަނިކޮށް މިއީ ރައްޔިތުން ހިތްހަމަޖެހޭފަދަ ޓެކުހެއް ކަމުގައި ވެގެން ހިނގައިދާނެއެވެ. މިޓެކްސް ނެގުމުގެ މައިގަނޑު ސަބަބަކީ މާލޭގައި މިހާރަކަށްއައިސް މިވިއްކާ ލަގްޒަރީ ފްލެޓްތައްކަމުގައި އަޅުގަނޑަށް ލަފާކުރެވެއެވެ.

ގެންނަން ފެންނަ ބަދަލުތައް:

ފްލެޓްގެ ކުޑަބޮޑުމިނުން ޓެކްސް ނެގުން:

700 ވަރަކަށް އަކަފޫޓަށްވުރެ ކުދި ފްލެޓުން ޓެކްސް ނުނަގާގޮތަށް ނިންމުމުން، ކުދި ފްލެޓް ގަންނަ ނިކަމެތި ރައްޔިތުމީހާއަށް އިތުރު ލުޔެއް ލިބިގެންދާނެއެވެ. ބޮޑެތި ފްލެޓް ގަންނާނީ އަތްމަތި ކޮންމެވެސް ވަރަކަށް ތަނަވަސް މީހުންކަމުގައި ބެލުމަކީ މައްސަލައެއް ކަމުގައި ނުދެކެމެވެ.

ފްލެޓްގެ އަގުގެ ނިސްބަތުން ޓެކްސްނެގުން:

ފްލެޓްގެ ބޮޑުމިނުން ކޮންމެ އަކަފޫޓަކަށް ގާތްގަނޑަކަށް 1000 ރުފިޔާ އަށްވުރެ މަތިން ވިއްކާ ފްލެޓްތަކުން ޓެކްސް ނެގުމުން، ލަގްޒަރީ މާކެޓްގައި ވިއްކާ ފްލެޓްތަކުން ދަޢުލަތައް އާމްދަނީ އިތުރުކުރެވުނީއެވެ. ގިނަފަހަރަށް ލަގްޒަރީ ފްލެޓްތައް ގަންނާނީ މުއްސަނދި ފައިސާވެރިންކަމުގައި ބެލުމަކީ އެންމެ ރަނގަޅުކަމެއްކަމުގައި ދެކެމެވެ.

އެމީހެއްގެ އާޢިލާގެ މެންބަރެއްގެ ނަމުގައި ގޯއްޗެއް ނުވަތަ ފްލެޓްއެއް އޮތްނަމަ، ޓެކްސްނެގުން.

ފްލެޓަކަށް ކުރިމަތިލުމުގައްޔާއި، ކަރަންޓު ސަބްސިޑީ ހޯދުމަށް ޢާއިލާ އެންމެންގެ ތަރިކަ މުދަލާއި ލިބޭ އާމްދަނީއަކީ މުޙިއްމު ރޯލެއް އަދާކުރާ އެއްޗެކެވެ. ވީމާ، ފްލެޓް ތަކުން ނަގާ ޓެކްސް ނެގުމުގައިވެސް މިކަންކަމަށް ރިއާޔަތްކުރުމަކީ އެންމެ ރަނގަޅުކަމެއް ކަމުގައި ދެކެމެވެ. އެމީހަކަށް ވާރުތަވާން އޮތް ބިމެއް އޮތްތޯ ބެލުމާއި، އެމީހެއްގެ ނަމުގައި ނުވަތަ ތިމާގެ އަނބިދަރީންގެ ތެރެއިން މީހެއްގެ ނަމުގައި ފްލެޓެއް ނުވަތަ ގޯއްޗެއް ވޭތޯބަލައި، އެފަދަފަރާތްތަކުން ގަންނަ ފްލެޓްތަކުން ޓެކްސް ނެގުމަކީ އެންމެ ރަނގަޅުކަމެއް ކަމުގައި ދެކެމެވެ. އެނޫން ފަރާތްތަކަކީ ބޯހިޔާވަހި ކަމުގެ ޒަރޫރީ ބޭނުން ފުއްދުމަށް އަތުގައި ހުރި ހުރިހާއެއްޗަކާއި ކުރިއަށް އޮތް 20 އަހަރު ލިބޭންހުރި ފައިސާއެއް ހޭދަކުރުމަށް މަޖުބޫރުވެފައިވާ މީހުންކަމުގައި ބަލުމަކީ މައްސަލައެއްކަމުގައި ނުދެކެމެވެ.

ބޭރުގެ ފަރާތްތަކުން ގަންނަ ފްލެޓްތަކަށް ޓެކްސްނެގުން.

މިހެން އޮތުމުން، ބޭރުގެ ފަރާތްތަކުން ކިތަންމެ ކުޑަ ނުވަތަ އަގުގެގޮތުން ހެޔޮ ފްލެޓެއް ގަތްކަމުގައިވީނަމަވެސް، ޓެކްސް ދައްކަންޖެހެނޭއެވެ. އެހެން ޤައުމުތަކުގެ މުއްސަނދީންގެ އަތުން ޓެކްސް ނެގުމަކީ މައްސަލައެއްކަމުގައި ނުދެކެމެވެ. ރާއްޖޭގެ މުޖްތަމަޢުއަށް މިކަމުން ކުރާނެ ގެއްލުމެއްވެސް ނުވަތަ ފައިދާއެއްވެސް އޮތްކަމަކަށް ނުފެނެއެވެ.

މިއީ އަޅުގަނޑުގެ ހިޔާލެވެ. އިޤްތިޞާދީ މާހިރުންގެ ހިޔާލު މިއަށް ވުރެން ތަނަވަސްވެފައި، ދެންނެވުނު ކްރައިޓީރިއާތައް ޕްރެކްޓިކަލް ކްރައިޓީރިއާތަކަކަށް ހެދުމަށް ހުންނަ ޤާބިލިއްޔަތުކަން ފުރިހަމަވާނެކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. ކޮންމެވެސް ވަރެއްގެ ކްރައިޓީރިއާތަކެއް ލުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ހަމަގައިމުވެސް އަޅުގަނޑަށް ފެނެއެވެ. ބޯހިޔާވަހަކި ކަމަކީ އިޖްތިމާޢީ ހަމަޖެހުމަށް މުހިންމުކަމަކަށް ވާހިނދު، ދައުލަތުން ކަންކަން ނިންމާއިރު އިޖްތިމާޢީ ހަމަޖެހުމަށް ބަލާލުމަކީ އޭގެ އެންމެ ފައިދާހުރިގޮތް ކަމުގައި އަޅުގަނޑަށް ފެނެއެވެ.

ޓެކްސް ނަގުމަކީ ޞަދަޤާތާއި، ޒަކާތުން މުޖުތަމަޢުއަށް ކުރާ ފައިދާ ލިބިދެވޭނެ “އެހެން ގޮތެއް” ހޯދައި ދިނުން ނުވަތަ ދިނުމަށް މަސައްކަތްކުރުން ކަމުގައި ވެދާނެއެވެ. ޒަކާތް ނުނެރޭ ވިޔަފާރިތައް އޮޑިޓްކޮށް، އެފައިސާ ހޯދަން މަސައްކަތްކުރި ނުވަތަ ކުރާތަނެއް ހަމަގައިމުވެސް ވިޔަފާރީގެ ތެރޭގައި ވޭތުވެދިޔަ 15 އަހަރު ހޭދަކުރިއިރު އަޅުގަނޑަކަށް ނުފެނެއެވެ. ނަމަވެސް، ތިމާ މީހާ އަތުގައިވާ ބޮޑުލާރިއިން “ދަޢުލަތުގެ ބައި” ހޯދުމަށް ދަޢުލަތުގެ ފަރާތުން ވާ ޤުރުބާނީއާއި، ކުރާ މަސައްކަތަކީ ލާމަސީލު ނަމޫނާއެކެވެ. މިހުރިހާ ކަންކަމުގެ ތެރެއިންވެސް އަޅުގަނޑުގެ އުއްމީދަކީވެސް އަދި އެދުމަކީވެސް ނިކަމެތި ރައްޔިތުމީހާއަތުން ނަގާ ޓެކްސްތައް މަދުވުމެވެ. އިސްލާމީ ރިވެތި ޢުސޫލުގެ މަތީން ރައްޔިތުން އަތުން ނަގާ ފައިސާ އަކީ ހަމައެކަނި ޒަކާތާއި، ޞަދަޤާތަށް ވުމެވެ. މުޖުތަމަޢުގެ އާންމުހާލަތާއި ގުޅިފައިވާކަންކަމަށް މިއަށްވުރެ ލުއި ގޮތްތަކެއް ފަހިވުމެވެ. ހަފްތާބަންދަށް އަދި “ހޮލިޑޭ ހަދާލަން” ލަންކާއަށް ދާ ފަރާތްތަކަކީ އެންމެން ނޫންކަމުގައި ދަނެ، ރާއްޖޭގެ ސިއްޙީ  ޚިދުމަތުގެ ފެންވަރުދަށްވުމުގެ ސަބަބުން އާސަންދައާއި، ހެޔޮއެދޭ ފަރާތްތަކުގެ އެހީއާއިއެކު، ތިމާ އަތުގައި ހުރި ފައިސާކޮޅުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާދިޔުމަކީ އެހެން “ބޭފުޅުން” ދާ ދަތުރުތަކާއި އުޑާއި ބިމާހާއި ތަފާތު ކަންކަން ކަމުގައި އަޅުގަނޑުމެންގެފަރާތުން ބަސްބުނާ ފަރާތްތަކަށް ވިސްނުމެވެ.